ހުޅުމާލޭ ކޯޓް ނުހެދޭނެ ގޮތަށް ގާނޫނު އިސްލާހުކުރުމަކީ ކޯޓަށް ގޮންޖެއްސެވުމެއް ނޫން: މެމްބަރު ނަޝީދު

ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ ސައްހަ ކޯޓެއް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނިކޮށް، ހުޅުމާލޭގައި ކޯޓެއް ނުހެދޭ ގޮތަށް ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަކީ ކޯޓަށް ގޮންޖެއްސެވުން ނޫން ކަމަށް އެ ބިލް ހުށަހެޅުއްވި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. މި ބިލް މަޖިލީހަށް ހުށަހަޅުއްވަމުން ނަޝީދު ވިދާޅުވީ ކޯޓްތަކުގެ ގާނޫނު ފާސްކުރުމުގައި މަޖިލީހުން ގެންގުޅުނު ނިޔަތާއި ސުޕްރީމް ކޯޓުގެ ހުކުމާ ތަފާތުވުމުން، އެ މައްސަލަ ހައްލުކުރުމަށް މަޖިލިހުން ކުރެވެން އޮތް ކަމަކީ އެ ގާނޫނު ފާސްކުރުމުގައި ގެންގުޅުނު ނިޔަތް، ދެ ވަނަ ގޮތަކަށް ތަރުޖަމާ ނުކުރެވޭ ގޮތަށް ލިޔުން ކަމަށެވެ. އަދި އެކަމަކީ ސުޕްރީމް ކޯޓަށް ލިބިފައިވާ ބާރަކަށް ގޮންޖެހުން ކަމަކަށް ނުވާނެ ކަމުގައި ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑުމެން ހެދި ގާނޫނެއް މާނަކުރުމުގެ ހައްގު އަޅުގަނޑުމެންނަށް ނެތަސް، އެ ގާނޫނު މާނަކުރުމުގެ ބާރު އޮތް މީހުން އެ މާނަކުރާއިރު އަޅުގަނޑުމެން ބޭނުންވާ ނިޔަތް ނޫން އެހެން ނިޔަތެއް އެއިން ނުކުންނަ ކަމަށް ވާނަމަ ގާނޫނަށް ބަދަލު ގެނައުމުގެ ބާރު އަޅުގަނޑުމެންނަށް ލިބިދޭ،" ނަޝީދު ވިދާޅުވި އެވެ. ހުޅުމާލެއަކީ މާލޭގެ އަވަށެއް ކަމަށް ވިޔަސް އެތަނުގައި ކޯޓެއް ހެދޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމައިފަ އެވެ. ނަމަވެސް 2010 ގައި ފާސްކުރި ކޯޓްތަކާބެހޭ ގާނޫނު ފާސްކުރިއިރު ނިޔަތަކީ އެއީ ނޫން ކަމަށާއި އެ ގާނޫނުން ނެރެން ބޭނުންވި ނަތީޖާއަކީ ވެސް އެއީ ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ. ހުޅުމާލެއަކީ ވަކި ރަށެއްގެ ގޮތުގައި ބަލައި، ވަކި މެޖިސްޓްރޭޓް ކޯޓެއް ހެދޭނެކަމުގެ ނިޔަތެއް އަދި ވިސްނުމެއް ވެސް މަޖިލީހުގެ ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އެ ގާނޫނު ފާސްކުރިއިރު މަޖިލީހުގެ ވިސްނުމަކީ މާލޭގައި ހަތަރު ސުޕީރިއާ ކޯޓް ގާއިމުކުރުމާއި ރަށްރަށުގައި މެޖިސްޓްރޭޓް ކޯޓު ހެދުން ކަމަށް ނަޝީދު ވިދާޅުވި އެވެ. "އެއްގޮތަކަށް ވެސް އަޅުގަނޑުމެންގެ ވިސްނުމަކު ނެތް މާލޭގެ އަވަށެއްގެ ގޮތުގައި ބެލޭ ހުޅުމާލެ އަކީ ވިލިނގިއްޔަކީ، އެއީކީ ކުޅުދުއްފުށި ކަހަލަ، ހިންނަވަރު ކަހަލަ، ނައިފަރު ކަހަލަ ރަށެއް ކަމަކަށް. އެއީ މާލޭގެ އަވަށެއް. މައްޗަންގޮޅިއެކޭ ހެންވޭރެކޭ ގަލޮޅެކޭ ހުޅުމާލެއެކޭ ވިލިނގިއްޔެކޭ ތަފާތެއް ނެތް. އަޅުގަނޑުމެން ހިތުން ވަރަށް ސާފުކޮށް ލިޔެވުނު މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ރަށު ކޯޓެއް ހުންނަންވާނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުން މައްސަލައެއްގައި ނިންމާ ގޮތަކީ އެންމެ ފަހު ގޮތް ކަމަށާއި އެ ހުކުމް އެހެން ބަޔަކަށް ބަދަލެއް ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުން ގާނޫނު ހަދައި ގާނޫނަށް ބަދަލު ގެނެސް ގާނޫނު ބާތިލުކުރުމުގެ ބާރު މަޖިލީހަށް ލިބިދޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. މިއަދު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވީ މި މައްސަލައަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރިޔާސީ އިންތިހާބުން އެކަހެރިކުރުމަށްޓަކައި ކުރަމުންދާ މަސައްކަތާ ގުޅިގެން އައި އިސްލާހެއް ކަމަށާއި މި ބިލް "ދާދި އަވަހަށް ފާސްވެގެން ދާނެ" ކަމަށެވެ. މި އިސްލާހަކީ އުއްތަމަ ފަނޑިޔާރުގެ ވެސް ފިކުރުކަން ސުޕްރީމް ކޯޓުގެ ހުކުމުން ފެންނަ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އޭނާ އެހެން ވިދާޅުވީ ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅިއިރު، އެނިންމުމާ އުއްތަމަ ފަނޑިޔާރުގެ ރައުޔު ތަފާތުވެފައި އޮތުމުންނެވެ. ނަޝީދު ހުށަހެޅުއްވި އިސްލާހުގައި ވަނީ ސުޕީރިއާ ކޯޓުތައް ކަމަށްވާ ކްރިމިނަލް ކޯޓު، ސިވިލް ކޯޓު، ފެމިލީ ކޯޓު، ޖުވެނައިލް ކޯޓު، ޑްރަގް ކޯޓު މާލޭގައި ގާއިމުވުމާ އެކު އިތުރު އެއްވެސް މެޖިސްޓްރޭޓް ކޯޓެއް މާލޭގައި ހުރެގެންނުވާނެ ކަމަށެވެ. އަދި ސުޕީރިއާ ކޯޓުތައް މާލޭގައި ހަމަވުމާ އެކު މާލޭގައި ހުރި މެޖިސްޓްރޭޓް ކޯޓު އުވިގެންދާނެ ކަމަށް އެ އިސްލާހުގައިވެ އެވެ. އަދި އެގޮތަށް ކޯޓް އުވުމާ އެކު އެ ކޯޓެއްގައި ހުރި މައްސަލަތައް ސުޕީރިއާ ކޯޓުތަކުގެ ތެރެއިން އެ މައްސަލަތަކާ ގުޅޭ ކޯޓަކަށް ބަދަލުވާނެ ކަމަށާއި އެ ކޯޓެއްގައި ތިބި ފަނޑިޔާރުން ވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަނޑައަޅާ ގޮތެއްގެ މަތިން އެހެން މެޖިސްޓްރޭޓް ކޯޓަކަށް ބަދަލުވާނެ ކަމަށް އެ އިސްލާހުގައިވެ އެވެ. އަދި އެ ކޯޓެއްގައި ތިބި މުވައްޒަފުންނާއި މުދަލާއި ފައިސާއާ މެދު ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަނޑައަޅާ ގޮތަކަށް އަމަލުކުރެވޭނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ