ރައީސް މައުމޫން ހިންގެވި އޮފީހުގެ ސެކިއުރިޓީ ބެލެހެއްޓުން ފުލުހުން ހުއްޓާލައިފި

ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި ކުރީގެ ރައީސް މައުމޫން ހ. ތެމާގައި ހިންގި އޮފީހުގެ ސެކިިއުރިޓީ ކަންކަން ބެލެހެއްޓުން ހުއްޓާލާފައިވާކަމަށް ފުލުހުންގެ އިދާރާއިން އަންގާފައިވާކަމަށް ރައީސް މައުމޫންގެ އޮފީހުން ބުނެފިއެވެ.
ކޯޓް އަމުރެއްގެ ދަށުން ރައީސް މައުމޫން ހިންގެވި އޮފީސް ފުލުހުން ބަންދުކޮށް، އެ އޮފީހުގެ ނަން ބޯޑާއި، އެއޮފީހުގައި ނަގާފައިވާ ޕީޕީއެމްގެ ދިދަ ފުލުހުުން ގެންގޮސްފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ރޭއެވެ.
އެދުވަހުގެ ރޭ ފުލުހުން މައުމޫންގެ އޮފީހަށް ވަދެފައިވަނީ އެރޭގެ އިރުއޮއްސި 6 ޖެހުމުގެ ކުރިން އެތަކެތި ނެގުމަށް މުހުލަތެއް ދިނުމަށްފަހު އެތަކެތި ނުނެގުމުން އޮފީހުގެ ތަޅު ހަލާކުކޮށްލައިގެންވެދެއެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން މައުމޫންގެ ފަޅިން ޕީީޕީއެމްގެ ސެކެރެޓީ ޖެނެރަލްކަމަށް އައްޔަންކުރެއްވި އަބުދުލް އަލީމު ވިދާޅުވީ ފުލުހުން މިއަދު ފޯނުން ގުޅުމަށްފަހު މައުމޫންގެ އޮފީހުގެ ސެކިއުރިޓީ ބެލެހެެއްޓުން ހުއްޓާލާފައިވާކަން އަންގާފައިވާކަމަށެވެ. އަދި މިދިޔަ މަހުގެ 31 ވަަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ސެކިއުރިޓީ ބެލެހެއްޓީ ތަޅު ހަލާކުކޮށްލާފައިވާ އެ އޮފީހަށް އިތުރު ބަޔަކުވަދެ ގެއްލުންދީފާނެކަމަށް ބުނެފައިވާކަމަށެވެ.
އަލީމު ވިދާޅުވީ އެކަން ރަސްމީކޮށް ލިޔުމުން އަންގައިދިނުމަށް އެދުމުން އެފަދަ އުސޫލެއް ނޯންނަކަމަށް ފުލުހުން ބުނެފައިވާކަމަށެވެ.
ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި އެޕާޓީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ހުޅުއްވާފައިވާ އޮފީހުގައި ހަރުކޮށްފައިވާ ނަން ބޯޑާއި، ޕީޕީއެމްގެ ދިދަ ގެންދިޔަ މައްސަލައާއި ގުޅިގެންއެކަންކުރި މީހުންގެ މައްޗަށް ދައުވާކުރައްވާނެކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
ރައީސް މައުމޫންގެ ވިދާޅުވެފައިވަނީ އެމަނިކުފާނު ކުއްޔަށް ހިފާފައިވާ އިމާރާތަކަށް ހުއްދަ ނެތި ބަޔަކު ވަދެ ގެއްލުންދީފައިވާތީ، އެކަމާއި ދައުވާ ކުރައްވާނެކަމަށެވެ. އަދި ފަހުން ރައީސް މައުމޫން ވަނީ އެމަނިކުފާނަށް ލިބިދޭ އެތަށް ހައްގުތަކެއް ނިގުޅައިގަންނަމުންދާތީ، މައުމޫން އެނަން ބޭނުންކުރެވޭނެތޯއާއި އެމަނިކުފާނަކީ މުސްލިމެއްކަމާއި، ދިވެއްސެއްކަމާއި، ގައުމު ދެކެ ލޯބިވާ ބޭފުޅެކޭ ވިދާޅުވެވޭނެތޯ ސުވާލްވެސް ކުރައްވާފައެވެ.
ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި ކުރީގެ ރައީސް މައުމޫން ހިންގެވި އޮފީސް ބަންދުކޮށްފައިވާއިރު، ރައީސް ޔާމީންގެ ފެކްޝަނުން ވަނީ ރައީސް މައުމޫން ޕީޕީއެމްގެ މެންބަރުކަމުންވެސް ވަކިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ