ނެޝެނަލް އިންޓަގްރިޓީ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި
ނެޝެނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެމްބަރުކަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ. އެ ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު އަލުން ހުޅުއްވައިލީ، ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ އަށް މަޝްވަރާ އެރުވުމާ ގުޅިގެންނެވެ. އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހު 6 ވަނަ ދުވަހު 14:00 އާ ހަމަކަށް ހުޅުވާލައިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެންއައިސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެ ފަހަރު، އެ ކޮމިޝަންގެ ކުރީގެ ރައީސް ޔޫސުފް މާނިއުއާ އެކު 26 މީހަކު ކުރިމަތިލި އެވެ. ނަމަވެސް މާނިއު ފަހުން ވަނީ ނަން އަނބުރާ ގެންދަވައިފަ އެވެ. ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް (އެންއައިސީ)އަށް ކުރިމަތިލި ފަރާތްތަކުގެ ނަންތައް ކޮމިޓީއިން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވި ނަމަވެސް، އޭގެއިން އެއްވެސް ނަމަކަށް ރުހުން ނުދީ ރިޕޯޓް އަނބުރާ ކޮމިޓީއަށް ފަހުން ވަނީ ފޮނުވާލަައިފަ އެވެ. ގާނޫނު ބުނާ ގޮތުން އެ ކޮމިޝަންގައި ތިއްބަވާނީ ފަސް މެމްބަރުންނެވެ. ނޭޝަނަލް އިންޓަގްރީ ކޮމިޝަނުގެ ގާނޫނަކީ ފުލުހުންގެ މުއައްސަސާ، އިމިގްރޭޝަން، ކަރެކްޝަނަލް ސާވިސް އަދި ކަސްޓަމްސްގެ މައްޗަށް ހިނގާ ގާނޫނެކެވެ. ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާ ހިލާފު އަމަލުތައް ބަލައި ތަހުގީގު ކުރުން ހިމެނެ އެވެ. އަދި އެފަދަ އަމަލެއް ކަމަށް ތުހުމަތު ކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމަށް ނުވަތަ ހިންގަން އުޅޭ ކަމަށް ތުހުމަތުކޮށް، އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ އެކަމެއް ވެސް ބަލައި ތަހުގީގު ކުރަން އެ ކޮމިޝަނަށް ލާޒިމުވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ