ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސް ކުރެއްވި މަސްވެރިކަމާ ގުޅޭ ހަތަރު ގަރާރުގެ ދަށުން އެއްބަސްވުންތަކެއް ބާތިލް ކުރާ ނަމަ އެއީ ވިސްނަން ޖެހޭ ކަމެއް ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެން ވިދާޅުވެއްޖެ އެވެ.
އެ ގަރާތުތަކާ ބެހޭ ގޮތުން ބަހުސް ކުރައްވަމުން އަލީ ހުސެން ވިދާޅުވީ ފާހަގަވާ އެންމެ ބޮޑު ކަމަކީ މިހާތަނަށް ކުރެވިފައިވާ ބައެއް އެއްބަސްވުންތައް ބާތިލް ކުރުމުގެ ވާހަކަ ކަމަށެވެ.
"މިއަދު އަނެއްކާ ވެސް ހަތަރު އެގްރީމަންޓެއް ބާތިލް ކުރާ ވާހަކަ އޮތީމާ އަޅުގަނޑުމެން އެބަ ޖެހޭ ވިސްނަން އެގްރީމަންޓުތައް ބާތިލް ކުރުމުގެ ކުރިން. އޭގެ ގެއްލުމުގެ ބަދަލު ދޭން ޖެހޭނީ ކިހާ މިންވަރަކަށް ތޯ، ކޯއްޗެއްތޯ،" އަލީ ހުސެން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއްވެސް އެގްރީމެންޓެއް އުވާލުމުގެ ގެއްލުމުގެ ބަދަލު ދޭ ކަމަށްވާ ނަމަ އެ އެގްރީމެންޓުގެ މުއްދަތަށް ބަހާލައިގެން އަހަރަކަށް ޖެހޭ ނިސްބަތުން އަހަރުން އަހަރަށް ކަމަށެވެ.
"އަޅުގަނޑުމެންނަށް މި ފެންނަނީ ޖީއެމްއާރް އެގްރީމަންޓު ބާތިލް ކުރީމާ ދައުލަތް ބޮޑު ތަނުން ދަރައިގެން ދިޔެއީ. ދެން ހުރި އެގްރީމަންޓުތައް ބާތިލް ކުރީމާ އަދި އެއަށް ވުރެ ބޮޑު ތަނުން ދަރައިގެން ދިޔެއީ. މި ސަރުކާރު އައިސްގެން ކުރަން މި ޖެހޭ ހާވެސް ކަމަކީ މިދިޔަ ސަރުކާރުން އެގްރީމަންޓުތައް ބާތިލް ކުރީމާ އޭގެ ގެއްލުމުގެ ބަދަލު ދިނުން. އިތުރު ކަމެއް ކުރާނެ ފައިސާ ހަގީގަތުގައި ރަނގަޅަށް މިއުޅެނީ ޖެނެރޭޓު ނުކުރެވިގެން،" އަލީ ހުސެން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއްބަސްވުންތައް އުވާލަމުންދާ ނަމަ ގާނޫނީ ނަޒަރަކުން ބަލާއިރު ސަރުކާރުތައް ދެމި އޮތުމުގެ ނިޒާމުގެ ދަށުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.އެއްބަސްވުންތައް އުވާލުމުން ވެފައިވާ ގެއްލުން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެއްބަސްވުންތައް އުވާލުމުން ވެފައިވާ ގެއްލުމުގެ ވާހަކަ ދާދި ފަހުން ހިއްސާ ކުރައްވާފަ އެވެ.
އެގޮތުން ގާނޫނާއި ގަވައިދުތަކާ ހިލާފަށް އެގްރީމަންޓުތައް އުވާލުމުން ކޯޓުން ނިންމި މައްސަލަތަކުގައި މިހާތަނަށް 882 މިލިއަން ރުފިޔާ ދައްކަން ޖެހޭއިރު އަދި 216 މިލިއަން ރުފިޔާގެ މައްސަލަ އޮތީ ނުނިމި އެވެ.
އަދި އާބިޓްރޭޝަނުން ނިންމި މައްސަލަތައް 17.89 މިލިއަން ޑޮލަރު މިހާތަނަށް ދައްކަން ޖެހޭއިރު އަދިވެސް 350 މިލިއަން ޑޮލަރުގެ މައްސަލަ ބާކީ އެބަ އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުން ނަމަ ގާނޫނާއި ގަވައިދުތަކާއި ހިލާފަށް ކުރީގެ ސަރުކާރުން އެއްބަސްވުންތައް އުވާލުމުގެ ސަބަބުން ދިވެހި ދައުލަތުން ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދޭން މަޖުބޫރުވުން އެކަށީގެންވެ އެވެ.
"މިއިން ގިނަ އެއްޗިއްސަކީ ލޯޔަރުން އަޅުގަނޑުމެންނަށް އެ ލަފާ ދެނީ ސަރުކާރަށް ގެއްލޭނެ އެއްޗިއްސޭ. ވިން ނުކުރެވޭނެ އެއްޗިއްސޭ. އެ ހިސާބުގައި ހުރީ،" ރައީސް ސޯލިހުގެ ކަންބޮޑުވުން ރައްޔިތުންނާ އިއްޔެ ހިއްސާ ކުރެއްވި އެވެ.
އެމަނިކުފަނު ވިދާޅުވީ އިންސާފު ހޯދާ ދޭނެ ކަމަށް ވީ ވައުދުގެ ތެރެއިން އެއްބަސްވުންތައް އުވާލުމުން ލިބުނު ގެއްލުމުގެ ބަދަލު ދޭން ޖެހިފައިވާއިރު ވަރަށް މުހިއްމު ކަމަކާ މެދު ވިސްނަންޖެހިވަޑައިގަންނަވަ އެވެ.
"މިކަން ކުރި ބަޔަކާ ދޭތެރޭ ކިހިނެއްތޯ ހަދާނީ. ހަމަ ކޯޓުތަކަށް ގޮސްގެން ވެސް، އާބިޓްރޭޝަނަށް ގޮސްގެން ވެސް، ވަރަށް ސާފުކޮށް އެކަން ކުރި މީހުން އެބަ ބުނޭ، ތިމަންނަމެން އެކަން ކުރީ، ގާނޫނާ ހިލާފަށޭ،" ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން އެމަނިކުފާނު ފާހަގަކުރެއްވީ ނޫމަޑި ރިސޯޓްސް އެންޑް ރެޒިޑެންސާއެކު ހަދާފައި އޮތް އެއްބަސްވުން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ބާތިލް ކުރީ ދޮގު ހަދައިގެން ކަމަށް އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެއްބަސްވުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް ފައިސާތަކެއް ދޭން ޖެހިދާނެ ކަމަށް ބެލެވޭ މައްސަލަ އެވެ.
"ނޫމަޑި މައްސަލާގައި ވެސް ސިންގަޕޯ އާބިޓްރޭޝަން، ކޮންމެވެސް ބޭފުޅަކު ވިދާޅުވި ކަމަށް ވަނީ ތިމަންނަމެން އެ އެގްރީމެންޓު އުވާލީ ގާނޫނާ ހިލާފަށޭ، އުސޫލުން ބޭރުންނޭ. އޭގެ ބަދަލުގައި އެމީހުން އެ ކްލެއިމް ކުރަނީ 350 މިލިއަން ޑޮލަރު،" ރައީސް ވިދާޅުވި އެވެ.
ނޫމަޑި އެއްބަސްވުން އުވާލުމުގައި ދޮގު ހެދި ކަމަށް މުއިއްޒު އެއްބަސްވެވަޑައިގެންނެވީ އެ ކުންފުނިން ގެއްލުމުގެ ބަދަލު ހޯދުމަށް ސިންގަޕޫރުގައި ކުރިއަށްދާ އާބިޓްރޭޝަނަށް ދިން ބަޔާނެއްގަ އެވެ. އެގޮތުން 2015 ވަނަ އަހަރު އެ އެއްބަސްވުން ބާތިލް ކުރީ އެ ކުންފުނިން އެއްބަސްވުމާ ހިލާފުވެގެން ނޫން ކަމަށާއި، އެކަން ކުރީ ސީދާ ރައީސް ޔާމީނުގެ އެންގުމަށް ކަމަށް އެ ބަޔާނުގައި ވެއެވެ.
"ވަކީލުން އަޅުގަނޑުމެންނަށް ލަފާ އެދެނީ ސަރުކާރަށް މި ވިން ވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތޭ، ދެން އޭގަ މި ދާން ޖެހެނީ އައުޓް އޮފް ކޯޓް ސެޓްލްމަންޓަކަށް. ދާއިރުގައި އަޅުގަނޑމުން ވަކި ބަޔަކަށް އެހީވީ ކަމަށް، ވަކި ބަޔަކަށް ލާރިތަކެއް ދިނީ ކަމަށް މި ނިންމަނީ. އެކަމަކު މިއީ އެއް ނޫން އަސްލު އިނގޭތޯ. ކަންކަން ވަމުންދާ ގޮތް އަޅުގަނޑު މި ދަންނަވަނީ،" ރައީސް ވިދާޅުވި އެވެ.
އެއްބަސްވުންތައް އުވާލުމާ މެދު މެމްބަރު އަލީ ހުސެންގެ ކަންބޮޑުވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ