އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ ކަރަންޓަށް ދިމާވި މައްސަލަ މިއަދު ހަވީރު ހައްލުކޮށްފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.
އެއާޕޯޓުގެ މެއިން ޑިސްޓްރިބިއުޝަން ނެޓްވޯކަށް ދިމާވި މައްސަލައަކާ ގުޅިގެން މުޅިން އެއާޕޯޓުން މިއަދު ދެ ފަހަރަށް ކަރަންޓް ކެނޑި ހިދުމަތްތަކަށް ބުރޫއަރާފައިވެ އެވެ.
އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ އެއާޕޯޓުގެ ކަރަންޓުގެ މައްސަލަ ދިމާވި ނަމަވެސް އެންމެ މުހިންމު ތަންތަނަށް ކަރަންޓް ދީފައިވާ ކަމަށެވެ. އަދި ކަރަންޓަށް ދިމާވި މައްސަލައާ ގުޅިގެން އެއްވެސް ބޯޓެއް ނުފުރި ލަސްވެފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ މައްސަލަ ދިމާވުމުން އަޅުގަނޑުމެން ސަމާލުކަން ދިނީ އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ޓާމިނަލުން ކަރަންޓް ދޭން. ކަރަންޓަށް ދިމާވި މައްސަލަ މިއަދު ހަވީރު ހައްލުކޮށް މިހާރު މުޅި އެއާޕޯޓަށް ކަރަންޓު ލިބޭނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.
އެއާޕޯޓުގެ އެންމެ ބާރުބޮޑު ގަޑީގައި ކަރަންޓް ކެނޑެން ދިމާވި މައްސަލައެއް އެ ކުންފުނިން ހާމަކޮށްފައެއްނުވެ އެވެ.
މިއަދު ހެނދުނު 9:45 އިން ފެށިގެން ބައިގަޑިރަށް މުޅި އެއާޕޯޓުން ކަރަންޓް ކެނޑިފައިވެ އެވެ. އަދި ދެވަނަ ފަހަރަށް ކަރަންޓް ކެނޑުނީ މެންދުރު 11:45 ހާއިރު އެވެ.
އައިއެންއައިއޭގައި ކަރަންޓް ހިދުމަތް ދިނުމަށް 11 މެގަވޮޓްގެ ކަރަންޓް އުފެއްދުމަށް ހަތް ޖަނަރޭޓަރު ބޭނުންކުރެ އެވެ.
އެއާޕޯޓުން ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވިއިރު އެއާޕޯޓުގައި އާ ރަންވޭ އެއް ހެދުމަށް 350 މިލިއަން ޑޮލަރު މަޝްރޫއެއް ވަނީ ފަށައިފަ އެވެ. އަދި އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް އެއާޕޯޓުގެ ޓާމިނަލް ތަރައްްގީކުރުމަށް 300 މިލިއަން ޑޮލަރުގެ މަޝްރޫއެއް ފެށުމަށް ސައުދީ ބިންލާދިން ގްރޫޕާ ވަނީ މިދިޔަ މެއި މަހު ހަވާލުކޮށްފަ އެވެ.
އެއާޕޯޓުގެ ކަރަންޓުގެ މައްސަލަ ހައްލުވެއްޖެ: އެމްއޭސީއެލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ