ރާއްޖޭގެ ފަތުރުވެރި ކަމުގެ ދާއިރާގައި މަސްކަތްކުރާ މީހުންގެ 70 އިންސައްތަ މީހުންނަކީ، ޒުވާނުންނާއި ދިވެހި މަސައްކަތްތެރިން ކަމުގައި ހައްދަވައިދެއްވުމަށް އެދާއިރާގައި ހަރަކާތްތެރިވާ އިސް ފަރާތްތަކަށް ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަޙްމަދު އިލްތިމާސްކުރައްވައިފި އެވެ.
"ޔޫތު ޗެލެންޖް، ކިއްސަރު 2014" ހުޅުވުމަށް މިއަދު ހަވީރު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނާއިބު ރައީސް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ އުސް ހަރުފަތުގައި ހަރަކާތްތެރިވާ ބަޔަކީ ދިވެހި ޒުވާނުން ކަމަށް ހައްދަވައިދެއްވުމަށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވާ އިސް ފަރާތްތަކަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
އެމަނިކުފާނު ވަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަކީ މަދުވެގެން 70 އިންސައްތަ، ދިވެހި ޒުވާނުންނާއި ދިވެހިން މަސައްކަތްކުރާ ދާއިރާއަކަށް ހައްދަވައިދެއްވުމަށްވެސް އެދިވަޑައިގެންފަ އެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ޒުވާނުންގެ އަދަދު، ނިސްބަތުން ގިނަކަން ފާހަގަކުރައްވާ ކަމަށާއި، ޒުވާނުން ބިނާކުރުމުގައި އެހީތެރިވެދެއްވުމަށާއި، ޒުވާނުންނަށް އިލްމީ ގާބިލުކަން ފޯރުކޮށްދެއްވުމުގައި އެހީތެރިވެދެއްވުމަށްވެސް ފަތުރުވެރިކަމުގެ ސިނާއަތުގެ އިސް ފަރާތްތަކަށް ޑރ. ޖަމީލު ގޮވައިލެއްވި އެވެ.
އެމަނިކުފާނު ވިދާޅުވީ މުޅި ގައުމުގެ އިގްތިސާދު ބަރޯސާކުރަނީ، ބޭރުން އެކަމަށް ބޭނުންވާ އިންސާނީ ވަސީލަތް ހޯދައިގެން ކަމަށްވާނަމަ، "އެ އިގްތިސާދުން ބޭނުންވާ ފުރިހަމަ ރާހަތެއް، ފޮނިކަމެއް އަޅުގަނޑުމެން ހޯދަން ބޭނުންވާ އަވަސްމިނެއްގައި ނުލިބޭނެ،" ކަމަށެއެވެ.
ރާއްޖޭގެ އިގްތިސާދުގެ ދުވެލި އަދި އިގްތިސާދު ބިނާވާންވާނީ، ރާއްޖޭގެ ޒުވާނުންގެ މައްޗަށް ކަމަށް، އަދުގެ ސަރުކާރުން ގަބޫލު ކުރައްވާ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.
ނާއިބް ރައީސް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ކުރިއެރުވޭނީ އަދި އިގްތިސާދު ކުރިއަށްދާނީ، އެކަމަށް ބޭނުންވާ ހަކަތަ ލިބިގެން ކަމަށާއި، އެ ހަކަތައަކީ އެކަމަށް އެކަށީގެންވާ ގާބިލު ޒުވާނުން އުފައްދައި، ބޭނުންވާ އިންސާނީ ވަސީލަތްތައް ގާއިމުކުރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ޓޫރިޒަމް ދާއިރާގެ 70 ޕަސެންޓް ވަޒީފާ ދިވެހިންނަށް ދިނުމަށް އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ