3 އަތޮޅެއްގެ ސްކޫލް ޕްރިންސިޕަލުންނަށް ބޭއްވި ތަމްރީނު ޕްރޮގްރާމް ނިންމާލައިފި

ސްކޫލްތައް ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން، ށ، ނ އަދި ރ އަތޮޅުގެ ސްކޫލްތައް ހިންގެވުމާ ހަވާލުވެ ހުންނެވި ޕްރިންސިޕަލުންނަށް ބޭއްވި 3 ދުވަހުގެ ތަމްރީނު ޕްރޮގްރާމް ނިންމާލައިފި އެވެ.
މި މަހުގެ 7 ވަނަ ދުވަހު ފެށި މި ތަމްރީން ޕްރޮގްރާމް އިއްޔެ ނިންމާލާފައިވާ އިރު، މި ޕްރޮގްރާމްގައި ބައިވެރިވި 43 ޕްރިންސިޕަލުންނަށް ވަނީ ހަނދާނީ ލިޔުން ދީފަ އެވެ. އެ ބޭފުޅުންނަށް ހަނދާނީ ލިޔުން ބައްސަވައިދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ އާއިޝަތު ޝިހާމް އެވެ.
މި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން، މިނިސްޓަރ ވިދާޅުވީ މި ބައްދަލުވުމަކީ ސްކޫލްތަކާއި މިނިސްޓްރީއާ ދެމެދު އޮތް ގުޅުން ބަދަހި ކުރުމަށްޓަކައި ކުރިޔަށް ގެންދިޔަ މަސައްކަތު ބައްދަލުވުމެއް ކަމަށެވެ.
އަދި، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެކިއެކި ދާއިރާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން މި މަސައްކަތުގައި އެހީތެރިވެދެއްވި ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ، މި ޕްރޮގްރާމްގައި ސްކޫލްގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ބޭނުންާ ފޮތްތަކާއި ލިޔުންތައް ތަރައްޤީކޮށް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން، މި ޕްރޮގްރާމް ވަރަށް ރަނގަޅަށް ހިނގާފައިވާ ކަމަށާއި، މި އަހަރު ނިމުމުގެ ކުރިން، ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ހުރިހާ ޕްރިންސިޕަލުންނާ އެކު މި މަސައްކަތު ބައްދަލުވުން ކުރިޔަށް ގެންގޮސް، މަޝްވަރާތައް ކުރެވި، އެކުގައި މަސައްކަތް ކުރެވޭނެ ފަދަ ގުޅުންތަކެއް ބަދަހި ކުރުވެވޭނެ ކަމުގެ އުންމީދު ކުރެވޭ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ބައްދަލުވުންތަކުގައި ދިވެހި ރާޢްޖޭގެ ސިވިލް ސާރވިސްގެ ޤާނޫނާ ބެހޭ ގޮތުންނާއި، ސްކޫލްތަކުގައި ކުރިއަށް ގެންދާ އިމްތިހާނުތައް ކުރިއަށް ގެންދިޔުމުގައި ކަންކުރަންވީ ގޮތުގެ އުސޫލުތަކުގެ އިތުރުން، އުމަން ރިސޯސްގެ ބައިތަކާއި ބަޖެޓް ހެދުމާއި ބެހޭގޮތުން ވަނީ ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް މަޢުލޫމާތު ދެވިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ