ކޮމްޕިއުޓަރު ހޯދަން ސްކޫލް ބަޖެޓުގައި ފައިސާ ނެތިގެން ސީއެޗްއެސްއީގެ ބެލެނިވެރިން އަތުން ފައިސާ ނަގަނީ!

ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން )ސީއެޗްއެސްއީ(ގެ ކޮމްޕިއުޓަރު ލެބަށް އާ ކޮމްޕިއުޓަރު ގަތުމަށް، އަދި މަލްޓި މީޑިއާ ސިސްޓަމް ތަރައްގީ ކުރުމަށް ސްކޫލް ބަޖެޓުގައި ފައިސާ ނެތިގެން ދަރިވަރުންގެ އަތުން ފައިސާ ނަގަން އެ ސްކޫލްގެ ޕޭރެންޓް ޓީޗާ އެސޯސިއޭޝަން )ޕީޓީއޭ(ން ނިންމައިފި އެވެ.
މާލޭގައި ގްރޭޑް 11 އަދި 12 އަށް ކިޔަވައިދޭ ސަރުކާރުގެ މައި ސްކޫލް، ސީއެޗްއެސްއީގެ ޕީޓީއޭގެ ނައިބު ރައީސް ސައުދުﷲ ހިލްމީ މިއަދު ވިދާޅުވީ، ކޮމްޕިއުޓަރު ލެބް ތަރައްގީކުރުމަށް ސްކޫލް ބަޖެޓުގައި ފައިސާ ނެތުމުން އެ އެސޯސިއޭޝަނުގައި ހިމެނޭ މަންދޫބުން މެދުގައި، މަޝްވަރާކުރުމަށް ފަހު ނިންމާފައި ވަނީ ސްކޫލްގެ ކޮންމެ ދަރިވަރެއް އަތުން ވަކި އަދަދަކަށް ފައިސާ ނެގުމަށް ކަމަށެވެ.
އެގޮތުން މިއަހަރު ގްރޭޑް 11 އަށް އަލަށް ވަން ކޮންމެ ދަރިވަރެއްގެ އަތުން 400ރ. އަދި ގްރޭޑް 12ގައި ކިިޔަވަމުންދާ ދަރިވަރުންގެ އަތުން 150ރ. ނެގުމަށް ނިންމާފައިވާ ކަމުގައި އޭނާ ވިދާޅުވި އެވެ.
އެ ފައިސާ ތިން މަސް ދުވަހުގެ ތެރޭ ދެއްކުމަށް ބެލެނިވެރިންނަށް އިލްތިމާސްކޮށް، ސިޓީ ފޮނުވާފައިވާ ކަމުގައި ވެސް ޕީޓީއޭގެ ނައިބު ރައީސް ވިދާޅުވި އެވެ.
އެނިންމުމާ މެދު ހިތްހަމަނުޖެހޭ ބައެއް ބެލެނިވެރިން ޝަކުވާކުރަމުންދާކަން ސަން އަށް ވަނީ އެނގިފަ އެވެ. އޭގެ ތެރެއިން ބެލިވެރިޔަކު، މަސްލަހަތަށް ޓަކައި ނަން ހާމަ ކުރުމަށް އުޒުރުވެރިވެ، ބުނީ މާލީ ގޮތުން ތަނަވަސް ނޫން އާއިލާތަކަށް ނިސްބަތްވާ ދަރިވަރުންނަށް އެ ފައިސާ ދެއްކުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ. އަދި ކުރިއަށް އޮތީ ރޯދަ މަސް ކަމަށާއި ސްކޫލަށް ފައިސާ ދައްކަން ޖެހުމަކީ އެ އާއިލާތަކަށް ލިބޭ އިތުރު ބުރައެއް ކަމަށް ވެސް އެ ބެލެނިވެރިޔާ ބުންޏެވެ.
"މިއީ ކިހާބޮޑު ބުރައެއް ނޫންތޯ، ރޯދަ މަސް ކުރިމަތިވެފައި އޮއްވައި އުފުލަން ޖެހުނު. ކޮންމެ ދަރިވަރަކަށް ކިހިނެތްތޯ މި ފައިސާ ދެއްކެނީ. މި ހުންނަނީ ސަރުކާރު ސްކޫލްތަކުގައި، ސްކޫލް ބަޖެޓުން ކުރަން ޖެހޭ މަސައްކަތްތައް ނޫންތޯ؟" އޭނާ ސުވާލުކުރި އެވެ.
ބެލެނިވެރިންގެ އެ ޝަކުވާތަކާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން ޕީޓީއޭގެ ނައިބު ވިދާޅުވީ، އެ ފައިސާ ދެއްކުމަކީ މަޖުބޫރު ކަމެއް ނޫން ކަމަށެވެ.
"އެއްވެސް މީހަކަށް މަޖުބޫރެއް ނުވާނެ އެއްވެސް އެއްޗެއް ދައްކާކަށް. އެއީ އުސޫލެއް ގޮތުން ޕީޓީއޭގައި ހިމެނޭ ބެލެނިވެރިން މަޝްވަރާކޮށްގެން، ބެލެނިވެރިން ތެރޭގައި ނިންމި ނިންމުމެއް." ސައުދުﷲ ވިދާޅުވި އެވެ.
ސީއެސްއެސްއީގެ ޕްރިންސިޕަލް އައިޝަތު ސަފޫރާ ވެސް ވިދާޅުވީ، އެ ފައިސާ ދެއްކުމަކީ މަޖުބޫރު ކަމެއް ނޫން ކަމަށާއި ބެލެނިވެރިންނަށް އެހީތެރިވެވޭނެ މިންވަރަކުން އެހީވުމުގެ ފުުރުސަތު އެބަ އޮތް ކަމަށެވެ.
"އެއްވެސް ބެލެނިވެރިއެއްގެ އަތުން މަޖުބޫރުން އެއްޗެއް އަތު ނުލާނެ. ފަންސާންސް ރުފިޔާ ދެވެންޏާ ވެސް މައްސަލައެއް ނޯންނާނެ،" ސަފޫރާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސްކޫލްގެ ކޮމްޕިއުޓަރު ލެބްގެ ހާލަތު ވަރަށް ދެރަ ކަމަށާއި ދަރިވަރުންނަށް ބޭނުންވާ ވަރަށް ކޮމްޕިއުޓަރު ވެސް ނެތް ކަމަށެވެ. އަދި ސްކޫލްގައި ކޮމްޕިއުޓަރާ ގުޅޭ ކޯސްތައް ހިންގުމަށް ވިސްނަމުންދާ ކަމަށާއި އެކަން ކުރެވެން އޮތީ އެ ލެބް އިތުރަށް ތަރައްގީކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ