ޑީއާރްޕީގެ ޒައީމުގެ ލަގަބު ރައީސް މައުމޫނަށް ދޭން ނިންމީ އެމަނިކުފާނާއި މަޝްވަރާކޮށްފައި ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މެލޭޝިޔާގެ ވެރިކަން ކުރާ ޕާޓީގެ ޖެނެރަލް އެސެމްބްލީއާ، އިންޓަނޭޝަންލް ފޯރަމެއްގައި ބައިވެރިވުމަށް މެލޭޝިޔާއަށް ފުރާވަޑައިގަތުމުގެ ކުރިން މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
އަންނަ އަހަރުގެ ކުރީ ކޮޅު އޮންނަ ޑީއާރްޕީގެ ކޮންގްރެސްގައި ރައީސް މައުމޫނަށް ޑީއާރްޕީގެ ޒައީމުގެ ލަގަބު އަރުވާނެ ކަމަށް ޑީއާރްޕީން ބުނެފައިވާތީ ރައީސް މައުމޫން ވިދާޅުވީ ޑީއާރްޕީގެ އެނިންމެވުމަކީ އެމަނިކުފާނާއިމެދު އެފަރާތްތަކުގެ މެދުގައި އިހްލާސްތެރިކަމުގެ ޝުޢޫރު އުފެދިފައިވާތީ ނިންމި ނިންމުމެއް ކަމަށެވެ.
ޕީޕީއެމްގެ ރައީސް ކަމުގެ މަގާމުން އިސްތިއުފާދެއްވުމަށް ފަހު ރައީސް މައުމޫން އެހެން ޕާޓީ އަކާއި ގުޅެން އުޅޭ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަައް ދޮގު ކުރައްވާ ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްގެ މެންބަރުން އެމަނިކުފާނު ޕީޕީއެމްގެ ރައީސްކަމަށް އިންތިޙާބު ކުރީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށާއި އެހެންކަމުން އެމުއްދަތު ހަމަވަންދެން އެމަގާމުގައި ހުރުން އެއީ އެމަނިކުފާނުގެ މައްޗަށް ވާޖިބެއް ކަމަށެވެ.
"އެހެންވީމަ އެމަގާމުގައި ހުރުމަކީ އަޅުގަނޑުގެ ވާޖިބެއް. ޕީޕީއެމް ދޫކޮށް ދާކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ ހަގީގަތެއް ނޫން" ރައީސް މައުމޫން ވިދާޅުވި އެވެ.
މެލޭޝިއާ އަށް ކުރައްވާ ދަތުރުފުޅާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ މިދަތުރުފުޅަކީ މެލޭޝިއާގެ ވެރިކަން ކުރާ ޕާޓީގެ ޖެނަރަލް އެސެމްބްލީގައި ރާއްޖޭގެ ވެރިކަން ކުރާ ޕާޓީގެ ހައިސިއްޔަތުން ބައިވެރިވުމަށް ޕީޕީއެމް އަށް ލިބުނު ފުރުސަތެއް ކަމަށެވެ. އަދި މިފަދަ ފުރުސަތެއް ލިބުމަކީ ވަރަށް އުފާކުރައްވާ ކަމެއް ކަމަށާއި މިއީ ވަރަށް މުހިންމު ބައްދަލުވުމަކަށް ވެގެން ދާނެ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
ޑީއާރްޕީގެ ޒައީމުގެ ލަގަބު ދޭން ނިންމީ މަޝްވަރާކޮށްފަ އެއް ނޫން – މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ