ޕީޕީއެމްގެ ފަސްވަނަ އަހަރީދުވަސް ފާހަގަކުރުމަށް އަސްލުގެ ނަމުގައި ބޭއްވި ޖަލްސާއިން ހާމަވަނީ އަސްލަކީ ބާރާއި ނުފޫޒު ބޭނުންކޮށްގެން ހުރިހާ ކަމެއް ކުރުން ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ރައީސް މައުމޫންގެ އޮފީހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ހުކުރު ދުވަހުގެ ރޭ އަސްލުގެ ނަމުގައި ބޭއްވި ޖަލްސާއަށް އެމަނިކުފާނަށް ދައުވަތު ނުދޭނެ ކަމަށް ޖަލްސާ ބޭއްވި ފަރާތުން މީޑިއާގެ ހާޒިރުގައި ބުނެފައިވާ ކަމަށެވެ.
ނަމަވެސް ޖަލްސާއަށް ރައީސް މައުމޫން ވަޑައިނުގަތުމުން ޖަލްސާއަށް ފަޅުކަން ލިބުނު ކަމަށް ޕާޓީގެ މުސްތަޝާރު ރައީސް ޔާމީން ވިދާޅުވެފައިވަނީ ހަގީގަތް އޮޅުވާލެއްވުމަށް ކަމަށް މައުމޫން ވިދާޅުވިއެވެ.
"ޕީޕީއެމްގެ ފަސް ވަނަ އަހަރީދުވަސް ފާހަގަކުރުމުގެ ގޮތުން ކަމަށް ބުނެ ޕީޕީއެމްގެ ބާރުތައް ޕީޕީއެމްގެ އަސާސީ ގަވާއިދާ ޚިލާފަށް އަތުލައިގެން އުޅޭ ފަރާތްތަކުން "އަސްލު"ގެ ނަމުގައި 4 ނޮވެންބަރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ދެއްކި ވާހަކަތަކާއި ގުޅިގެން ދަންނަވަމެވެ. ޕީޕީއެމްގެ ނަމުގައި ބޭއްވި ޖަލްސާއަށް ޕީޕީއެމްގެ ރައީސަށް ދައުވަތު ދީފައިނުވާއިރު އަދި ދައުވަތު ނުދޭނެ ކަމަށް މީޑިއާތަކުގެ ހާޒިރުގައި އެފަރާތުން ބުނެފައިވާއިރު، ޕީޕީއެމްގެ ލޮބުވެތި މެންބަރުންނާއި ދިވެހި ރައްޔިތުންނަށް ހަގީގަތް އޮޅުވާލެއްވުމަށް، މި ޕާޓީގެ ރައީސް ޖަލްސާއަށް ހާޒިރުވެވަޑައިނުގަތުމުން ފަޅުކަން ލިބިފައިވާ ކަމަށް މި ޕާޓީގެ މުސްތަޝާރު ވިދާޅުވެފައިވާތީ އެކަމާ ހިތާމަ ކުރަމެވެ" ޕީޕީއެމްގެ ރައީސް މައުމޫންގެ އޮފީހުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.
މައުމޫން ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އާންމު މެންބަރުންނާއި ރައްޔިތުން ބައިވެރިވާން ވާނީ އެއްވެސް މަޖުބޫރުކަމެއް ނެތި، އަމިއްލަ އިޚްތިޔާރުގައި ކަމަށެވެ.
ނަމަވެސް ވަޒީފާގެ ބިރުދައްކައި މަޖުބޫރުކޮށްގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނާއި ސަރުކާރުގެ އެކި އިދާރާތަކުގެ މުވައްޒަފުން ޖަލްސާއަށް ގެންގޮސްފައިވާ ކަމަށެވެ.
ޖަލްސާއަށް ދިޔަ ގިނަ މެންބަރުން ޕާޓީގެ ރައީސަށާއި ކައުންސިލް މެންބަރުންނަށް ގުޅައި އެކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް މައުމޫންގެ ބަޔާނުގައި ވެއެވެ.
މިކަންކަމުން ވެސް އެނގިގެން ދަނީ ޕާޓީގެ ރައީސް ސަރުކާރަށް ކުރެއްވި ތާއީދު އަނބުރާ ގެންދަވަން ނިންމެވި ނިންމެވުމުގެ ސައްހަކަން ކަމަށާއި އަދި ބިރުދައްކައި މަޖުބޫރުކޮށްގެން ބޭއްވި ޖަލްސާއިން ހާމަވަނީ އެ ބޭފުޅުންގެ އަސްލަކީ ބާރާއި ނުފޫޒު ބޭނުންކޮށްގެން ހުރިހާ ކަމެއް ކުރެއްވުން ކަމަށް މައުމޫން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ މުދަލާއި މުޅި ދައުލަތުގެ ވަސީލަތްތައް ސިޔާސީ ހަރަކާތްތަކަށް ބޭނުން ކުރަމުންދާއިރު އެ މައްސަލަތައް އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކު ތަހުގީގުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ ކަމާއިބެހޭ މުއައްސަސާތަކަށް ގޮވާލައްވާ ކަމަށެވެ.
"ޕީޕީއެމް އަކީ ވަކި ބައެއްގެ ހިޔަނީގައި އޮންނަން ޖެހޭ ޕާޓީއަކަށް ވެގެން ނުވާނެ ކަމަށް ވިދާޅުވެ މުސްތަޝާރާއެކު މަސައްކަތް ކުރެއްވުމަށް އެނބުރި ވަޑައިގަތުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަރިހުން އެދިވަޑައިގެންނެވުމުން އެނގެނީ ޕީޕީއެމްގެ ރައީސް ޕީޕީއެމް އިސްލާހު ކުރުމަށް އެކުލަވައިލެއްވި އިސްލާހީ އެޖެންޑާގެ ސައްހަކަމެވެ" މައުމޫންގެ ބަޔާނުގައި ވެއެވެ.
ނަމަވެސް އެ އިސްލާހީ އެޖެންޑާ އިއުލާން ކުރެއްވި ހިސާބުން ޕާޓީގެ ބާރުތައް އަތުލުމަށް އެކި ގޮތްގޮތުން ޕާޓީގެ ރައީސަށް މަޖުބޫރުކޮށް، ޕާޓީ އަތުލުމަށް މަސައްކަތްކޮށް، އަދި ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް މިހާރު ޕާޓީ ހިންގަމުންދާ ކަމަށް މައުމޫން ވިދާޅުވެފައިވެއެވެ.
މަޝްވަރާގެ ރިވެތި އުސޫލު އޮއްވާ އެގޮތަށް ކަންތައް ނުކޮށް އަދި މަޝްވަރާކުރަން މަސައްކަތް ކުރުމެއް ނެތި މަޝްވަރާކުރުމަށް މަސައްކަތްތަކެށް ކުރި ކަމަށް ބުނުމަކީ ޕާޓީގެ މެމްބަރުންނަށާއި ދިވެހި ރައްޔިތުންނަށް އޮޅުވާލުން ކަމަށް ވެސް މައުމޫން ވަނީ ވިދާޅުވެފައެވެ.
އަސްލަކީ ބާރާއި ނުފޫޒުން ކަންކަން ކުރުން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ