މެމްބަރު ނާޒިމްގެ ޕާސްޕޯޓު ހިފަހައްޓައިފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ ޕާސްޕޯޓު މިރޭ ހިފަހައްޓައިފިއެވެ.
އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ މެލޭޝިއާއިން ރާއްޖެ ވަޑައިގަތުމާ އެކު އެއާޕޯޓުންނެވެ. އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓުމަށް ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް އަމުރުކޮށްފައިވަނިކޮށެވެ. އެއަމުރު ނެރުނު އިރު އޭނާ ހުރީ މެލޭޝިއާގައިއެވެ.
އިމިގްރޭޝަންގެ އޮފިޝަލަކު ވިދާޅުވީ ނާޒިމް އެނބުރި ރާއްޖެ ވަޑައިގަތުމާ އެކު ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށެވެ. އަދި ޕާސްޕޯޓް ހިފަހައްޓަން އަމުރު ނެރެފައި ވަނީ މި މަހުގެ 29ގެ ނިޔަލަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ނާޒިމްގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު އޭނާގެ ޕާސްޕޯޓު ހިފަހައްޓަން ކޯޓުގައި އެދުނީ ކީއްވެގެން ކަމެއް ފުލުހުން ހާމަކޮށްފައިނުވެއެވެ. ނަމަވެސް ފުލުހުންނަށް ކޯޓުން ދީފައިވާ އަމުރަކީ ފުލުހުންގެ އެދުމުގެ މަތިން ނެރެފައިވާ އަމުރެއްކަމަށާއި އޭނާއަށް ރާއްޖެއިން ބޭރަށް ފުރައިގެން ނުދެވޭނެ ގޮތަށް ކޯޓުގެ އަމުރުގައި ވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ