ސްކޫލުތަކުގެ ނަތީޖާ ރަނގަޅުކުރުމަށް ދެއަތޮޅަކަށް އަމާޒުކޮށްގެން ސްކޫލް އެޑޮޕްޝަން ޕްރޮގްރާމު ފަށައިފި

އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ސްކޫލްތަކުގެ ނަތީޖާ ރަނގަޅު ކުރުމަށްޓަކައި ސްކޫލްތަކަށް ޚާއްޞަކޮށްގެން ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް ފަށައިފިއެވެ.
އެގޮތުން އއ. އަދި އދ. އަތޮޅުގެ ސްކޫލްތަކަށް ޚާއްޞަކޮށްގެން ފެށި ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް ފަށްޓަވައި ދެއްވީ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމެވެ.
މި ބައްދަލުވުމަކީ ސްކޫލްތަކުގައި ފަސް މާއްދާއިން ފާސްވާ ދަރިވަރުންގެ ޢަދަދު އިތުރުކޮށް، ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.
އެގޮތުން މި ޕްރޮގްރާމްގެދަށުން ވޭތުވެ ދިޔަ އަހަރުތަކުގެ ސްކޫލްތަކުގެ ވަކިވަކި ނަތީޖާތަކާއި މެދު މަޝްވަރާކުރެވި، މި ނަތީޖާތަކުގެ އަލީގައި ކުރިއަށް އޮތްތަނުގައި ކިޔަވައިދިނުމުގައި އިތުރަށް ސަމާލުކަންދޭންވީ ކަންކަން ފާހަގަކުރެވި އެކަމަށްޓަކައި މަސައްކަތްކުރެވިގެންދާނެއެވެ.
އަދި މި ޕްރޮގްރާމްގެ ދަށުން ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި މަހަކު އެއްފަހަރު ބައްދަލުކުރެވި، މަހުން މަހަށް ސްކޫލްތަކުގެ ނަތީޖާތައް އަޅާ ކިޔައި، އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ކިޔަވައިދިނުމުގައި އިތުރަށް ސަމާލުކަން ދޭންވީ ކަންކަން ފާހަގަކުރެވި ނަތީޖާ ހާސިލްކުރުމަށް މަގުފަހި ވެގެންދާނެއެވެ.
މިނިސްޓަރ ޑރ. އާއިޝަތު ޝިހާމްގެ ޚާއްޞަ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ޘާނަވީ ތަޢުލީމް ނިންމުމުގެ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށް ގޮތްތަކެއް ހޯދައިދިނުމެވެ.
ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި މި ޕްރޮގްރާމް އެންމެ ފުރަތަމަ ކުރިއަށް ގެންދިޔައީ ކ. އަތޮޅުގެ ސްކޫލްތަކަށް ޚާއްސަކޮށްގެންނެވެ. ޚާއްސަ ސަމާލުކަމެއް ދީގެން ކުރެވުނު މަސައްކަތްތަކުން، ކ. އަތޮޅުގެ ހުރިހާ ސްކޫލަކުން ވެސް މިދިޔަ އަހަރުގެ ސާނަވީ ތަޢުލީމް ނިންމުމުގެ އިމްތިހާނުން ވަނީ ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.
ކ. އަތޮޅުގެ ސްކޫލްތަކުގެ ކާމިޔާބަށް ބަލައި މިއަހަރުގެ ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް އއ. އަދި އދ. އަތޮޅަށް ފެށި އިރު، ސްކޫލްތަކުގެ ނަތީޖާ ރަނގަޅު ކުރުމުގެ މި ޕްރޮގްރާމް މިދިޔަ ހަފްތާ ބަންދުގައި އައްޑޫ ސިޓީގައިވެސް ވަނީ ފަށާފައެވެ.
މި ތިން އަތޮޅުގެ އިތުރުން ހދ. ނ. ބ. އަދި ލ. އަތޮޅުގެ ސްކޫލްތަކަށް މިއަހަރުގެ ތެރޭގައި ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ