ޖީއެމްއާރް އަތުން އެއާޕޯޓް އަތުލުމުން އުމަރު އެކުލަވާލި ޝުކުރުގެ ލިސްޓުގައި ރައީސް ޔާމީން!

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް ދީފައި އޮތް އޮތުން ނިމުމަކަށް ގެނެސް އެއާޕޯޓް އެއްބަސްވުން އުވާލުމަށް ނިންމި ނިންމުމަކީ ދައުލަތުގެ މުދާ ހިމާޔަތް ކުރަން ކުރި ކަމެއް ކަމަށާއި އެކަމުގައި އަދާކުރި ދައުރަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އަށް ޝުކުރު އަދާކުރައްވާ ކަމަށް މިސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޖީއެމްއާރް އަށް ދިވެހި ސަރުކާރުން ދައްކަން ޖެހޭ ހުރިހާ ފައިސާއެއް އިއްޔެ ދެއްކުމާއި ގުޅިގެން އުމަރު ރޭ ކުރެއްވި ޓްވީޓެއްގައި އެއާޕޯޓް އަތުލަން އޭރުގެ ރައީސް ޑރ.މުހައްމަދު ވަޙީދު ހަސަން ނިންމެވި ބޮޑު ނިންމެވުމަށް އެމަނިކުފާނަށް ވެސް ޝުކުރު އަދާކުރައްވާފައިވެއެވެ.
އަދި އެއާޕޯޓް އަތުލަން ޝައިހް އިމްރާން އާއި ގާސިމް އިބްރާހިމް އާއި ރައީސް މައުމޫން އާއި ރައީސް ޔާމީން ކުރެއްވި މަސައްކަތް ފާހަގަ ކުރައްވާ އުމަރު ވަނީ އެބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.
ނަމަވެސް ޖީއެމްއާރް އަށް ދައްކަން ޖެހުނު ފައިސާ ސަރުކާރުން ދައްކާ ހަލާސްކުރި ކުރުމާއި ބެހޭ ގޮތުން އުމަރު އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.
ޖީއެމްއާރް އާއި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ހިންގުން ހަވާލުކުރަން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހަދާފައިވާ އެއްބަސްވުން އުވާލުވުމުން، އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި، ސަރުކާރުގެ ފަރާތުން ދައްކަން ޖެހުނު، 271 މިލިއަން ޑޮލަރު އިއްޔެ ވަނީ އެއްކޮށް ދައްކާފައެވެ.
އެމްޑީޕީ ސަރުކާރުން ޖީއެމްއާރްއާއެކު ހެދި އެއްބަސްވުން، ރައީސް ޑރ.މުހައްމަދު ވަހީދުގެ ސަރުކާރުން އުވާލީ، 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ