ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އޮފީހެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތެއްގައި ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުން ސްކޫލު ޔުނީފޯމުގައި ބައިވެރިކޮށްފައިވާތީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ހއ. އިހަވަންދޫގައި ޕީޕީއެމްގެ އޮފީސް ހުޅުވަން ހުކުރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި އުމުރުން 18 އަހަރު ނުފުރޭ ކުދިން ބޭނުން ކުރުމުން ވަނީ ފާޑު ކިޔުން އަމާޒުވެފައެވެ.
އިހަވަންދޫގައި ހުކުރު ދުވަހު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ޕީޕީއެމް އޮފީސް ހުޅުއްވައިދެއްވީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމެވެ. ރަސްމިއްޔާތު ފެށުމުގެ ގޮތުން ޤުރުއާން ކިޔަވާ ދެއްވީ އެރަށު ސުކޫލުގެ ދަރިވަރެކެވެ.
އެމްޑީޕީ ސެކެޓޭރިއެޓް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސްކޫލްތަކުގައި ތައުލީމު ހާސިލު ކުރާ ކުދިން ސިޔާސީ ހަރަކާތްތަކުގައި ބައިވެރި ކުރުވުމަކީ އެޑިޔުކޭޝަން މިނިސްޓްރީން މަނާކޮށްފައިވާ ކަމެއް ކަމުގައެވެ.
"ފާޅުކަންބޮޑު ގޮތުގައި މިފަދަ ޤާނޫނާ ޤަވާއިދާ ޚިލާފް ކަންކަން ކުރުވުމަށް ޢަބްދުﷲ ޔާމީނާއި ފާތުމަތު އިބްރާހީމް ހިތްވަރު ދެމުން އަންނަކަމީ ނުހަނު ކަންބޮޑުވާން ޖެހޭ ކަމެކެވެ." ބަޔާނުގައި ބުނެފައިވެއެވެ.
އެމްޑީޕީން ބުނި ގޮތުގައި އެއީ ދައުލަތުގެ ބާރުތަކާއި ވުޒާރާތަކަށް ނުފޫޒު ފޯރުވައި ދައުލަތުގެ މުވައްސަސާތައް ނަހަމަ ގޮތުގައި ބޭނުންކޮށް ސްކޫލްތަކާއި ދަރިވަރުން ސިޔާސީ ކުރަމުން އަންނަ ކަމުގެ ހެއްކެކެވެ.
"މި ޙަފްލާއަކީ ރައީސް ޢަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންނެވި ޙަފްލާއަކަށް ނުވިނަމަވެސް ޕީޕީއެމްގެ މި ސިޔާސީ ޙަރަކާތް ޓީވީއެމް އިން ވަނީ ވަގުތުން ގެނެސްދީފައެވެ. ދައުލަތުގެ މީޑިޔާއިން އެހެން ސިޔާސީ ޕާޓީތަކަށް މި ފުރުޞަތު ނުދޭއިރު، މިކަން މިގޮތަށް ކުރުމަކީ ކަނޑައެޅިގެން ތަފާތުކުރުމެވެ. އެހެންކަމުން މިއީ ދައުލަތުގެ މުދަލާއި ވަޞީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށް ހިންގާފައިވާ ކޮރަޕްޝަންގެ ޢަމަލެކެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
ސްކޫލްތަކުގައި ތަޢުލީމް ޙާސިލު ކުރަމުން އަންނަ ދަރިވަރުންނާއި ކުޑަކުދިން ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރި ކުރުމަކީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ވެސް މަނާ ކަމެއް ކަމުގައިވާތީ ވެރިކަން ކުރާ ޕީޕީއެމްގެ ޢަބްދުﷲ ޔާމީން ފެކްޝަނަށް އެކަން އަންގައި ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަނަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ. އަދި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރަމުން ގެންދާއިރު އެކަން ހުއްޓުވައި ދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.
އެމްޑީޕީން ވަނީ މިހާރުން މިހާރަށް އެފަދަ "ނާތަހުޒީބު ކަންކަން ކުރުން" ހުއްޓާލުމަށް ޕީޕީއެމްގެ އަބްދުﷲ ޔާމީން ފެކްޝަނަށް ގޮވާލާފައެވެ.
ޕީޕީއެމްގެ ހަރަކާތެއްގައި ސްކޫލް ދަރިވަރުން ބައިވެރިކުރުމުން އެމްޑީޕީން ކަންބޮޑުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ