100 ގެ އަޅަން ބިން ދޫކުރާނީ ބަދަލުގެ ކަންތައްތައް ހަމަޖެއްސުމަށް ފަހު: އައްޑޫ ސިޓީ ކައުންސިލް

އަމީން ކޮންސްޓްރަކްޝަންގެ ވެރިޔާ އަބްދުﷲ މުހައްމަދު އައްޑޫ އާރްއޭއެފް ސަރަހައްދުގައި އިމާރާތްކޮށް ދެއްވާ 100 ގެ އެޅުމަށް އެ ސަރަހައްދުން ބިން ދޫކުރާ އިރު، ކުރިން އެތަނުން ބިން ދޫކޮށްފައިވާ ފަރާތްތަކަށް ދޭން ޖެހޭ ބަދަލުގެ ކަންތައްތައް ވަރަށް އަވަހަށް ހަމަޖެހިގެން ދާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
ލިންކް ރޯޑާ ގުޅިފައި އޮންނަ އެ ސަރަހައްދުގައި 100 ގެ އެޅުމަށް ހަމަޖެހުމާ ގުޅިގެން ބިންތައް ދޫކޮށްފައިވާ ފަރާތްތަކަށް، ބިން ނެގުމަށް ހަމަޖެހިފައިވާ ކަމަށް އަންގައި އައްޑޫ ސިޓީ ކައުންސިލުން މިހާރު އަންނަނީ ސިޓީ ފޮނުވަމުންނެވެ. ސިޓީ ލިބުނު ބައެއް ފަރާތްތަކުން ބުނެފައި ވަނީ އެ މީހުންނަށް ދޫކޮށްފައިވާ ބިން ނެގުމަށް ހަމަޖެހިފައިވާ ކަމަށް ސިޓީގައި ބުނެފައިވާ އިރު، ބިމަށް ބަދަލު ދޭނެ ވާހަކަ ބުނެފައި ނުވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ބައެއް ފަރާތްތަކުން ދަނީ ހިތްހަމަނުޖެހުން ވެސް ފާޅު ކުރަމުންނެވެ.
އެހެންނަމަވެސް އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ބުރާސްފަތި ދުވަހު ވިދާޅުވީ ބިންތައް ނަގަން ހަމަޖެހިފައި ވަނީ ބަދަލު ދިނުމަށް ފަހު ކަމަށާއި އެކަން ސިޓީގައި ވެސް ބަޔާންކޮށްފައި ވާނެ ކަމަށެވެ.
"ބިންތައް އަޅުގަނޑުމެން ނަގާނީ ބަދަލު ދިނުމަށް ފަހު. އެކަން މިހާރު ކޯޓަށް ވެސް ހުށަހަޅާފައި އޮންނާނީ. މިއަދު ވެސް އެކަމާ ގުޅޭ ކަންތައްތައް ކޯޓުގައި ކުރިއަށް ދާނެ،" އޭނާ ވިދާޅުވި އެވެ. "ބިން އަގު ކުރުމާއި ބަދަލު ދޭނެ ގޮތްތަކެއް ކަނޑައަޅާނީ ކޯޓުން."
ސޯބެ އިތުރަށް ވިދާޅުވީ އަމީންގެ ވެރިޔާގެ އާ ބިން ރަސްމީކޮށް ހަވާލު ކުރާނީ ވެސް ބިމުގެ ބަދަލުގެ ކަންތައްތައް އެއްކޮށް ހަމަޖެހުމުން ކަމަށެވެ.
އާރްއޭއެފް ސަރަހައްދުން 3،000 އަކަފޫޓުގެ 100 ގޯތި ދޫކޮށްފައިވާ އިރު، މިހާތަނަށް އެ ތަނުން ލިބުނު ބިމުގައި މަސައްކަތްތަކެއް ފަށާފައި ވަނީ އެންމެ 14 ފަރާތަކުން ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ. އެގޮތުން ބައެއް ބިންތަކުގެ ވަށައިގެން ފާރު ރާނާފައިވާ އިރު ބައެއް ބިންތަކުގައި ފައުންޑޭޝަންތަކުގެ މަސައްކަތް ކޮންމެވެސް ވަރަކަށް ކޮށްފައިވެ އެވެ. އަދި އެ ސަރަހައްދުން ގަވައިދާ ހިލާފަށް ބިން ދޫކޮށްފައިވާ ކަން ވެސް ސިޓީ ކައުންސިލުން ފާހަގަކޮށްފައި ވެ އެވެ.
ހަ މިލިއަން ޑޮލަރު ހަރަދުކުރައްވައިގެން އަބްދުﷲ މުހައްމަދު އަމިއްލަ ގޮތުން 100 ގެ އަޅުއްވައި ދެއްވަން ހަމަޖެހިފައިވާ އިރު، އެ ގެތަކަށް އެދުމުގެ ފުރުސަތު އައްޑޫގެ ކޮންމެ ރަށެއްގެ ރައްޔިތަކަށް ވެސް އޮންނާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
އަބްދުﷲ ވިދާޅުވެފައި ވަނީ ބިން އޭނާ އާ ހަވާލު ކުރެއްވިހާ އަވަހަކަށް ގެތައް އެޅުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ