1978 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހާ ހަމަޔަށް ދިވެހިރާއްޖޭގައި ރައީސްކަން ކުރެއްވީ ރައީސް މައުމޫން އަބުދުލްޤައްޔޫމެވެ. ދިގު 30 އަހަރު ދުވަހު އެމަނިކުފާނު މިރާއްޖޭގައި ވެރިކަން ކުރެއްވިއެވެ. އެކަމުގެ ސަބަބުން، ރައީސް ކަމުގެ މަޤާމަށް ކިޔާ ނަމަކީ "މައުމޫންކަން" ކަމަށް ޅަފުރައިގެ ބައެއް ކުދިންނަށް ހީވެފައިވެސް އޮތެވެ.
ރައީސް މައުމޫން ގިނިކަންޏާ، އެއްވެސް ވާދަވެރިޔަކު ނެތި، އެއްވެސް ދަތިއުނދަގުލެއް ނުވަތަ ގޮންޖެހުމެއް ނެތި، މިރާއްޖޭގައި ވެރިކަން ކުރައްވަމުން ވަޑައިގަތުމަށްފަހު، 2005 ވަނަ އަހަރު ޕާޓީ ނިޒާމު ތަޢާރަފުކުރެވުމާއެކު، ރައީސް މައުމޫން އުފެއްދެވީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އެވެ.
އެޔަށްފަހު، ރާއްޖޭގައި ވެރިކަން ކުރަނީ ޑީއާރުޕީން ކަމުގައިވެ، އިދިކޮޅު ޕާޓީއަކީ އެމްޑީޕީ ކަމުގައި ވެއްޖެއެވެ.
ރައީސް މައުމޫނަކީ ޑީއާރުޕީގެ ޒަޢީމެވެ. އޭގެ އިތުރުން އެއިރުގެ ރައީސުލްޖުމްހޫރިއްޔާއެވެ. ސިޔާސީ ދެ ހައިސިއްޔަތެވެ. ނަމަވެސް، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި، ނާކާމިޔާބުގެ ހިތިރަހަ ފުރަތަމަ ފަހަރަށް އެމަނިކުފާނާ ބައްދަލުކުރިއެވެ. ރައީސް މައުމޫން އިންތިހާބުވޭތޯ ޑީއާރުޕީއިން ކުރި ބޮޑު ހޭދައަކީ އެ ޕާޓީއިން އަދި މިއަދާ ހަމަޔަށްވެސް އަދާނުކުރެވޭ ވަރުގެ ބޮޑު ދަރަންޏަކަށް ވެފައި ވަނިކޮށް، ރައީސް މައުމޫން ޑީއާރުޕީ ދޫކުރައްވައި، ޕީޕީއެމް އުފެއްދެވިއެވެ.
ޕީޕީއެމް އަށް ރައީސް މައުމޫން ހިޖުރަކުރެއްވުމަށް ފަހުގައިވެސް، އެތައް ޒަމާނެއް ވަންދެން، ރައީސް މައުމޫނަކީ ޑީއާރުޕީގެ ޒަޢީމުގެ ގޮތުގައި އެޕާޓީން ވަނީ ބަލައިފައެވެ. ނަމަވެސް، ފަހަކަށް އައިސް، ސިޔާސީ މައިދާނުގައި ރައީސް މައުމޫނަށް އޮތް ހަމައެކަނި ހައިސިއްޔަތަކީ ޕީޕީއެމްގެ ރައީސްކަމެވެ.
ކަން އެހެން އޮއްވާ، ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް އެމަނިކުފާނުގެ މަޤާމުގެ އާރާއި ބާރު އެންމެ ފުރިހަމަގޮތުގައި ބޭނުންކުރައްވަން ފެއްޓެވުމުން، ރައީސް މައުމޫނުގެ ބާރުވެރިކަމުގެ ފުޅާމިނަކީ ހަމައެކަނި ޕީޕީއެމް ކަމުގައި ވެއްޖެއެވެ. ދައުލަތުގެ އެކިއެކި ގުނަވަންތަކުގައި، ރައީސް މައުމޫންގެ ނުފޫޒު ކުޑަވެއްޖެއެވެ. އެކަމަކީ، ރައީސް މައުމޫނަށް ބަލައިގަންނަން ދަތިކަމަކަށް ވުމާއެކު އުފެދުނު ހަނގުރާމައިގައި، އިހުނަށްވުރެ ބޮޑަށް ރައީސް މައުމޫނުގެ ބާރުތައް ހަނިވީއެވެ.
އާޚިރުގައި، ރައީސް މައުމޫން އަތުން ޕީޕީއެމް ގެއްލުނީއެވެ. ކަތިވަޅި ގެއްލި، މަރިޔަނބު ގެއްލި، ކޮށި ދަނޑުވެސް ގެއްލުނީއެވެ. ސިޔާސީ މައިދާނުގައި ރަސްމީ އެއްވެސް ހައިސިއްޔަތެއް ނެތް ފަރާތަކަށް ބަދަލުވީއެވެ. އެހެންނަމަވެސް، ރައީސް މައުމޫން ހުންނެވީ ސިޔާސީ ހަނގުރާމައިގެ މައިދާނުގައި ފަހަތަށް ޖެހިވަޑައިގަންނަވާ ގޮތަށް ނޫންކަން އެންމެނަށްވެސް އެނގެއެވެ. ފަހަރުގައި، އުމުރުން އަދި އެހައި ދުވަސް ނުވަނީކަމުގައިވެސް ވެދާނެއެވެ. ނުވަތަ، އަންނަން އޮތް ޖީލަށް ވެރިކަން ނަޤުލުކުރުމަށް މާބޮޑު އުންމީދެއް ކުރައްވަނީ ކަމަށްވެސް ވެދާނެއެވެ. ސިޔާސީ މައިދާނުގެ ރިޕޯޓްތައް ބުނަނީ އެފަދަ ވާހަކަތަކެކެވެ.
ކޮންމެއަކަސް، ރައީސް މައުމޫނު އަތުން ޕީޕީއެމް ބީވެއްޖެއެވެ. އެހެންކަމުން، ރައީސް މައުމޫނަކީ މިހާރު ސިޔާސީ އެއްވެސް ހައިސިއްޔަތެއް އޮތް ފަރާތެއް ނޫނެވެ. އެމަނިކުފާނަކީ، ކުރީގެ ރައީސް އެވެ. އެއީ، އިޖުތިމާއީ މަސައްކަތުގައި، ރައްޔިތުންގެ ލޯބި ލިބޭނެ ފަދަ ހަރަކާތްތަކުގައި ރީތިކޮށް އުޅުއްވަން އެންމެ ރަނގަޅު ނިޒާމެވެ. ޤާނޫނުގައި އެކަން އޮތީވެސް އެގޮތަށެވެ.
ނަމަވެސް، ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުން ކުޑަކުރައްވަން ރައީސް މައުމޫން ބޭނުންފުޅެއް ނުވެއެވެ. އެހެންކަމުން، ރައީސް މައުމޫނަށް މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ސިޔާސީ ހައިސިއްޔަތެއް ހޯއްދެވުމެވެ. އެއީ، ޑީއާރުޕީގެ ނިވަލަށް ވަނުން ކަމުގައި ވިޔަސް، ޖުމްހޫރީ ޕާޓީގެ ނިވަލަށް ވަނުން ކަމުގައި ވިޔަސް، އެމްޑީޕީއާ އެކު ބައިއަތު ހިފުން ކަމުގައި ވިޔަސް، ރައީސް މައުމޫނަކީވެސް ކޮންމެސް ބޭފުޅަކަށް ވާން އެބަޖެހެއެވެ.
ޕާޓީ ނިޒާމަކީ ވަކިވަކި ފަރުދުންގެ ނިޒާމެއް ނޫނެވެ. އެއީ، ސިޔާސީ ގޮތުން އެއްގަލަށް އެރޭ ފަރާތްތަކުން، އެކައްޗެއް ކިޔައިގެން، ޖަމާއަތެއްގެ ގޮތުގައި ނުކުމެ، ސިޔާސީ ލަނޑިދަނޑިތައް ހާސިލުކުރުމަށްޓަކައި މަސައްކަތް ކުރާ ނިޒާމެވެ. އެ ނިޒާމުގެ ތެރޭގައި، ރަސްމީ ޖަމާއަތެއްގެ ސިފަނުޖެހޭ ގޭންގްތަކާއި، ގުރޫޕްތަކާއި، ވަކިވަކި ފަރުދުން އުޅޭނަމަ، އެ ނިޒާމު މުޅިން ފަސާދަވެ ހިނގައިދާނެތެވެ.
އަދީބާއި، ނާޒިމާއި، މަހުލޫފާއި، މައުމޫނަކީ އެއް ފަތިގަނޑުން ފޫޓުއަޅާވަރަށްވުރެ ތަފާތު ބޭފުޅުންނެވެ. އެބޭފުޅުންގެ ތެރެއިން، ރައީސް މައުމޫން ފިޔަވައި ދެންތިއްބެވި ބޭފުޅުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާތީ މި ފެންނަނީ ފަރުދުން ގޮތުގައެވެ. ރައީސް މައުމޫނުވެސް ސިޔާސީ ހައިސިއްޔަތެއް ނެތި ފަރުދެއްގެ ގޮތުގައި ކުރިޔަށް ވަޑައިގަންނަވާނީ ހެއްޔެވެ؟
ނޫނެކެވެ. އެއީ، އެމަނިކުފާނަކީ އެޔަށްވުރެ ބޮޑަށް ރައްޔިތުންގެ ލޯތްބާއި މަޤުބޫލުކަން ހޯއްދަވާފައިވާ ފަރާތެކެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ތަމްސީލީ ޑިމޮކްރެސީގައި، އެމަނިކުފާނު ވާންވާނީ ރަސްމީކޮށް ސިޔާސީ ހައިސިއްޔަތު އޮވެގެން މަސައްކަތްކުރައްވާ ފަރާތަކަށެވެ. އެމަނިކުފާނަކީ އެހައި ލާޗާރުބިޗާރު ބޭފުޅެއް ނޫނެވެ.
ނަމަވެސް، ރައީސް މައުމޫން އަތްޕުޅުން ޕީޕީއެމް ބީވުމާއެކު، އެމަނިކުފާނު ކަންތައް ކުރައްވަމުން އެ ގެންދަވާ ގޮތަކީ، ވަރަށް ތަސައްރަފު ނުފުދޭ ގޮތެއް ކަމުގައި ނޫނީ ނުވެއެވެ. ދިގު 30 އަހަރު ރާއްޖޭގައި ރައީސްކަން ކުރެއްވި އިއްޒަތްތެރިޔަކު، ސިޔާސީ މައިދާނުގައި ދެމިހުންނަވާއިރު، އަދި އެމައިދާނުން އެކަހެރިވެލައްވާއިރުވެސް ކަންކަން ކުރައްވަން ވާނީ، ތަންކޮޅެއް ހަރުދަނާ ގޮތަކަށެވެ. އާންމުންގެ މެދުގައި އެމަނިކުފާނަށް އޮތް ލޯބި ނުގެއްލޭނެ ގޮތަކަށެވެ.
އެއްގޮތަކީ، ސިޔާސީ މައިދާނުން ރައީސް މައުމޫން ދުރަށް ޖެހިވަޑައިގަތުމެވެ. އެކަމަށް، ރައީސް މައުމޫން ކުރައްވަނީ ކަނޑައެޅިގެން އިންކާރެވެ. އެހެންކަމުން، އެއީ ނެތް ގޮތެކެވެ. ދެން އޮތީ، ރަސްމީ ހައިސިއްޔަތެއް ހޯއްދެވުމެވެ. ސިޔާސީ މައިދާން އިތުރަށް ތަޣައްޔަރު ކުރުމަށް ރައީސް މައުމޫން ބޭނުންފުޅުވެ ނުލައްވާނަމަ، ސިޔާސީ ޖަމާއަތެއް ތަމްސީލުކުރުމަށް ރަސްމީ ހައިސިއްޔަތެއް ހޯއްދެވުމަކީ އެމަނިކުފާނު ކޮންމެހެންވެސް ކުރައްވަން ޖެހިވަޑައިގެންފައިވާ ކަމެކެވެ.
ރައީސް މައުމޫން ސިޔާސީ ހައިސިއްޔަތަކަށް ބޭނުންވެފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ