ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ހަށިކޮޅަށް ގެއްލުމެއް ދޭން އުޅޭ ކަމަށް ބުނެ އެމަނިކުފާނު ދިރިއުޅުއްވާ މ. އެންދެރިމާގޭގެ ސެކިއުރިޓީ ސިފައިން ބަލަހައްޓަމުން ގެންދާތީ އެމަނިކުފާނަށް ދޭން އުޅުނު ގެއްލުމުގެ ތަފްސީލް ހިއްސާކުރުމަށް ރައީސް މައުމޫން އެދިވަޑައިގެންފި އެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ހަށިކޮޅަށް ހަމަލާއެއް ދޭން އުޅޭ ކަމުގެ އެއްވެސް މައުލޫމާތު ލިބިވަޑައިގެންފައި ނެތް ކަމަށެވެ. އެހެންވެ ސިފައިން ދައްކާ ވާހަކަތަކުގެ މައުލޫމާތު ހޯދުމަށް ޑިފެންސް މިނިސްޓްރީ އަށް ސިޓީއަކުން ދަންނަވާފައި ވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ޑިފެންސް މިނިސްޓްރީ ޓެގްކޮށް ރައީސް މައުމޫން ކުރެއްވި މިޓްވީޓްގައި އިތުރަށް ވިދާޅުވީ އަމިއްލަފުޅަށް ސަލާމަތީ ކަންތައް ވަރުގަދަ ކުރެވޭނީ ވެސް ސިފައިން ބުނާ މައުލޫމާތު ލިބުމުން ކަމަށެވެ.
ރައީސް މައުމޫން ދިރިއުޅުއްވާ ގެ ކައިރީގައި ސިފައިން ޑިއުޓީ ބަހައިގެން ފޯރިމަރަމުން ދާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާ ސިފައިން އެ ގެ ދޮށުން ދުރަށް ދިއުމަށް ގޮވާލައްވާފަ އެވެ.
ގުޅިފައިވާ ޕާޓީ ތަކުގެ ބައެއް ބޭފުޅުން ތުހުމަތުކުރައްވާ ގޮތުގައި ރައީސް މައުމޫނަށް ގެއްލުމެއް ދޭން އުޅޭ ކަމަށް ބުނެ އެންދެރިމާގޭގައި ސިފައިން ސެކިއުރިޓީ ބަލަހައްޓަން ފެށީ އެގެއަށް ވަދެ ނިކުމެ ހަދާ މީހުން ބެލުމަށެވެ.
ގުޅިފައިވާ ޕާޓީ ތަކުގެ ތަރުޖަމާން އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ވިދާޅުވީ ރައީސް މައުމޫން ދިރިއުޅުއްވާ ގޭގައި ސިފައިން ފޯރިމެރުމަކީ އެމަނިކުފާނު ގޭގައި ބަންދުކުރުން ކަމަށެވެ.
ކުރީގެ ރައީސް މައުމޫނު ދިރިއުޅުއްވާ، މ. އެންދެރިމާގޭގެ ސެކިއުރިޓީ ވަރުގަދަކޮށް ރެއިން ފެށިގެން ސިފައިން ގެންދަނީ އެގޭގައި ހަރަކާތްތެރިވަމުންނެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން އެމްއެންޑީއެފުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ސަރުކާރާ އިދިކޮޅު ކޯލިޝަންގައި އިސްކޮށް ހަރަކާތްތެރިވާ ރައީސް މައުމޫނަށް ސިފައިން ދެމުން އައި ސެކިއުރިޓީ ވަރަށް ފަހުން ވަނީ ދަށްކޮށްފަ އެވެ. އަލުން ސެކިއުރިޓީ ވަރުގަދަކޮށް ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ބޭރުގައި ސިފައިން ހަރަކާތްތެރިވާން ފަށާފައިވާ އިރު އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އޭގެ މަގުސަދަކީ އެ ގެ އަށް ވަދެނުކުމެ އުޅޭ މީހުން ބެލުމެވެ.
ހަށިކޮޅަށް ދޭން އުޅޭ ގެއްލުމެއްގެ މައުލޫމާތު ހިއްސާކުރުމަށް މައުމޫން އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ