01 ފެބްރުއަރީ 2018 ވަނަ ދުވަހުގެ ރޭ ކުއްލި ހަބަރެއްގެ ގޮތުގައި ރައްޔިތުންނަށް ލިބިގެންދިޔައީ ޖަލުގައި ޙުކުމް ތަންފީޒް ކުރަމުންގެންދާ ޤައިދީންތަކެއް ދޫކޮށްލުމަށާއި ރައްޔިތުންގެ މަޖިލީހުގެ ގެއްލިފައިވާ ގޮނޑިތަކެއް ކަމަށް ސިޔާސީ ފަރާތްތަކުގެ މެދުގައި ހިޔާލު ތަފާތު ވެފައިވާ ގޮނޑިތައް ނުގެއްލޭ ކަމަށް ސްޕްރީމް ކޯޓުން ކުރި އަމުރުގެ ހަބަރެވެ. ޓެރަރިޒަމްގެ ކުށާއި ، ނުރައްކާތެރި ހަތިޔާރު ގެންގުޅުމާއި އަދި ރައީސް އަވަހާރަ ކޮށްލުމަށް މަސައްކަތް ކުރި މީހެއް ދޫކޮށްލުމަށް ނެރުނު އަމުރެކެވެ. މި އަމުރާއި ގުޅިގެން ދިވެހިންގެ ހިތްތަކުގައި އެތަކެއް ސުވާލުތަކެއް އުފެދިގެން ދިޔައެވެ. ސުޕްރީމް ކޯޓުން ހެއްކާއި ގަރީނާ އަށް ބިނާކޮށް ޝަރުއީ ހަމަތަކުގެ މަތީން ކޮށްފައިވާ ހުކުމްތަކެއް ކުއްލިގޮތަކަށް ބާތިލް ކުރުމުގެ ސިއްރަކީ ކޮބައިބާއެވެ؟ އަދި އަހުމަދު އަދީބް ދޫކޮށްލުމަށް ހުކުމް ކުރި އިރު ، ޒިޔަތު ދޫކޮށްލުމަށް އެ ހުކުމް ގައި ބަޔާންކޮށްފައި ނެތީ ކީއްވެބާއެވެ؟ މުހައްމަދު ނަޝީދު ދޫކޮށްލުމަށް އަމުރުގައި އޮތް އިރު ، އޭރުގެ ޑިފެންސް މިނިސްޓަރ ތޮލްހަތު ދޫކޮސްލުމަށް ނެތީ ކީއްވެބާއެވެ؟ ހުކުމް ކުރެވިފައިވާ ގައިދީންގެ މައްސަލަތައް އަލުން ސުޕްރީމް ކޯޓުން ރިވިއު ކުރާނަމަ ކުރެވޭނީ، އެބައިމީހުންނަށް ކޮށްފައިވާ ހުކުމްތަކަކީ އޮޅިގެން ނުވަތަ ގޯސްކޮށް ކުރެވިފައިވާ ހުކުމްތަކެއް ކަމަށް ބެލެވޭނެ އިތުރު ހެކިތަކެއް ނުވަތަ ކަންކަމެއް ފެންމަތިވުމެވެ. ނަމަވެސް މިފަދަ އެއްވެސް ކަމެއް ނެތި ހަމަ ކުއްލި އަކަށް މިފަދަ އަމުރެއް ކުރުމުގެ ފަހަތުގައި ވަނީ ކޮންކަމެއް ހެއްޔެވެ؟
ސިޔާސީ ކުށްވެރިންނަކީ ކޮބާ؟
ސްޕްރީމް ކޯޓުން 1 ފެބްރުއަރީ 2018 ވަނަ ދުވަހު ކޮށްފައިވާ އެކޯޓުގެ ޤަޞިއްޔާ ނަންބަރ 2018/Sc-SJ/01 ގައި ހެއްކާއި ޤަރީނާގެ މައްޗަށް ބިނާކޮށް ކޮށްފައިވާ ޖިނާއީ ޚުކުމްތަކެއް ވަނީ ބާތިލްކޮށްފައެވެ. އަދި ، އެ ޚުކުމްތައް ބާތިލް ކުރީ ސިޔާސީ ދައުވާތަކެއްގެ މައްޗަށް ބިނާކޮށް ހިންގާފައިވާ ޝަރީއަތްތަކެއް ކަމަށް ބުނެއެވެ. ސިޔާސީ ކުށްވެރިން ނުވަތަ ސިޔާސީ ދައުވާ އަކީ ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމް ދަންނަ މަފްހޫމެއް ނޫނެވެ. ރިސްވަތާއި، ޓެރަރިޒަމް އަދި ޤާނޫނާއި ހިލާފަށަް މީހުން ހައްޔަރު ކުރުމާއި، ވައްކަމާއި ފޭރުން އަދި ޓެކުމާއި ، ކޮރަޕްޝަންގެ މައްސަލަ ތަކުގައި ކުރާ ދައުވާ އަށް ކިޔަނީ @’ޖިނާއީ ދައުވާ’ އެވެ. އެ ދައުވާ ރައްދުވާ ފަރާތަކީ މަސްވެރި އަކަށް، ދަނޑުވެރިއަކަށް ، އިންޖިނިއަރަކަށް ، ޕައިލެޓަކަށް ، ސިފައިންގެ މީހަކަށް ، ފުލުހަކަށް އަދި ކުރީގެ ރައީސަކަށް ވިޔަސް މެއެވެ. އަދި މިފަދަ މައްސަލަ ތައް ކުރިއަށް ދާނީ ޖިނާއީ އަދުލުގެ ނިޒާމްގެ ތެރެއިންނެވެ.
ސިޔާސީ ދައުވާ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރަމުންދާ ލަފްޒެކެވެ. މި ލަފްޒް ބޭނުންކުރަނީ ސިޔާސީ މީހުން އެމީހުންގެ މައްޗަށް ކުރެވިފައިވާ ތުހުމަތު ނުވަތަ ދައުވާ އިން ސަލާމަތް ވުމަށް އެގައުމެއްގައި އެސިޔާސީ މީހުންނަށް ތާއީދު ކުރާ އާންމު ރައްޔިތުންނާއި ދުނިޔޭގެ ސަމާލުކަން ހޯދާށެވެ. ސިޔާސީ މަގާމެއްގައި ހުރުމަކީ ކުށްކުރުމަށް ލިބޭ ޓިކެޓަކަށް ވެއްޖެނަމަ ކުށްކުރުމަށަް ޝައުގުވެރިކަން ހުންނަ މީހުންނަށް ސިޔާސީ ދާއިރާ އަކީ އެންމެ ފުރިހަމަ ދާއިރާއެވެ.
ސުޕްރީމް ކޯޓަށް ދައުލަތުގެ ނުފޫޒް
ސުޕްރީމް ކޯޓުން 1 ފެބްރުއަރީ 2018 ވަނަ ދުވަހު ކޮށްފައިވާ ހުކުމް އެގޮތަށް ނެރެން ޖެހުން ސަބަބެއް ކަމަށް އެހުކުމްގައި ބުނެފައިވަނީ @’ސިޔާސީ ނުފޫޒް’ ވަދެފައިވާ ކަމަށް ބުނެއެވެ. ފަނޑިޔާރުގެ ގެއަށް ސިޔާސީ ނުފޫޒް ފޯރުވައިގެން ކޮށްފައިވާ ހުކުމް ތަކެއް ކަމަށް ބުނުމުން އެއީ ކުޑަކަމެއް ނޫނެވެ. ނަމަވެސް ސުވާލަކީ ފަނޑިޔާރުގެ އަށް ނުފޫޒް ފޯރުވައިގެން ހުކުމް ކުރެވުނު ކަމަށް ބުނާ މައްސަލަތަކުގައި ހުކުމް ކުރުމުގެ ކުރިން ފަނޑިޔާރުން އެވާހަކަ ނުދެއްކީ ކީއްވެގެންތޯއެވެ؟ އިސްތިއުފާ ނުދެއްވީ ކީއްވެގެންތޯއެވެ؟ ނުވަތަ ރައްޔިތުންގެ މަޖްލީހުގެ ސަމާލުކަމަށް ނުގެނައީ ކީއްވެގެންތޯއެވެ؟ މިނިވަންކަމާއި ނުފޫޒުން އެއްކިބާވެ ތިބެ ހުކުމްކުރަން ޖެހޭ ބަޔަކު ، އެދުވަހު ސަރުކާރުގެ ނުފޫޒު ފޯރުވިކަމަށް ބުނެ އަތް އުރާލައިގެން ތިބެފައި ، މިއަދު ކުއްލި އަކަށް ‘ސިޔާސީ ނުފޫޒް@’ ފޯރުވާފައިވާ ކަމަށް ބުނެ ގައިދީންތަކެއް ދޫކޮށްލުމުން ސުވާލު އުފެދެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހަށިވިއްކުމުގެ ދޮރު ހުޅުވާލުން
ސުޕްރީމް ކޯޓުން 1 ފެބްރުއަރީ އަދި 06 ފެބްރުއަރީގައި ކުރި ހުކުމްގައި ވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް @’ރިޝްވަތު’ ގެ ކަޅު ފައިސާ ގައި ޖެހުމުގެ ފުރުސަތު ލިބިގެން ދިޔައީއެވެ. މިހާރު ނީލަމުގައި އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަށް ހަށި ވިއްކާލުމުގެ ފުރުސަތު ލިބުނީއެވެ. ކޮރަޕްޝަންގެ ދޮރުތައް ހުޅުވުނީއެވެ. ފުލޯ ކްރޮސިންގ ނުވަތަ އެ މެމްބެރަކު އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީ އަކަށް ބަދަލުވެއްޖެނަމަ އެ މެންބަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަކީ ވަރަށް މަތިވެރި މަގްސަދެއްގައި ކުރެވުނު ހުކުމެކެވެ. މި ހުކުމުގައި ފަނޑިޔާރުން ފާހަގަ ކޮށްފައިވާ LEGAL REASONING އަށް ބެލުމުން ވެސް މިކަން އެންގެން އޮެވެއެވެ. އެގޮތުން މަލްޓިޕާޓީ ޑިމޮކްރަސީ ހަރުދަނާ ކުރުމަށާއި ، ރައްޔިތުންނާއި ކުރެވިފައިވާ އިޖްތިމާއި އަގުދު ނުވަތަ ސޯޝަލް ކޮންޓްރެކްޓަށް ކަމޭނުހިތާ ރައްޔިތުން އެ ފިކުރަކަށް ވޯޓްދިން ސިޔާސީ ފިކުރު ދޫކުށް އެހެން ޕާޓީ އަކަށް ބަދަލުވުމުން ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ހުރަސް އެޅޭ ކަމަށެވެ. އަދި މި ހުކުމަކީ މިހުކުމް ކުރުމަށްފަހު މި ހުކުމާއި މެދު ސުވާލު އުފެދޭ އެތައް ކަމެއް ފެންނަށް ހުރުމާއި އެމީހަކު ބޭނުންގޮތަކަށް މާނަ ކުރެވޭގޮތަށް އޮތް ހުކުމެކެވެ. 12 މެންބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަން އިން ނިންމުމުން ރައްޔިތުން ތެރޭގައި ސުވާލު އުފެދި އެސިޔާސީ ޕާޓީ އެއްގެ ފިކުރާއި އެއްގޮތަށް މާނަ ކުރެވުނު ހުކުމެކެވެ. އެދުވަހު ފަނޑިޔާރުން ހަނު ހުންނެވީއެވެ. ނޫސްތަކާއި، ސިޔާސީ ފެންޑާތަކާއި ރައްޔިތުންގެ މަޖިލީހުގައި މި ހުކުމުގެ ސަބަބުން ވަރަށް ހޫނު ވި މައްސަލަ އެކެވެ. ނަމަވެސް 13 ޖުލައި 2017 ވަނަ ދުވަހު ކުރެވުނު ހުކުމެއްގެ މައްސަލަ އެވަރަށް ގޯސްވެގެން ދިޔައިރު ވެސް ހަނު ތިއްބެވި ފަނޑިޔާރުން މިއަދު ކުއްލި އަކަށް އެހުކުމް ވެސް ބާތިލް ކޮށްލީ އެވެ. ކޮރަޕްސަނަށް މަގު ފަހި ކޮށްދިނީއެވެ.
ސުޕްރީމް ކޯޓުގެ ކުއްލި އަމުރާއި އެކު އައި ސިޔާސީ ސުނާމީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ