ސިޔާސީ އެކި ކުށްތަކުގައި ހުކުމްކޮށް ޖަލަށް ލާފައިވާ މީހުންނާއި ހައްޔަރުކޮށްފައި ތިބި މީހުން ދޫކޮށްލަން ސުޕްރީމް ކޯޓުން އަމުރާ ގުޅިގެން ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ސަރުކާރުގެ ނިޔަތް ރަނގަޅު ނޫންކަން ވަރަށް ރަނގަޅަށް ހާމަވެގެންދާ ކަމަށް އިދިކޮޅު ގާނޫނީ ވަކީލުން ބުނެފިއެވެ.
ވަކީލުން އެހެން ބުނެފައިވަނީ ސުޕްރީމް ކޯޓުގެ އަމުރުގައި, ސީޔަސީ ގޮތުން ހައްޔަރުގައި ތިއްބެވި 9 ބޭފުޅުންނާއި އަދި ގޮނޑި ގެއްލިފައވާ ކަމަށް ކަނޑައެޅި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެފައިވާއިރު އެ އަމުރު ތަންފީޒު ނުކޮށް ލަސްކުރަމުންދާތީ ވަކީލުން ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ބޭފުޅުންގެ ކަންބޮޑުވުންތައް ނޫސްވެރިނާ ހިއްސާކުރައްވަމުންނެވެ.
ވަކީލް އިބްރާހިމް ރިފްއަތު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑިއާ މެދު ގާނޫނީ ސުވާލުތަކެއް އުފެދިފައި ވަނިކޮށް، ސުޕްރީމް ކޯޓުން ނެރުނީ މި ވަގުތު ގައުމަށް ވަރަށް މުހިންމު އަމުރެއް ކަމަށެވެ. ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ސަރުކާރުން މަޝްވަރާކުރަމުން އަންނަ ކަމަށް ބުނާއިރު، މި މައްސަލާގައި ދައުލަތުގެ މުއައްސަސާތަކުން މަޝްވަރާކޮށްފައި ނުވާ ކަމަށް ރިފްއަތު ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ސަރުކާރުގެ ނިޔަތް ރަނގަޅު ނޫންކަން ވަރަށް ރަނގަޅަށް ހާމަވޭ،" އޭނާ ވިދާޅުވި އެވެ.
އެ އަމުރުގައިވާ ސިޔާސީ ނުވަ ބޭފުޅަކު ދޫކޮށްލަން އަމުރުކޮށްފައިވާއިރު, އޭގެ ތެރޭގައި ޖަލުގައި މިހާރު ތިއްބެވި ބޭފުޅުންނާއި އަމިއްލަ އަށް އަރުވާލެއްވިގެން ރާއްޖެ އިން ބޭރުގައި ދިރިއުޅުއްވާ ސިޔާސީ ލީޑަރުން ހިމެނިވަޑައިގަންނަވަ އެވެ.
ވަކީލާ ހިސާން ހުސެއިން ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ ސިޔާސީ ފަރާތްތަކަށް، ހުކުމް އިއްވާފައި ވަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ވެސް ޚިލާފަށް ކަމަށެވެ. ގާނޫނީ ވަކީލުން، އެ ވާހަކަ ތަކުރާރުކުރަމުންދާތާ އެތައް ދުވަހެއް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ ދައުލަތުގެ އެންމެ މަތީ ކޯޓުން ހުކުމެއް އިއްވުމުން އެ ހުކުމް ތަންފީޒު ނުކޮށް، ސަރުކާރަށް އުޒުރެއް ނުދެއްކޭނެ ކަމަށާއި ކޯޓުން ނެރުނު އަމުރާ އެއްގޮތަށް، ސިޔާސީ ލީޑަރުން ވަގުތުން ދޫކޮށްލަން ޖެހޭ ކަަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި އެ އަމުރަށް ސަރުކާރުން ތަބާނުވުމުން، އެ ބޭފުޅުން "ރަހީނުކޮށްފައިވާ" ކަމަށް ބެލުމުގެ ޖާގަ އޮތް ކަމަށް އޭނާ ވިދާޅު ވިއެވެ.
ހިސާން އިތުރަށް ވިދާޅުވި ގޮތުގައި އޮޅުން ނާރާ ގޮތަށް، ސާފުކޮށް ކޯޓުން ކަމެއް ލާޒިމް ކުރީމުން، ދައުލަތުގެ ދުސްތޫރީ ނިޒާމު ހައިޖެކްކޮށްގެން ހުރުމަކީ ގާނޫނީ ކުށެއް ކަމުގައެވެ.
ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވީ ބަންދުން ދޫކޮށްލަން ސުޕްރީމް ކޯޓުން އަމުރުކުރި ނުވަ މީހުންގެ ހެބިއަސް ކޯޕަސް މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި އޮންނާނެ ކަމަށް ބެލެވޭ ކަމަށްވެސް ޝަމީމް ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓުގެ އަމުރުގައި ބުނާ ނުވަ މީހުން ބަންދުގައި ބައިތިއްބަން ކޯޓު އަމުރެއް ނެތް. އެހެންވެ އެ މީހުން ވަގުތުން ދޫކޮށްލަން ޖެހޭނެ. ދޫކޮށްނުލައި ހޭދަވާ ކޮންމެ ވަގުތަކީ މިކަމުގައި ޝާމިލުވާ މީހުން ކުށްވެރިވާނެ ކަމެއް،" ޝަމީމް ވިދާޅުވި އެވެ.
ހުކުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓާ މަޝްވަރާކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފައިވާތީ އެކަމަށް ފާޑުވިދާޅުވަމުން ޝަމީމް ވިދާޅުވީ އެ ހުކުމާ ގުޅޭ ގޮތުން މަޝްވަރާކޮށްގެން އިތުރަށް ނިންމަން ޖެހޭ ކަމެއް ނެތް ކަމަށެވެ. އެއީ، ވަގުތުން ތަންފީޒުކުރަން ޖެހޭ އަމުރެއް ކަން ޝަމީމް ތަކުރާރުކޮށް ފާހަގަކުރެއްވި އެވެ.
މިމައްސަލާގައި ބައިނަލްއަގުވާމީ ފަރާތްތަކުން ވެސް ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
"ސުޕްރީމް ކޯޓުގެ އަމުރާގުޅިގެން ސަރުކާރުގެ ނިޔަތް ރަގަނޅު ނޫންކަން ހާމަވޭ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ