2018 ގައި އެންމެ މުހިއްމު ކަމެއް ދޭނީ ރިޔާސީ އިންތިޚާބު އެންމެ ފުރިހަމައަށް ނިންމާލުމަށް - ފުލުހުން

މި ފެށުނު 2018 ވަނަ އަހަރު އެންމެ އިސްކަމެއް ދޭނެ އެއްކަމަކީ ރިޔާސީ އިންތިޚާބުކަމަށް ދިވެހި ފުލުހުން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ ތަރުޖަމާނު، ޗީފް ސްޕްރިންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން، ޓިވީއެމްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މި އަހަރު އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާނެ ކަންކަމުގެ ތެރޭގައި ރިޔާސި އިންތިޚާބު ހިމެނޭ ކަމަށާއި، މިހާރު އެކަމާ ގުޅޭ ކަންކަމުގެ މަސައްކަތް ފެށިގެން ކުރިއަށް ދާކަމަށެވެ.
2017 ވަނަ އަހަރަކީ ފާތުވެ ދިޔަ އަހަރު ތަކަށް ބަލާއިރު ކުށް ކުރުން މަދުވި އަހަރެއް ކަމަށާއި އެގޮތުން ހަ ޕަސެންޓަށް ކުށްކުރުން މަދުވެފައިވާކަން ފާހަގަ ކުރައްވަމުން ޝިފާން ވިދާޅުވީ 2018 ވަނަ އަހަރަކީ މިއީ ރިޔާސީ އިންތިޚާބު އޮންނަ އަހަރުކަމަށްވެފައި، ޢާއްމު ގޮތެއްގައި އިންތިޚާބު އޮންނަ އަހަރަކީ ސިޔާސި ގޮތުން ޤައުމު ހަލަބޮލިވާ ދުވަސްވަރެއް ކަމަށާއި، އެހެންކަމުން ރިޔާސީ އިންތިޚާބާ ދިމާކޮށް، މުޖުތަމައުގެ ހަމަޖެހުމަށް ހުރިހާ ފަރާތްތަކުން އިސްކަން ދިނުމަށް އިލްތިމާސްކުރައްވާކަމަށެވެ.
ވޭތުވެ ދިޔަ އަހަރަކީ ދިވެހި ފުލުހުންގެ މަސައްކަތަށް ބޮޑެތި ކުރިއެރުން ތަކެއް ލިބިފައިވާ އަހަރެއްކަން ފާހަގަ ކުރައްވަމުން ޝިފާން ވިދާޅުވީ ނިމިގެން ދިޔަ 2017 ގައި ހިނގި ބޮޑެތި މަރުގެ އެކި އެކި ޙާދިސާތަކުގެ ތަޙްޤީގު ނިމި ދަޢުވާ ކުރަން ފޮނުވައިފައިވާނެ ކަމަށެވެ.
މިދިޔަ އަހަރު ކުށް މަދު ކުރުމަށް ފުލުހުންގެ ހުރިހާ ގޮތްޕަކުން ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން އަތޮޅު ތެރޭގައިވެސް އަނދިރިކޮށް ހުންނަ ސަރަހައްދުތައް ބެލުމަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތްތައް ކުރެވިފައިވާ ކަމަށްވެސް ޝިފާން ވަނި ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ