ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް، މައުމޫން އަބްދުލް ޤައްޔޫމާ ދެކޮޅަށް ކުރާ ހުރިހާ ތުހުމަތުތަކަށް އެމަނިކުފާނު އިންކާރު ކުރައްވައި، އެމަނިކުފާނާ ދެކޮޅަށް ހިންގާ ތަހުގީގަކީ ޣައިރު ގާނޫނީ ތަހުގީގެއް ކަމަށް ވިދާޅުވެ އިތުރަށް އެއްވެސް އެއްބާރުލުމެއް ދިނުމަށް ދެކޮޅު ހައްދަވައިފިއެވެ.
މައުމޫންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ފައިސަލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް މައުމޫން ހައްޔަރު ކުރިތާ 33 ދުވަސް ފަހުން ފުލުހުން ފުރަތަމަ ފަހަރަށް އެމަނިކުފާނާ ދެކޮޅަށް ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލުކޮށްފައިވާ ކަމަށެވެ. އަދި އެހުރިހާ ތުހުމަތުތަކަށް އެމަނިކުފާނު އިންކާރު ކުރައްވާފައިވާ ކަމަށާއި ގާނޫނާއި ޚލާފު ތަހުގީގަކަށް ތަހުގީގު ވާތީ، އެއްވެސް އެއްބާރުލުމެއް ނުދިނުމަށް ނިންމަވާފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.
މައުމޫނާ ދެކޮޅަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ގާނޫނީ ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރުމާއި ރިޝްވަތުގެ ފައިސާ ހުށައެޅުމާއި ދިނުން ހިމެނޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް މައުމޫން ވަނީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ.
އަދި އެމަނިކުފާނާ ދެކޮޅަށް ހިންގާ ތަހުގީގަކީ ގާނޫނާއި ޚިލާފު ތަހުގީގަކަށް ވާތީ އެއްބަރުލުން ނުދޭން ނިންމަވާފައިވާ ކަމަށް މީގެ ކުރިންވެސް މައުމޫން ހާމަކުރައްވާފައިވެއެވެ. ނަމަވެސް އެމަނިކުފާނާއި، ކުއްލި ނުރައްކަލުގެ ދަށުން ހައްޔަރުކޮށްފައިވާ އެންމެން މިނިވަން ކުރުމަށްފަހު، ގާނޫނީ އިމުގެ ތެރެއިން ކުރާ ތަހުގީގަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް މައުމޫން ވިދާޅުވެފައިވެއެވެ.
ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނުގެ އެއްބަފާ ބޭބޭފުޅު އުމުރުން ދުވަސްވެފައިވަނިކޮށް، ޖަލަށް ލާފައިވާ ވުން ކުށްވެރިކޮށް ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް ފާޑުވިދާޅުވެފައެވެ. މައުމޫންގެ އިތުރުން އެމަނިކުފާނުގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުޙައްމަދު ނަދީމްވެސް ވަނީ ހައްޔަރުކޮށްފައެވެ.
ގާނޫނާ ޚިލާފު ތަހުގީގަކަށް އެއްބާރުލުން ދޭން މައުމޫން ދެކޮޅު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ