ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ ޝަރީއަތުގައި ފާރިސްގެ ފަރާތުން ދިފާއުގައި ހުށަހެޅި ކިތާބީ ހެކިތައް ހުށަހެޅުމަށް ފުރުސަތު ދިނުމަށްފަހު އެ މައްސަލައިގެ ޚުލާސާ ބަޔާން ހުށަހެޅުން ފަސްކޮށްފި އެވެ.
ފާރިސްގެ މައްޗަށް ޝަހްސު އޮޅުވާލުމުގެ ދައުވާ އުފުލާފައިވަނީ ޕީޕީއެމްގެ ލޯގޯއާއި ދިދަ ގަވައިދާ ހިލާފަށް ބޭނުންކުރި ކަމަށް ބުނެ އެވެ.
މިމައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ތާވަލްކުރި އަޑުއެހުމަކީ ހުލާސާ ބަޔާން ހުށަހެޅުމަށްފަހު މައްސަލައާ ގުޅޭ އަޑުއެހުންތައް އެއްކޮށް ނިންމާލުމަށް ބޭއްވި އަޑުއެހުމެކެވެ. ނަމަވެސް މިއަދުގެ އަޑުއެހުން ފެށުމާ އެކު ފާރިސްގެ ދިފާއީ ވަކީލުން ވިދާޅުވީ ފާރިސްގެ ފަރާތުން ކިތާބީ ހެކީގެ ގޮތުގައި 27 ހެއްކެއް ހުށަހަޅާފައިވާއިރު ކިތާބީ ހެކި ހުށަހަޅަން ފުރުސަތު ލިބިފައި ނުވާ ކަމަށެވެ. މިކަމަށް ދައުލަތުގެ ވަކީލުން އިއުތިރާޒު ކޮށްފައި ނުވާތީ މައްސަލަ ބައްލަވާ ގާޒީ ވަނީ ފާރިސްގެ ގާނޫނީ ވަކީލުންނަށް ކިތާބީ ހެކި ހުށަހެޅުމަށް ފުރުސަތު ދީފަ އެވެ.
ފާރިސްގެ ފަރާތުން ކިތާބީ ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ މައްސަލަ ބަލައިދިނުމަށް ޕީޕީއެމުން ފުލުހުންނަށް ފޮނުވި ސިޓީއާއި މައްސަލައިގެ ތަހުގީގުގެ ވީޑިއޯއާއި، ފާރިސް ޕީޕީއެމުން ވަކިކުރި ކަމަށް ބުނެ ޕީޕީއެމުން އިލެކްޝަންސް ކޮމިޝަނާއި އެހެން މުއައްސަސާތަކަށް ފޮނުވި ސިޓީތަކާއި ފާރިސް ޕީޕީއެމުން ވަކިކުރި ފަހުން މަޖިލީހުގައި އޭނާ ޕީޕީއެމް ތަމްސީލުކުރި އަންގައިދޭ ލިޔުންތަކެކެވެ.
ފާރިސް ކުރީ ކުށެއް ނޫން ކަން ސާބިތުކުރުމަށްޓަކައި 2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭންގައި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގާއި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ބޭނުންކުރެއްވި ކެމްޕޭން ފޮޓޯތަކެއް ވެސް ވަނީ ޝަރީއަތަށް ހުށަހަޅާފަ އެވެ. އަމިއްލަގޮތުން މަޖިލީހަށް އިންތިހާބުވި މި ދެ ބޭފުޅުންގެ ކެމްޕޭން ފޮޓޯތައް ފާރިސްގެ ފަރާތުން ޝަރީއަތަށް ހުށަހެޅީ މި ދެ ބޭފުޅުންނަކީ ޕީޕީއެމްގެ މެންބަރުންތަކެއް ކަން ދޭހަވާ ގޮތަށް ކެމްޕޭން ކުރިކަން ޝަރީއަތަށް ސާބިތުކޮށްދިނުމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު އެމްޑީޕީން ވަކިކުރި ފަހުން މަޖިލީހުގައި މޫސައަށް އެމްޑީޕީ ތަމްސީލް ކުރަން ފުރުސަތު ދިން ކަން އެނގޭ ފަދަ ލިޔުންތަކެއް ވެސް ފާރިސްގެ ފަރާތުން ވަނީ ކިތާބީ ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ.
ފާރިސްގެ ފަރާތުން ކިތާބީ ހެކި ހުށަހެޅުމަށްފަހު ވަކީލުން ވިދާޅުވީ ފާރިސްގެ ދިފާއީ ހެކިންގެ ބަޔާންތައް ކޯޓުން ލިބިފައި ނުވާތީ ހުލާސާ ބަޔާން ހުށަހަޅަން ދަތި ކަމަށެެވެ. އަދި ހުލާސާ ބަޔާން ހުށަހެޅުމުގެ ކުރިން ހެކިންގެ ހެކިބަހާ ބެހޭ ގޮތުން ވާހަކަ ދައްކަން އިތުރު ފުރުސަތެއް ބޭނުންވާ ކަމަށްވެސް ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ ބަޔާންތައް ދޫކުރުން ލަސްވަނީ ހެކިވެރިން ސޮއި ކޮށްފައި ނުވާތީ ކަމަށާއި ސޮއިކުރުމާ އެކު ބަޔާންތައް ދޫކުރާނެ ކަމަށެވެ. މިމައްސަލާގައި ހުލާސާ ބަޔާން ހުށަހެޅުމަށް އަންނަ ހަފްތާގެ ހޯމަ ދުވަހު އަޑުއެހުމެއް ބާއްވާނެ ކަމަށާއި ހެކިންގެ ހެކި ބަހާ ބެހޭގޮތުން އެ ބަޔާނުގައި ފާހަގަކުރަން ބޭނުންވާ މައްސަލަތައް ފާހަގަކުރެވިދާނެ ކަމަށްވެސް ގާޒީ ވިދާޅުވި އެވެ. އަދި އޭގެ ފަހުން ހުލާސާ ބަޔާން ހުށަހަޅަން ފުރުސަތު ނުދެވޭނެ ކަމަށްވެސް ގާޒީ މިއަދު ވަނީ ވިދާޅުވެފަ އެވެ.
ޝަހުސު އޮޅުވާލުމުގެ ދައުވާ ފާރިސްގެ މައްޗަށް ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާނެ އެވެ. މިފަދަ ހުކުމަކުން ފާރިސްއަށް މަޖިލީހުގެ ގޮނޑި ގެއްލިވަޑައިނުގެންނެވި ނަަމަވެސް ހުކުމްގެ މުއްދަތުގެ ތެރޭގައި މަޖިލީހަށް ވަޑައިގަތުމުގެ ފުރުސަތު ބަންދުވާނެ އެވެެ.
ފާރިސްގެ މައްޗަށް ދައުލަތުން ވަނީ ރިޝްވަތު ދިނުމާއި، ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފަ އެވެ.
ފާރިސްގެ ކިތާބީ ހެކިތަކަށް ފުރުސަތު ދިނުމަށްފަހު ހުލާސާ ބަޔާން އިއްވުން ފަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ