މިނިސްޓަރ އިމްރާނަކީ ތެދުވެރިއެއްނޫން – މެމްބަރު ޔާމީން

ހޯމް މިނިސްޓަރ، އައްޝައިޚް އިމްރާން އަބްދުﷲ އަކީ ތެދުވެރިއެއް ކަމަށް ޤަބޫލުނުކުރާ ކަމަށް އެމްޓީޑީގެ ނައިބު ރައީސް، އަދި ވެލިދޫ ދާއިރާގެ މެމްބަރ ޔާމީން ރަޝީދު ވިދާޅުވެއްޖެއެވެ.
ޔާމީން މިހެން ވިދާޅުވީ، އަދީބަށް ބޭސްފަރުވާ ކުރުމުގެ ފުރުޞަތު ނުދޭ މައްސަލައާއި ގުޅިގެން މީޑިޔާތަކަށް މަޢުލޫމާތު ދެއްވުމަށް އެޕާޓީގެ އޮފީހުގައި މިރޭ ބޭއްވި ބައްދަލުވުމެއްގައެވެ.
"މަނިކުފާނަކީ ތެދުވެރިއެއް ކަމަކަށް އަޅުގަނޑުމެން ޤަބޫލެއް ނުކުރަން. ހަމަބުއްދި ހުރި ދިވެހި އެއްވެސް ރައްޔިތަކުވެސް ހަމަވިސްނުމުން ވިސްނާއިރު މަނިކުފާނަކީ ތެދުވެރިއެއް ކަމަކަށް ޤަބޫލެއް ނުކުރައްވާނެ. މަނިކުފާނަކީ، ދިވެހިރާއްޖޭގެ ރައްޔިތުން ވޯޓުލައިގެން ހޮވާފައު ހުންނެވި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގަ ދޮގުހައްދަވާ ބޭފުޅެއް." ހޯމް މިނިސްޓަރ އިމްރާނަށް އިޝާރާތް ކުރައްވާ، ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ، މިއަދާއި ހަމައަށް އައިއިރުވެސް އިމްރާން އަންނަނީ އަދީބާއި ގުޅޭގޮތުން ދޮގު ހައްދަވަމުން ކަމަށާއި، އިމްރާން ޒިންމާދާރުކޮށް ހަމަމަގަށް އެޅުވުމަށް ކުރަންޖެހޭ ކޮންމެ ކަމަށް ކުރައްވާނެ ކަމަށެވެ. އަދި ކޮންމެވެސް ދުވަހަކުން މި މައްސަލަތަށް ބެލޭނެ ކަމަށާއި، ޙާއްޞަކޮށް އިމްރާންގެ މައްސަލަ، ރާއްޖޭގެ ފުލުހުންގެ އިދާރާއިން ބައްލަވާނެ ކަމަށެވެ.
އަދީބުގެ ބޭސްފަރުވާގެ ކަންކަން ނުނިމި ލަސްވަމުންދާތީ، އެކަމާއި ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން މިރޭ ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައި މިވަނީ، މިއަދު މެންދުރުގެ ވަގުތެއްގައި އެކަމާއި ގުޅޭގޮތުން ރައީސް އިބްރާޙިމް މުޙައްމަދު ސޯލިހު ވާހަކަފުޅުދައްކަވާފައިވާ ދަނޑިވަޅެއްގައެވެ.
އަދީބުގެ ބޭސްފަރުވާއާއި ގުޅޭގޮތުން ރައީސް ސޯލިހު ވިދާޅުވެފައިވަނީ، އެ މައްސަލައާއި ގުޅިގެން ކަންބޮޑުވުން ތަކެއް ފާހަގަކުރެވިފައިނުވާ ކަމަށާއި ހޯމް މިނިސްޓްރީންނާއި ކަރެކްޝަން ސާރވިސަސްގެ ފަރާތުންވެސް އެކަމުގައި ޢަމަލުކޮށްފައިވާ ގޮތަށް ބަލާއިރު ކަންކަން ކުރިއަށް ގެންގޮސްފައިހުރީ ރަނގަޅަށްކަމަށެވެ.
ނަމަވެސް އެމްޓީޑީން ތުޙުމަތު ކުރާ ގޮތުގައި ރައީސް ސޯލިހު އެގޮތަށް އެ ވިދާޅުވީ ރައީސް އަށް ގޯސް މަޢުލޫމާތު ތަކެއް އިމްރާންގެ ފަރާތުން ލިބިފައިވާތީއެވެ. އަދި އެ މައްސަލަ ރަނގަޅަށް ބަލާ ތަޙުޤީޤު ކުރާނެކަމަށްވެސް އެ ޕާޓީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ