ހެނދުނަށް ވުރެ ހަވީރު ކެލަރީ އަނދާލެއް ގިނަ

ބަރުދަން ލުއިކުރަން މަސައްކަތްކުރާއިރު، ކެއުމަށް ވަރަށް ބޮޑަށް ބަލަންޖެހެ އެވެ. އެކަމަކު ފަހުގެ ކުޑަ ދިރާސާއަކުން ދައްކަނީ ކާ ވަގުތުގެ ގޮތުން ވެސް މިކަމަށް އަސަރުތަކެއް ކޮށްފާނެ ކަމަށެވެ.
މަދު ބަޔަކު ބޭނުންކޮށްގެން ކުރި ދިރާސާއެއްގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ދުވާލުގެ ކުރީކޮޅަށް ވުރެ، މެންދުރު ފަހާއި ރޭގަނޑުގެ ވަގުތުގައި ގުދުރަތީ ގޮތުން، އަމިއްލަ ޒާތުގައި ވެސް ހަށިގަނޑުން ގިނައިން ކެލަރީ އަނދަ އެވެ.
މި ދިރާސާކޮށްފައިވަނީ ތިން ހަފުތާގެ މުއްދަތަކަށް ހަތް އަންހެނުންނާއި ހަތް ފިރިހެނުންގެ މެޓަބޮލިޒަމަށް ދުވަހުގެ އެކި ވަގުތުގައި އަންނަ ބަދަލުތައް ބަލައިގެންނެވެ. މި އެންމެންނަށް ވެސް ކާންދީފައި ވަނީ ވަކި ބާވަތްތަކެއްގެ ކާނާ އެވެ. އަދި ކެލަރީ އަނދާނެ ފަދަ ހަރަކާތްތަކެއް އެ މީހުން ނުކުރެ އެވެ.
"ދިރާސާއިން އެނގުނީ އެއްވެސް ކަމެއް ނުކޮށް އަރާމުކޮށްލަން ތިބޭއިރު ވެސް ދުވަހުގެ އެކި ވަގުތުގައި ހަކަތަ އަންދާ ވަރު ބަދަލުވަމުން ދިޔަކަން،" ދިރާސާގައި އިސްކޮށް ހުންނެވި ޖީން ޑަފީ ވިދާޅުވި އެވެ.
ނިއުރޯ ސައިންޓިސްޓެއް ކަމަށްވާ ޑަފީ ވިދާޅުވީ ދުވަހުގެ ކުރީކޮޅަށް ވުރެ މެންދުރު ފަހާއި ރޭގަނޑު 10 ޕަސެންޓް އިތުރަށް ކެލަރީ އަނދާ ކަމަށެވެ.
"އެކަމަކު މިއީ ކީއްވެގެން ވާ ގޮތެއް ކަމެއް ބުނާކަށް އަދި ނޭނގޭ. ފަހަރެއްގައި މިއީ ދުވަހުގެ ވަކި ވަގުތުތަކެއްގައި ހަށިގަނޑުގައި ގިނައިރު ހަކަތަ ހިފަހައްޓަން ޖެހޭތީ މި ނިޒާމު ހިނގާ ގޮތް ކަމަށް ވެސް ވެދާނެ،" އޭނާ ވިދާޅުވި އެވެ.
މި ދިރާސާ "ކަރަންޓް ބަޔޮލޮޖީ" ޖާނަލްގެ މި މަހުގެ އަށް ވަނަ ދުވަހުގެ އަދަދުގައި ވަނީ ޝާއިއުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ