މެމްބަރު ޝާހު އާއި ހުސެން މަނިކު ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފި

ފުވައްމުލަކު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އަލީ ޝާހު އާއި ގުރައިދޫ ދާއިރާގެ މެމްބަރު ހުސެން މަނިކު ދޮންމަނިކު ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފިއެވެ.
އެ ދެ މެމްބަރުން ސޮއިކުރައްވަން އަންގާރަ ދުވަހުގެ ރޭ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒްގައި ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް، މަޖިލިސް މެމްބަރުން އަދި ޕާޓިގެ ކައުންސިލް މެމްބަރުންވެސް ވަނީ ބައިވެރިވެފައެވެ.
މެމްބަރު ޝާހު ސޮއިކުރެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައި ވަނީ މިއީ ހުރިހާ ލީޑަރުން ވެސް އަމިއްލަ މަސްލަހަތައް ވުރެ ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސް ކުރަންވީ ވަގުތު ކަމުގައެވެ. ހަތަރު ލީޑަރުންނަށް ވަރަށް ބޮޑަށް ތައުރީފު ދެންނެވުމަށް ފަހު އޭނާ ވިދާޅުވީ، އެ ހަތަރު ބޭފުޅުން މިއަދު އެކުވެރިކަމާއިއެކު ގައުމުގެ މަސްލަހަތު ނުހިފަހައްޓައިފިނަމަ ދެން ރައްޔިތުން އެއްވެސް ބަޔަކަށް، އެއްވެސް ލީޑަރަކަށް އިތުބާރެއް ނުކުރާނެ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް ފާޑު ކިޔާ ފަރާތްތަކުން އެ ފާޑު ކިޔަނީ ޝަހްސިއްޔަތު ހުރި ސިޔާސީ ވަރުގަދަ ބޭފުޅުންކޮޅެއް އެ ޕާޓީއާއި ގުޅިވަޑައިގަންނަވާތީ ކަމަށެވެ. އަދި ހަތަރު ލީޑަރުންނަށް އެއްބަސްވެވިފައި ވަނީ ހަމައެކަނި ރައީސްއަކާއި ނައިބު ރައީސަކު ހޮވަން ނޫން ކަމަށާއި، މަޖިލިސް އިންތިހާބުގައި ވެސް ގުޅިގެން މަސައްކަތް ކުރަން ކަމުގައި ރިޔާޒް ވިދާޅުވިއެވެ.
މި ދެ މެމްބަރުން ވެސް ޖޭޕީއާއި ގުޅުމުގެ ކުރިން ވަނީ ޕީޕީއެމްގައި މަސައްކަތް ކުރައްވާފައެވެ. މި 2 މެމްބަރުންގެ ތެރެއިން ޝާހު އަކީ 2017 ވަނަ އަހަރު މަޖިލީހުގެ އޭރުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއެކުރެއްވި މައްސަލައިގައި ގޮނޑި ގެއްލިއްޖެކަމަށް ސަރުކާރާއި އިލެކްޝަންސް ކޮމިޝަނުން އޭރު ކަނޑައެޅި 12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. މި ދެ މެމްބަރުންނާއި އެކު ޖުމްހޫރީ ޕާޓީގެ މަޖިލިސް މެމްބަރުންގެ މިހާރުގެ އަދަދަކީ 18 އެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ