މުބާރާތައް ނިކުންނާނީ ތަށި ދިފާޢުކުރަން - ގްރީން ސްޓްރީޓްސް

ޔޫތް ޗެމްޕިއަންޝިޕްގައި ޗެމްޕިއަން ގްރީންގެ އަމާޒަކީ ތަށި ދިފާއުކުރުންކަމަށް އެ ކްލަބުން ބުނެފިއެވެ.
އަންނަ މަހުގެ ތިންވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މުބާރާތައްވަމުންދާ ތައްޔީރަތަކާއި ގުޅޭގޮތުން ޕީއެސްއެމް ސްޕޯޓްސްއަށް މައުލޫމާތު ދެމުން ގްރީން ސްޓްރީޓްސްގެ އެސިސްޓަންޓް ކޯޗު އަލީ ހަސަން ބުނީ، މިފަހަރުގެވެސް އާމަޒަކީ ތަށި ހޯދުން ކަމަށާއި، މުބާރަތަށް އެޓީމުން ނެގި ސްކޮޑްގައި އެ ފެންވަރު އެބަހުރި ކަމަށެވެ. އަދި ގްރީން ސްޓްރީޓްސްއަކީ އެއްވެސް އިރެއްގައި މެޗުތަކެއް ކުޅެލަން މުބާރާތްތަކުގައި ބައިވެރިވާ ޓީމެއް ނޫންކަމަށްވެސް އަލީ ހަސަން ބުންޏެވެ.
މުބާރާތައް ޓީމު އެކުލަވާލި ގޮތާއި ގުޅޭގޮތުން ވާހަކަ ދައްކަމުން އެސިސްޓަންޓް ކޯޗު ބުނީ، ޓީމު އެކުލަވާލީ މިދިޔަ އަހަރު އެޓީމުގައި ތިބި ބައެއް ކުޅުންތެރިންނާއި އަތޮޅު ތެރެއިން ހުނަރުހުރި ކުޅުންތެރިން ގެނެސްގެންކަމަށެވެ. އަދި ޓްރަޔަލްއަށް ހުޅުވާލައިގެން ކުރިޔަށްގެންދިޔަ ސެލެކްޝަން އިން ފާހަގަކުރެވުނު ކުދިންނަށްވެސް ޓީމުން ޖާގަ ދީފައިވާނެކަމަށް އަލީ ހަސަން ބުންޏެވެ.
އަލީ ހަސަން ބުނީ މިދިޔަ އަހަރާއި ޙިލާފަށް މި އަހަރުގެ މުބާރާތުގައި ޓީމުތައް ގިނަވުމުގެ ސަބަބުން ކުޅުންތެރިންނަށް ކުޅެން ލިބޭ މެޗުތައް ގިނަވުމަކީ އެ ކުޅުންތެރިންނަށް ލިބޭނެ ވަރަށް ބޮޑު ތަޖުރިބާއަކަށް ވާނެކަމަށެވެ. އަދި މި މުބާރާތުން މި އަހަރުވެސް ތަފާތު ހުނަރުހުރި ކުޅުންތެރިންތަކެއް ފެންނޭނެކަމަށްވެސް އަލީ ހަސަން ފާހަގަކުރިއެވެ.
އޭނާ ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުނަރުހުރި ގިނަ ކުޅުންތެރިންތަކެއް އެބަތިބި ކަމަށާއި، އެހެންކަމުން ޔޫތް ޗެންޕިއަންޝިޕް ފަދަ މުބާރާތްތައް އިތުރުކުރަން ޖެހޭކަމަށެވެ. ނަމަވެސް މުބާރާތްތައް އިތުރު ކުރެވޭނީ ވަސީލަތްތައް ވެސް އިތުރުކޮށްގެންކަމަށާއި، ޓީމުތައް ޕްރެކްޓިސް ކުރަން ނުވަތަ ކޯހެއް ބާއްވަން ވިޔަސް މި އޮންނަނީ އެންމެ ދެ ދަނޑުކަން އޭނާ ފާހަގަކުރި އެވެ.
ޔޫތް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ފެށުމަށް އެގާރަ ދުވަހަށް ވެފައިވާއިރު، މި މުބާރާތުގައި ބައިވެރިވާ ހުރިހާ ޓީމަކުންވެސް މިހާރު ވަނީ ފައިނަލް ސްކޮޑް އެކުލަވާލާ އެންމެ ފަހުގެ ފަރިތަކުރުންތައް ކުރިޔަށް ގެންދަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ