އިބޫ އިސްތިއުފާ ދެއްވާފައި ނަޝީދު ވެރިކަމަށް ގެންނާނޭ ބުނެ ދައްކަނީ ފޭކު ވާހަކައެއް: އުމަރު

އެމްޑީޕީ ވެރިކަމަށް އައިސްފި ނަމަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައީސް ކަމުން އިސްތިއުފާދެއްވައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރައީސް ކަމަށް ވަޑައިގެންނެވޭނޭ މަގު ފަހިކުރާނޭ ކަމަށް ބުނެ ފަތުރާ ވާހަކަ އަކީ މާބޮޑު ބުރަދަނެއް ނެތް ފޭކް ވާހަކައެއް ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭން ކުރިޔަށް ދިޔަ އިރު ރައީސް ޔާމީނަށް ތާއީދުކުރައްވާ ބޭފުޅުން އެންމެ ގަދަޔަށް ފެތުރި އެއް އަޑަކީ އެމްޑީޕީ އަށް ވެރިކަން ލިބިއްޖެ ނަމަ އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަން ކުރައްވާނީ ދޮޅު އަހަރެއްހައި ދުވަހު ކަމަށެވެ.
އެ ދޮޅު އަހަރު ތެރޭގައި ރައީސް ނަޝީދު މިނިވަން ކުރައްވައި، ނައިބު ރައީސް ފައިސަލް ނަސީމް މަގާމުން ވަކިކުރައްވައި އެ މަގާމަށް ނަޝީދު އައްޔަން ކުރުމަށް ފަހު އިބޫ އިސްތިއުފާ ދެއްވާނެ ކަމަށް ބުނެ ވަރުގަދަ ކެމްޕޭނެއް ކުރި އެވެ. މި ފޯމިލުއާ އަށް ކަން ކޮށްފި ނަމަ ރައީސް ނަޝީދަށް ރައީސްކަން ލިބިވަޑައިގަތުމުގެ ފުރުސަތު އޮންނާނެ އެވެ. އެހެން ނަމަވެސް މި ހުރިހައިކަމެއް ނިންމާއިރު، ރައްޔިތުންގެ މަޖިލީހުގެ ސާފު މެޖޯރިޓީ ވެސް ބޭނުންވާނެ އެވެ.
"ވަން" އަށް ދެއްވި އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ ރައީސް ނަޝީދު މާ ބޮޑަށް ވެރިކަމުގެ ކަންކަމުގެ ތެރެއަށް ވަންނަވަން ފަށްޓަވައިފި ނަމަ ހުރިހާ ކަމެއް ދާނީ ގޯހުން ގޯހަށް ކަމަށެވެ.
"ރައީސް ނަޝީދު މާ ބޮޑަށް ގާތް ވެއްޖެ ނަމަ ދެން އެހިސާބުން ހުރިހާކަމެއް ވާނީ ގޯސް. ނަޝީދު ރައީސް ކަމަށް ގެނައުމުގެ އެޖެންޑާއެއް އިބޫގެ ވެސް އޮތް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އެފަދަ ފޯމިއުލާ އަކަށް އިބޫ މަސައްކަތް ކުރައްވާ ތަނެއް ވެސް ނުފެނޭ. އެހެންވީމަ އެއީ ހަމަ ވޯޓު ހޯދަން ދައްކާ ފޭކު ވާހަކަ،" ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެ ކެމްޕޭން ވެސް ކުރެއްވުމަށް ފަހު އެންމެ ފަހު ވަގުތު ވިސްނުން ބަދަލުކުރެއްވި އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ