ތިނަދޫއަށް ހުކުރު ދުވަހު ވަގުތީ ކަރަންޓް ލިބޭނެ: ނިމާލް

ގދ. ތިނަދޫ އިންޖީނުގޭގައި އިއްޔެ ރޭ އަލިފާން ރޯވެ އަނދާ ހުލިވުމާ ގުޅިގެން އެރަށުގެ ރައްޔިތުންގެ އާންމު ހާލަތު ރަނގަޅުކުރުމަށްޓަކައި އެރަށު ބެންކަށާއި ސްކޫލްތަކަށް މިއަދު ކަރަންޓު ފޯރުކޮށްދޭނެ ކަމަށާއި އަދި މުޅި ރަށަށް ހުކުރު ދުވަހު ކަރަންޓް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ފެނަކަ ކޯޕަރޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ނިމާލު ވިދާޅުވީ ތިނަދޫ އިންޖީނުގޭގައި ރޯވެ މުޅި ރަށުން ކަރަންޓް ކެނޑިފައިވާތީ އެރަށުގެ ރައްޔިތުންގެ އާންމު ހާލަތު ރަނގަޅު ކުރުމަށް ފެނަކައިން ދަނީ ވަރަށް ބުރަ މަސައްކަތް ތަކެއް ކުރުަމުން ކަމަށާއި އެހެން ކަމުން އެންމެ ލަސް ވެގެން މިއަދު އިރުއޮއްސުމުގެ ކުރިން އެރަށުގެ ބެންކަށާއި ތިން ސްކޫލަށް ވެސް ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"ބެންކަށާއި ސްކޫލްތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ވަރަށް ބާރަށް ކުރަމުން. އުއްމީދު ކުރަނީ މިއަދު އިރުއޮއްސުމުގެ ކުރިން އެތަންތަނަށް ކަރަންޓް ދެވޭނެ ކަމަށް. އެގޮތުން މިބަލަނީ މާދަމާ ސްކޫލްތަކުގައި ކިޔަވާދެވޭނެ ކަމަށް،" ނިމާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތިނަދޫ އިންޖީނުގޭގައި ރޯވެ އަނދާ ހުލިވުމުން 22 އާއި 24 މިލއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށާއި އަންނަ ހުކުރު ދުވަހު މުޅި ރަށަށް ވަގުތީ ކަރަންޓް ފޯރު ކޮށްދެވޭނެ ކަމަށެވެ.
ނިމާލް ވިދާޅުވީ ތިނަދޫގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން ގެންދަނީ 1000 ކިލޯވޮޓްގެ އިންޖީނަކާއި 700 ކިލޯވޮޓްގެ އިންޖީނަކާއި އަދި 600 ކިލޯވޮޓް ގެ ތިން އިންޖީނެއް ބޭނުން ކޮށްގެން ކަމަށާއި، އެ ތިން އިންޖީނުވެސް ހިދުމަތް ފޯރުކޮށް ނުދެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ. އަދި ތިނަދޫ އިންޖީނުގޭގެ ފުރާޅުގައި 170 ސޯލާ ޕެނަލް ހަރުކޮށްފައިވާއިރު އެއީ މުޅި ޖުމްލަ 43 ކިލޯވޯޓުގެ ކެޕޭސިޓީގެ ސޯލާ ޕެނަލްތަކެއް ކަމަށާއި އޭގެތެރެއިން ދެބައިކުޅަ އެއްބައި ސޯލާ ޕެނަލްތައް ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ނިމާލު ވިދާޅުވީ ތިނަދޫ އިންޖީނުގޭގައި މަސައްކަތް ކުރާ މުވައްޒަފުންގެ ފަރާތުން ލިބުނު މައުލޫމާތަށް ބަލާއިރު މި ހާދިސާ އަކީ އަމިއްލަ ޒާތުގައި އަލިފާން ރޯވެގެން ހިނގާދިޔަ ހާދިސާ އެއް ކަމަށް ނުބެލެވޭ ކަމަށާއި ނަމަވެސް ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބުން އިނގޭނީ ފުލުހުންގެ ތަހުގީގަށް ފަހު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ