އިސްރާއީލްގެ ޓޭންކަރު ތަކުން ޣައްޒާގެ މެދުތެރޭގައި ހުންނަ ހޮސްޕިޓަލެއް ކަމަށްވާ އަލް-އަގުޞާ ހޮސްޕިޓަލަށް ހަމަލާދީ 5 މީހުން ޝަހީދު ކޮށްލައިފިއެވެ. މިހަމަލާގައި މަދުވެގެން 50 މީހުން ޒަހަމްވެފައިވާ ކަމަށް ޣައްޒާގައި ހުރި ރިޕޯޓަރާއި ހަވާލާދީ އަލްޖަޒީރާ އިން ބުނެއެވެ.
އަލްޖަޒީރާ އިން ބުނީ ހަމަލާ ދީފައި ވަނީ އަލް-އަގުޞާ ހޮސްޕިޓަލްގެ 3 ވަނަ ބުރިއަށެވެ.
އަލްޖަޒީރާއިން ބުނީ ހޮސްޕިޓަލް އަށް ވަރަށް ވަރުގަދައަށް ހަމަލާ ދީފައިވާ ކަމަށެވެ.
ހަމަލާ އަމާޒުވި ހޮސްޕިޓަލަކީ ފަލަސްތީން ސަރުކާރުން ހިންގާ ހޮސްޕިޓަލެކެވެ.
ހަމަލާއަށް ފަހު ހޮސްޕިޓަލްގެ ޑޮކްޓަރަކު އަލްޖަޒީރާ އާއި ވާހަކަދައްކަމުން ބުނީ މިހާރު ހާލަތު ހުރި ގޮތުން ބަލި މީހުންނަށްޓަކައި ޑޮކްޓަރުންނަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތް ކަމެވެ.
ހޮސްޕިޓަލަށް ދިން ހަމަލާ ދިފާއު ކޮށް އިސްރާއީލް ބޮޑުވަޒީރުގެ ތަރުޖަމާން ބުނީ އިސްރާއީލުން ހަމަލާ ދެމުން ގެންދަނީ ހަމާސް އިން ހަނގުރާމައިގެ ހަތިޔާރާއި ރޮކެޓް ފޮރުވާފައި ހުންނަ ތަންތަނަށް ކަމަށެވެ.
ނަމަވެސް ހޮސްޕިޓަލްގެ ޑޮކްޓަރުން މިކަން ދޮގު ކުރެއެވެ. ޑޮކްޓަރުން ބުނީ ހަމަލާ އަމާޒުވި ތިން ވަނަ ބުރިއަކީ ގިނަ ދުވަހު ފަރުވާ ދޭންޖެހޭ މީހުން އެޑިމިޓް ކޮށްފައި ބައިތިއްބާ ބައި ކަމަށެވެ.
އިސްރާއީލްގެ ހަމަލާތައް ދުވަހަކަށް ވުރެ ދުވަހަކު ވަރުގަދަ ކުރަމުން ދާއިރު ފަލަސްތީންގެ މީޑިއާ އިން ރިޕޯޓް ކުރާ ގޮތުގައި ފާއިތުވި 14 ދުވަސް ތެރޭގައި އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީން މީހުންގެ އަދަދު މިހާރު ވަނީ 549 އަށް އަރާފައިވާ ކަމަށެވެ.
ޣައްޒާގެ ހޮސްޕިޓަލަކަށް ހަމަލާދީ 5 މީހުން ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ