ޝަހީމްގެ މަސައްކަތަށް ރައީސް މައުމޫން ޝުކުރު އަދާ ކުރައްވައިފި

އިސްލާމިކް މިނިސްޓަރު ކަމުން އިއްޔެ އިސްތިއުފާ ދެއްވި އައްޝައިޚް މުހައްމަދު ޝަހީމް އަލީ ސައީދަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު އަބްދުލްގައްޔޫމް ޝުކުރު އަދާ ކުރައްވައިފި އެވެ.
ޝެއިހް ޝަހީމަށް ޝުކުރު އަދާ ކުރައްވާ ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ގިނަ އަހަރުތަކެއް ވަންދެން ޝެއިހް ޝަހީމް ގައުމަށްޓަކައި ކޮށްދެއްވި އަގުހުރި މަސައްކަތަށް ޝުކުރުވެރިވާ ކަމަށެވެ.
މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމަށްފަހު ޝަހީމް އިއްޔެ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީންގެ ކެބިނެޓްގައި މަސައްކަތް ކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި ދެއްވި އެއްބާރުލެއްވުމަށް ނިހާޔަތަށް ޝުކުރު ދަންނަވާ ކަމަށެވެ.
ޝަހީމް މަގާމުން އިސްތިއުފާދެއްވާފައި މިވަނީ ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި އަދާލަތު ޕާޓީއަށް ނިސްބަތްވާ ބޭފުޅުން އެ މަގާމުތަކުން އިސްތިއުފާދިނުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމާ އެކަން އެބޭފުޅުންނަށް އަންގާފައި ވަނިކޮށެވެ.
ޝަހީމްގެ އިތުރުން ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި އަދާލަތު ޕާޓީގެ ދެ މެމްބަރުން ކަމުގައިވާ އިސްލާމިކް މިނިސްޓްރީގެ ސުޓޭޓް މިނިސްޓަރު އައްޝައިހް މުހައްމަދު ދީދީއާއި، ޖެންޑާ މިނިސްޓްރީގެ ޑިޕިޔުޓީ މިނިސްޓަރު ޝިދާތާ ޝަރީފް ވެސް ވަނީ މީގެ ކުރިން މަގާމުން އިސްތިއުފާދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ