ޕްރީ ސްކޫލް ޓީޗަރުންނަށް މުސާރަ ނުލިބޭ!

މީގެ ކުރިން އައްޑޫ ސިޓީ ކައުންސިލްގެ ބަޖެޓްގައި ހިމަނައިގެން ފިނޭންސް މިނިސްޓްރީން ދޫކުރަމުން ގެންދިޔަ އައްޑޫ ޕްރީ ސްކޫލްތަކުގެ ޓީޗަރުންގެ މުސާރަ ފައިސާ ފިނޭންސް މިނިސްޓްރީން އެޑިއުކޭޝަން މިނިސްޓްރީގެ ބަޖެޓަށް ބަދަލުކޮށްފައިވާ ކަމަށް ކައުންސިލުން ބުނެފި އެވެ.
ފިނޭންސްގެ އޮފިޝަލަކު މިކަން ކައުންސިލަށް ފޯނު މެދުވެރިކޮށް އަންގަވާފައިވާ އިރު، ޕްރީ ސްކޫލްތަކުގެ ޓީޗަރުންގެ މާޗް މަހުގެ މުސާރަ ނުލިބިގެން ސްކޫލްތަކުން ވަނީ ކަންބޮޑުވުން ވެސް ފާޅު ކުރަން ފަށައިފަ އެވެ.
މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ ކައުންސިލުން ކުރިން ދެމުން ދިޔަ ޕްރީ ސްކޫލް ޓީޗަރުންގެ މާޗް މަހުގެ މުސާރަ ނުދެވި ވަނީ ފިނޭންސުން މި ގެނައި ބަދަލާ ގުޅިގެން ކަމަށެވެ.
ސޯބެ އިތުރަށް ވިދާޅުވީ މިކަމާ ގުޅިގެން ކައުންސިލަށް ފިނޭންސުން ވެސް އަދި އެޑިއުކޭޝަން މިނިސްޓްރީން ވެސް ރަސްމީކޮށް އެއްވެސް އެންގުމެއް އަންގާފައި ނެތް ކަމަށެވެ.
"އެހެންވެ އަޅުގަނޑުމެން އުޅޭނަން މިކަމާ. ކައުންސިލަށް ލާޒިމްކޮށްފައި އޮތް ކަމެއް ޕްރީ ސްކޫލްތައް ބަލަހައްޓައި އެހީތެރިވުމަކީ،" މޭޔަރު ވިދާޅުވި އެވެ. "އެކަމަކު އެ ގާނޫނުން ލިބިދޭ މަސްއޫލިއްޔަތު ވެސް ކައުންސިލުން އަދާ ކުރުމުގެ ރޫހު ނެތިދާ ގޮތަށް އަމަލު ކުރާ ތަން މި ފެންނަނީ."
ލާމަރުކަޒީ ގާނޫގެ ދަށުން ޕްރީ ސްކޫލްތަކުގެ ޓީޗަރުންނަށް މުސާރަ ދިނުމުގެ ކަންތައްތައް ކުރަމުން ގޮސްފައި ވަނީ ކައުންސިލުންނެވެ. މިދިޔަ ފެބްރުއަރީ މަހާ ހަމައަށް ޓީޗަރުންނަށް ކައުންސިލުން ވަނީ މުސާރަ ދީފަ އެވެ.
އެހެން ނަމަވެސް މާޗް މަހުގެ މުސާރަ ނުލިބިގެން ސްކޫލްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ބައެއް ސްކޫލްތަކުން ބުނީ މި މައްސަލާގައި ކައުންސިލަށް ގުޅުމުން، ފިނޭންސް މިނިސްޓްރީން ފައިސާ މިހާރު ދޫނުކުރާތީ މުސާރަ ދެވޭނެ ގޮތެއް ނެތް ކަމަށް ބުނެފައިވާ ކަމަށެވެ.
އައްޑޫގެ 10 ޕްރީ ސްކޫލެއްގެ ޓީޗަރުންނަށް ކައުންސިލުން މީގެ ކުރިން ދިޔައީ މުސާރަ ދެމުންނެވެ.
އޭގެ ތެރޭގައި ހިމެނެނީ ޝައިޚް ހުސައިންރަހާ ޕްރީ ސްކޫލް، ޝަރިފީ ޕްރީ ސްކޫލް، އަސްރިއްޔާ ތުއްތުކުދިންގެ ތަޢުލީމުދޭ ކްލާސް، ކުދިމާ ޕްރީ ސްކޫލް، އަމާން ޕްރީސްކޫލް، ނަސްރިއްޔާ ޕްރީސްކޫލް، ހިރާ ޕްރީ ސްކޫލް، އުޖާލާ ޕްރީ ސްކޫލް، މެދުވަލު ސްކޫލް، އަދި ސަޢީދިއްޔާ ސްކޫލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ