މެންބަރު ހަމީދުގެ މައްސަލަ މާދަމާ ސުޕްރީމް ކޯޓުގައި ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އިސްމާއީލް އަބްދުލްހަމީދުގެ މައްޗަށް ސާބިތުވެފައިވާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިން ކަމުގެ ކުށުގެ ހުކުމް ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން އެ މައްސަލަ މާދަމާ އަށް ޝެޑިއުލްކޮށްފި އެވެ.
ސުޕްރީމް ކޯޓުގައި އެ މައްސަލަ ބޭއްވުމަށް ޝެޑިއުލް ކޮށްފައި ވަނީ މާދަމާ މެންދުރު ފަހު 30: 2 ގަ އެވެ. އެ މައްސަލަ ބައްލަވާ ގޮތަށް ހަމަޖެހިފައި ވަނީ ސުޕްރީމް ކޯޓުގެ ފުލް ބެންޗުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު އަހަދު ފާއިޒު ހުސެއިންނާއި ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.
ހަމީދުގެ އިލްތިމާސް ދައުވާގައި ބުނެފައި ވާނީ ހަމީދު އެއް އަހަރާއި ހަ މަސް ދުވަހަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަށް ތާއީދުކޮށް ހައި ކޯޓުން ހުކުމްކޮށްފައި ވަނީ ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށެވެ. އަދި ހަމީދުގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލްކުރުމަށް ވެސް ދައުވާގައި އެދިފައިވެ އެވެ.
ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކުރުމުން ކާށިދޫ ދާއިރާގެ ގޮނޑިއާ މެދު ގޮތެއް ނިންމައިދިނުމަށް އެދި ކުރިން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. ކޯޓުން ނިންމާފައި ވަނީ އިލްތިމާސްކުރުމުގެ ހައްގު އޮތްހާ ހިނދަކު ހަމީދުގެ ގޮނޑި ގެއްލިއްޖެ ކަމަށް ނުބެލޭނެ ކަމަށާއި ނަމަވެސް ހުކުމް ދެމިއޮތްހާ ހިނދަކު ރައްޔިތުންގެ މަޖިލީހަށް އޭނާ އަށް ހާޒިރުނުވެވޭނެ ކަމަށެވެ.
ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ މުނިސިޕަލްޓީން ގަތް ކޮޅުވެއްޓިއެއް ސަރުކާރަށް ލިބުމުގެ ހައެއްކަ މަސް ކުރިން އެ އުޅަނދު ލިބުނު ކަމަށް ހަމީދު ސޮއިކުރެއްވި ކަމަށް ބުނެ އެވެ. އެގްރިމެންޓުގައިވާ ގޮތުން އުޅަނދުގެ އަގުގެ 50 ޕަސެންޓް ދައްކަން ޖެހެނީ އެގްރިމެންޓުގައި ސޮއިކުރުމުންނެވެ. ބާކީ ފައިސާ ދައްކަން ޖެހެނީ އުޅަނދު ސަރުކާރަށް ލިބުމުންނެވެ. އެހެންކަމުން އުޅަނދު ލިބުމުގެ ކުރިން އެ ލިބިއްޖެ ކަމަށް ސޮއިކުރުމުން އުޅަނދު ވިއްކި ސިންގަޕޫރުގެ އައިލެންޑް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑަށް ނާޖާއިޒު ގޮތުގައި ފައިދާތަކެއް ވެފައިވާ ކަމަށް ކޯޓުން ބުނެފައިވެ އެވެ.
ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ. ގެ ތިން ވަނަ ނަންބަރުގައި ބުނެފައި ވަނީ، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ ނަމަ، އެ މީހަކު މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ. އަދި 74 ވަނަ މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަގާމުން ވަކިކުރަން ޖެހިއްޖެތޯ ބެލުމުގައި ނުވަތަ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ކަމާ މެދު ސުވާލު އުފެދިއްޖެ ނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ