މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުގެ ރޭ އިދިކޮޅު ޑީއާރުޕީން ސިފައިންގެ މައި މަރުކަޒު ކުރިމައްޗަށް އެއްވި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ އއ. ތޮއްޑޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރުކަމަށް އިންތިހާބުވެފައިވާ އަލީ ވަހީދު އިއްޔެ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކުރުމުން އޭނާ އިހުތިޔާރުކުރެއްވީ ހަނު ހުންނެވުމަށެވެ.
ސިފައިންގޭ ދޮށަށް އެއްވި މައްސަލައިގައި އަލީ ވަހީދު ފުލުސް އޮފީހަށް ހާޒިރުކުރިއިރު ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު ވެސް ވަނީ ހަމަ އެ މައްސަލައިގައި މިދިޔަ އާދީއްތަ ދުވަހު ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ.
އިއްޔެ ހަވީރު 00: 3 ގައި ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށް ފަހު ނިކުމެ ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ފުލުހުން ސުވާލުކުރި ދެ ކަމަކާ ގުޅިގެން، ގާނޫނު އަސާސީގެ ދަށުން ލިބޭ ހަނުހުރުމުގެ ހައްގުގެ ބޭނުން ހިއްޕެވި ކަމަށެވެ.
"ސިފައިންގެ ގޭޓުގައި އަތްލައި ތަޅުވައި ހެދި ކަމަށް ބުނެ އެ މައްސަލައިގައި އަޅުގަނޑާ ސުވާލުކުރި. އެކަމުގައި އަޅުގަނޑު ހިޔާރު ކުރީ ހަނުހުންނަން. ދެން ސުވާލުކުރީ މުލީއާގޭ ދޮށުގައި ބޭއްވި އެއްވުމުގައި ފުލުހުންގެ ބައިވެރިވުން އޮތް ކަމަށް އަޅުގަނޑު މީޑިއާގައި ބުނެފައި އޮތީމަ އެކަމާ ގުޅިގެން. އެ ސުވާލުކުރުމުން ވެސް އަޅުގަނޑު ހިޔާރުކޮށްފައި ވާނީ ހަނުހުންނަން،" މިދިޔަ ހަފުތާގައި ބޭއްވި ޑީއާރުޕީގެ ތިން ވަނަ ކޮންގްރެސްގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގެން އެ ޕާޓީގެ ޑެޕިއުޓީ ލީޑަރަކަށް އިންތިހާބުވެ ވަޑައިގެންފައިވާ އަލީ ވަހީދު ވިދާޅުވި އެވެ.
"އެއްވެ އުޅުމުގެ ކަންތައްތަކުގައި ސަރުކާރުން އެކި ގޮތްގޮތަށް މާނަކޮށް މާ ބޮޑަށް ސިޔާސީކުރަން މަސައްކަތްކުރާ ދުވަސްވަރެއްގައި އަޅުގަނޑަށް އެންމެ ބޮޑަށް ފެނުނީ ހަނުހުރުމޭ އެންމެ މުހިންމީ. އެކަމަކު ޝަރުއީ ކޯޓުގައި އަޅުގަނޑުގެ ދިފާއުގައި ޖަވާބުދާރީވާކަށް ފަހެއް ނުޖެހޭނަން. ޝަރުއީ ކޯޓުގައި ޖަވާބުދާރީވާންޖެހޭ ކޮންމެ ކަމަކަށް ޖަވާބުދާރީވާނަން."
ދެ ގަޑިއިރު ވަންދެން ފުލުސް އޮފީހުގައި ހުންނެވުމަށް ފަހު ނިކުމެވަޑައިގެން އަލީ ވަހީދު ވިދާޅުވީ އޭނާ ވެސް ދެ ކަމަކާ ގުޅިގެން ފުލުހުންނާ ސުވާލުކުރެއްވި ކަމަށާއި އަދި އެއް މައްސަލައެއް ތަހުގީގުކޮށްދިނުމަށް ފުލުހުންނަށް ހުށަހެޅުއްވި ކަމަށެވެ. އެ ގޮތުން އޭނާ ފުލުހުންނަށް ހުށަހެޅުއްވީ މުލީއާގޭ ދޮށަށް އެއްވި މީހުން ރޫޅާލުމަށް ކަރުނަ ގޭސް ބޭނުންކުރުމަށް ފަހު އެމްއެންޑީއެފްގެ ސާޖަންޓް ރޭންކަށް ވުރެ މަތީ މީހަކު ވަރަށް ހަޑި ހުތުރު ބަހުން މުހާތަބުކުރި މައްސަލަ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު [އެ ހުރިހާ ވާހަކައެއް] މީޑިއާގައި ދަންނަވާކަން ނެތިން. އަޅުގަނޑު [ފުލުހުންނަށް] ބަޔާން ދީފައި އޮންނާނެ. އެހެންވީމަ ހަތިޔާރު ގެންގުޅުމުގެ ބާރު ލިބިގެންވާ ދިފާއީ ބާރުގެ ޔުނިފޯމްގައި ތިބި ބޭފުޅުން މިފަދަ އިބާރާތުން މުހާތަބުކުރަންޏާ މިއީ ވަރަށް ބިރު ހުރި ކަމެއް. މިފަދަ ވިސްނުމުގެ ބޭފުޅުން އެމްއެންޑީއެފްގެ ގޭޓުގެ ފަހަތުގައި ތިބެންޏާ މިއީ ނުރައްކާތެރި ކަމެއްކަން ނޭނގޭ. ޑިފެންސް މިނިސްޓަރު އަމީން ފައިސަލަށާއި ޑިޒާސްޓަ މެނޭޖްމަންޓުގައި އުޅުއްވާ އަބްދުﷲ ޝާހިދަށް ވަރަށް ރަނގަޅަށް އެނގިލައްވާނެ މިފަދަ ބޭފުޅުން ގައުމީ ދިފާއީ ބާރުގެ ފަހަތުގައި އުޅުއްވަންޏާ އެއީ ކިހާ ނުރައްކާތެރި ކަމެއްކަން ގައުމީ ސަލާމަތަށް،" އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުލީއާގޭ ދޮށުގައި ބޭއްވި މުޒާހަރާ ރޫޅާލުމުގެ ކުރިން ހިމާޔަތަށް އެދިފައިވަނިކޮށް އެއަށް ޖަވާބުނުދީ ކަރުނަ ގޭސްޖެހީ ކީއްވެތޯ ވެސް ފުލުހުންނާ ސުވާލުކުރެއްވި ކަމަށެވެ.
"އޭގެ ޖަވާބުގައި ފުލުހުން ވިދާޅުވަނީ އެ މައްސަލަ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާށޭ،" ރައްޔިތުންގެ މަޖިލީހުގައި އިންނަވާ އެންމެ ޒުވާން ޕާލަމެންޓޭރިއަން ވިދާޅުވި އެވެ. "ދެން އަޅުގަނޑު ފުލުހުންނަށް ދެންނެވިން ފުލުހުންގެ ވާޖިބަށް ހުރަސް އަޅަންވެގެން ސަރުކާރަށް ނިސްބަތްވާ ޕާޓީގެ މެމްބަރުން މަސައްކަތްކުރާ ތަން ފެނިފައިވާ ކަމަށް. އަދި އޭގެ ވީޑިއޯ ދި ޓީވީން ދައްކާފައިވާއިރު ފުލުހުންގެ ވާޖިބަށް ހުރަސް އެޅި މީހުން ހާޒިރުކޮށް ސުވާލުކޮށް ފިޔަވަޅު އަޅަން. އެ ބޭފުޅުން އޭގެ ޖަވާބުގައި ވިދާޅުވީ އެ މައްސަލަ މިހާރު ވެސް ތަހުގީގުކުރައްވާ ކަމަށް. އެކަމަކު މިއަދާ ހަމައަށް ވެސް އަޅުގަނޑުމެން މި ގެންނަ ގޮތަށް މަޖިލީހުގެ އެފަދަ މެމްބަރެއް ގެނައި ކަމެއް އެނގިފައެއް ނެތް."
އަލީ ވަހީދު ވިދާޅުވީ އޭނާ އާއި ޑީއާރުޕީގެ ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވާ ބައެއް މެމްބަރުން ޖަލަށްލައްވާއިރު އެމްޑީޕީގެ މަޖިލީހަށް ނިސްބަތްވާ މެމްބަރުންތަކެއް ޖަލަށް ލައްވަންޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން ކުޑަގޮޅި އަށް ލާއިރު އެމްޑީޕީގެ ޗެއާޕާސަން [މާރިޔާ އަހުމަދު ދީދީ] އޮންނަވަންޖެހޭނީ ހަމަ އެ ގޮޅީގައި. އެއީ މަޖިލިސް ކުރާ ގޭ ދޮށުގައި އެމްޑީޕީން ބޭއްވި އެއްވުމުގައި މީހަކު ހައްޔަރުކުރަން ފުލުހުން އުޅުމުން އެކަމަށް މާރިޔާ ހުރަސް އެޅުއްވި މައްސަލައިގައި. އެ މައްސަލަ ފުލުހުން ބަލަންޖެހޭނެ. އޭގެ ވީޑިއޯ ވެސް އެބަ ގެންގުޅޭ،" އަލީ ވަހީދު ވިދާޅުވި އެވެ.
ސިފައިންގެ ކުރިމައްޗަށް އެއްވި މައްސަލައިގައި ފުލުހުން ސުވާލުކުރުމުން މެމްބަރު އަލީ ވަހީދު ހިޔާރުކުރެއްވީ ހަނުހުންނެވުމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ