ބުދަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް މައުމޫނާ ވާދަކޮށް އެ މަނިކުފާނު ބަލިކުރެވޭނެ ހަމައެކަނި ބަޔަކީ އެމްޑީޕީ އިއްތިހާދު ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ވިދާޅުވެއްޖެ އެވެ.
ސ. ހިތަދޫ މުހިއްބުއްދީން ސްކޫލުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަންނި ވިދާޅުވީ ޑީއާރްޕީގެ ރިޔާސީ ކެންޑިޑޭޓާ ދެކޮޅަށް ނުކުމެ، ކަމެއް ކާމިޔާބުކުރެވޭނެ ހަމައެކަނި ބަޔަކީ އެމްޑީޕީ އިއްތިހާދު ކަމަށެވެ.
"މައުމޫނާ ދެކޮޅަށް ކަމެއް ކުރެވޭނެ ހަމައެކަނި ބަޔަކީ އަޅުގަނޑުމެން. މި އިންތިހާބުގައި މައުމޫނާ އެންމެ ކައިރިން ވާދަކުރާނެ ބަޔަކީ ވެސް އަޅުގަނޑުމެން. އަޅުގަނޑުމެން ނޫން ބަޔަކަށް މައުމޫނަކާ ވާދައެއް ނުކުރެވޭނެ،" އެމްޑީޕީ އަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވި ޖަލްސާގައި އަންނި ވިދާޅުވި އެވެ.
އަންނި އަދި ވިދާޅުވީ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވައިގެން ތިއްބެވި އެހެން ބޭފުޅުންނަކީ މައުމޫނުގެ ސަރުކާރުގައި އުޅުއްވާފަިއވާ ތިއްބެވި ބޭފުޅުން ކަމަށާއި އެ ބޭފުޅުންނަށް ތެދުވެރިކަމާ އެކު މައުމޫނާ ވާދައެއް ނުކުރެއްވޭނެ ކަމަށެވެ.
ރޭގެ ޖަލްސާގައި އަންނި އިތުރަށް ވިދާޅުވީ ސަރުކާރުގެ ބައެއް ވަޒީރުން މަގާމުން ވަކިވެވަޑައިގެން، ކުރިއަށް އޮތް ރިއާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ލަފާދިނީ ސަރުކާރުތަކުގެ މޫނުމަތި ރަނގަޅުކޮށް، ޕަބްލިކް ރިލޭޝަންސް ކެމްޕޭންތައް ހިންގައިދޭ އިނގިރޭސިވިލާތުގެ ހިލް އެންޑް ނޯލްޓަން ކަމަށާއި މައުމޫން ވެސް އަމަލުތައް އެ ކުރައްވަނީ އެ ކުންފުނިން އަންގާ ގޮތަކަށް ކަމަށެވެ. އެހެން ނަމަވެސް މިއިން ވެސް ކަމަކާ އެމްޑީޕީން އިއްތިހާދުން ޖެހިލުންނުވާ ކަމަށާއި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އެމްޑީޕީ އިއްތިހާދު ބޮޑު ތަފާތަކުން ކާމިޔާބުކުރާނެ ކަމީ ޔަގީންކަމެއް ކަމަށް އަންނި ވިދާޅުވި އެވެ.
އިންތިހާބުގެ ކުރިން އެމްޑީޕީ އިއްތިހާދުން އައްޑޫ ބާއްވާ އެންމެ ފަހު ޖަލްސާގައި ވާހަކަ ދައްކަވަމުން އަންނިގެ ރަނިންމޭޓް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ވިދާޅުވީ ފުރަތަމަ ބުރުން އިންތިހާބު ކާމިޔާބުކުރެވޭނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އޭނާ އަދި ވިދާޅުވީ އެމްޑީޕީ އިއްތިހާދުގެ ސަރުކާރު ވެގެންދާނީ ހަރަދު ވެސް ކުޑަ ސަރުކާރަކަށް ކަމަށާއި ބޭނުން ވަނީ ރައްޔިތުންނަށް ހިދުމަތްކުރުން ކަމަށެވެ.
ރޭގެ ޖަލްސާގައި އެމްޑީޕީ އިއްތިހާދުގައި ހިމެނިވަޑައިގަންނަވާ ހިތަދު އަށް އުފަން ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ ވެސް ވާހަކަ ދެއްކެވި އެވެ.
ރިޔާސީ އިންތިހާބު 2008: އަޅުގަނޑުމެން ނޫން ބަޔަކަށް މައުމޫނާ ވާދައެއް ނުކުރެވޭނެ: އަންނި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ