ރިޔާސީ އިންތިހާބު 2008: ސަލާމަތީ އިތުރު ކަންތައްތަކެއް ހިމަނައިގެން ވޯޓު ކަރުދާސް ޗާޕުކޮށްފި

ރިޔާސީ އިންތިހާބުގައި ދެވަނަ ބުރުގައި ވޯޓުލާ ކަރުދާހުގައި ސަލާމަތީ އިތުރު ކަންތައްތަކެއް ހިމަނައިގެން ޗާޕުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ އެސިސްޓެންޓް ޑިރެކްޓަރު ޖެނެރަލް މުހައްމަދު ތޮލާލު މިއަދު ވިދާޅުވީ ނޮވެލްޓީ ޕްރިންޓާސްއާ ހަވާލުކޮށްގެން ޗާޕުކުރި ވޯޓުކަރުދާސްތަކުގައި މިދިޔަ ފަހަރާ ތަފާތު ކަންތައްތަކެއް ހިމަނައިފައިވާނެ ކަމަށެވެ.
"އެއް ކަމަކީ ކަރުދާސް ޗާޕުކޮށްފައި ވަނީ ހާއްސަ ދެއްޔަކުން. އަދި އިތުރު ވޯޓަ މާކެއް ކަހަލަ ހާއްސަ ސިފައެއް ހިމަނައިފައިވާނެ،" އޭނާ ވިދާޅުވި އެވެ.
ތޮލާލު ވިދާޅުވީ އަލަށް ޗާޕްކުރި ކަރުދާހުގެ ނަކަލެއް އެހެން ބަޔަކަށް ނުހެދޭނެ ކަމަށެވެ. އަދި އެ ވޯޓުކަރުދާސް އާއްމުންނަށް ލީކެއް ވެސް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަންނަ އަންގާރަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް 218،720 ވޯޓުކަރުދާސް ޗާޕުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. އެއީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ޗާޕުކުރި އަދަދު ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
ރިޔާސީ އިންތިހާބުގައި ވޯޓުލާ ކަރުދާސް ނޮވެލްޓީން ޗާޕުކޮށްދިން އަގެއް އިލެކްޝަންސް ކޮމިޝަނުން ނުބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ