ވަޒީފާގެ ބިލް ރައީސް ތަސްދީގު ކުރައްވައިފި

ފުރަތަމަ ފަހަރަށް ރާއްޖޭގައި އެކުލަވާލި ވަޒީފާގެ ބިލް ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު ފަހު ބޭއްވި ރަސްމިއްޔާތުގައި ވަޒީފާގެ ބިލް ތަސްދީގު ކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އެ ގާނޫނަކީ ސަރުކާރުން ހިންގަމުން ގެންދާ ސިޔާސީ އިސްލާހީ ޕްރޮގްރާމްގެ ވަރަށް މުހިންމު ބައެއް ކަމަށެވެ. އަދި ވިދާޅުވީ 90 މާއްދާގެ މައްޗަށް އެކުލެވޭ އެ ގާނޫނު ފާސްކޮށް، ތަސްދީގު ކުރުމުން އިންޓަނޭޝަލް ލޭބަ އޮގަނައިޒޭޝަން (އައިއެލްއޯ) އާ ގުޅުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށާއި ވަޒީފާގެ ގާނޫނު އެކުލަވާލާފައި ވަނީ ވެސް އެ ޖަމާއަތުގެ އަސާސީ އުސޫލުތަކުގެ މައްޗަށް ބިނާކޮށްގެން ކަމަށެވެ.
ރައީސް ވިދާޅުވީ ވަޒީފާގެ ގާނޫނު ތަސްދީގު ކުރުމުން "މި ފެށެނީ ހައްގާއި ވާޖިބުގެ ވަރަށް މުހިންމު ފިޔަވައްސެއް" ކަމަށާއި "ވަޒީފާގެ ހައްގުތަކަށް ލޯބިކުރާ ރައްޔިތަކަށް ވުމަށް މި ގާނޫނު މަގުފަހިކުރާނެ" ކަމަށެވެ.
ރައީސް ވިދާޅުވީ ވަޒީފާގެ ގާނޫނު ފާސްކޮށްފައިވާ ގޮތުން އެކިއެކި ވިޔަފާރިކުރާ ފަރާތްތަކަށާއި އެކި ކަހަލަ ބޮޑެތި މަސައްކަތްތައް ހިންގާ ބައެއް ފަރާތްތަކަށް ކޮންމެވެސް ވަރެއްގެ ދަތިތަކެއް ދިމާވެދާނެ ކަމަށެވެ. އަދި އެ ދަތިތައް ފާހަގަކޮށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީޒް (މަޓީ) އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް (މަސީ) އާއި ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާ އިން އެމަނިކުފާނަށް ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށެވެ.
"އެ ތިން ފަރާތުން މިކަން ހުށަހެޅުއްވީމަ އަޅުގަނޑު އެ ތިން ފަރާތުގެ ބޭފުޅުންނާ އިއްޔެ ބައްދަލުކޮށް މިކަމާ ބެހޭ ގޮތުން މަޝްވަރާ ކުރިން. މި ގާނޫނު މިހާރު އޮތް ގޮތުން އެ ބޭފުޅުންނަށް ދިމާވެދާނެ ދަތިތަކެއްގެ ވާހަކަ ވިދާޅުވި. އަދި އެކަމާ ބެހޭ ގޮތުން ދިރާސާއެއް ކުރައްވާ ވާހަކަ ވެސް ވިދާޅުވި. އަޅުގަނޑު ދެންނެވިން، ސަރުކާރުން އެ ބޭފުޅުން ވިދާޅުވާ ކަންތައްތަކަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭނެ އޭ. އަދި އެ ވިދާޅުވާ ދިރާސާ ކުރައްވާފައި އެ ފޮނުއްވީމަ އެކަމަށް ސަރުކާރުން ރިއާޔަތް ކުރާނެ އޭ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި މި ގާނޫނަށް ގެންނަންޖެހޭ އިތުރު ފުރިހަމަކަމެއް އޮތް ނަމަ، އަދި އިތުރު އިސްލާހުތަކެއް އޮތް ނަމަ އެކަންކަން ސަރުކާރުން އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނެ،" ރައީސް މައުމޫން ވިދާޅުވި އެވެ.
މަޓީ އާއި މަސީ އަދި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ކަންބޮޑުވުންތަކަކީ ކޮބައިތޯ ނޫސްވެރިއަކު ދެންނެވުމުން ރައީސް މައުމޫން ވިދާޅުވީ މަސައްކަތް ކުރަންޖެހޭ ވަގުތުތައް ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުންނާއި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މިންގަނޑުތައް ހުރި ގޮތުން ދިމާވާ ދަތިތައް އެ ފަރާތްތަކުން ފާހަގަ ކުރައްވާފައިވާ ކަމަށެވެ.
ވަޒީފާގެ ގާނޫނުގައި މިނިސްޓަރު ވަރަށް ގިނަ ކަންތައްތައް ކުރުމަށް ބުނެފައިވާއިރު ލޭބަ މިނިސްޓްރީ ވަގުތީ ގޮތުން ބޭފުޅަކާ ހަވާލުކުރައްވާފައިވާތީ، ގާނޫނުގައި އެ ބުނާ ވާޖިބުތައް އޭނާއަށް އަދާނުކުރެއްވޭނެ ކަމަށް ބައެއް ގާނޫނީ ވަކީލުން ވިދާޅުވާތީ އެކަމާ ބެހޭ ގޮތުން ސުވާލު ދެންނެވުމުން ރައީސް މައުމޫން ވިދާޅުވީ "އެއީ ގާނޫނީ އެހެން ބޭފުޅުން ގަބޫލުކުރައްވާ ވާހަކައެއް ނޫން" ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނުގެ އަރިހުގައި ވަރަށް ގިނަ ބަންޑާރަ ނާއިބުން މިހާތަނަށް މަސައްކަތް ކުރައްވާފައިވާއިރު އެގޮތަށް އަމަލުކުރާނަމަ ގާނޫނީ މައްސަލަތަކެއް ހުރިކަމެއް އެއްވެސް ބޭފުޅަކު ފާހަގަ ކުރައްވާފައި ނެތް ކަމަށެވެ.
"ވަރަށް ކުރިއްސުރެ މިނިސްޓްރީތައް ހިންގެވުމަށް ބޭފުޅުން ހަމަޖެއްސިއިރު، އެކި ފަހަރު މަތިން ވަގުތީ ގޮތުން ހިންގަވާ ބޭފުޅުން އެބަތިއްބެވި. ކިތައް ބަންޑާރަ ނާއިބުންތޯ އަޅުގަނޑާ އެކު މަސައްކަތް ކުރެއްވީ؟ އެއްވެސް ބޭފުޅަކު އެ ވާހަކަ ވިދާޅުވެފައެއް ނެތް، ތިއީ ގޯހެކޭ. ތިޔަހެނެއް ނެހެދޭނެ. އެކްޓިން މިނިސްޓަރަކަށް މިނިސްޓަރެއްގެ ނާއިބަކު ހުންނެވި ކަމުގައި ވިޔަސް އެ ކަންތައްތައް ހިންގެވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ރައީސް ވިދާޅުވި އެވެ. ލޭބަ މިނިސްޓްރީ އަށް މިނިސްޓަރަކު ހަމަޖައްސަވާނީ ކޮން އިރަކުތޯ ދެންނެވުމުން ރައީސް ވިދާޅުވީ މިނިސްޓްރީތަކަށް މިނިސްޓަރުން ހަމަޖެއްސެވުމަކީ ދުރާލައި އެމަނިކުފާނު އިއުލާންކުރެއްވުމަކީ ކުރައްވާ ކަމަކަށް ނުވާތީ އެއަށް ވަކި ޖަވާބެއް ދެއްވަން ބޭނުންފުޅު ނުވާ ކަމަށާއި "ކަމުގެ ވަގުތު އައިސް ޖެހުނީމަ އެކަމެއް އިރާދަކުރެއްވިއްޔާ ވާނެ" ކަމަށެވެ. އޭގެ އިތުރުން ވިދާޅުވީ ވަޒީފާގެ ގާނޫނުގައި ބުނާ ކަންތައްތައް، ލޭބަ މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި ދައުލަތުގެ މިނިސްޓަރު އަބްދުއް ރަޝީދު ހުސެއިން ކުރިއަށް ގެންދަވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ވަޒީފާގެ ގާނޫނުގެ ދަށުން އުފައްދަންޖެހޭ ލޭބަ ރިލޭޝަންސް އޮތޯރިޓީ އާއި މުސާރަ އާއި އުޖޫރަ ކަނޑައެޅުމަށް މިނިސްޓަރަށް ލަފާދޭ ބޯޑަށާއި ލޭބަ ޓްރައިބިއުނަލްގައި ވަޒީފާދޭ ފަރާތްތަކުގެ މަންދޫބަކަށް ފުރުސަތު ދެއްވުމަށް ވަރަށް ބޮޑަށް ވިސްނަވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ވަޒީފާގެ ބިލް ތަސްދީގު ކުރެއްވުމަށްޓަކައި ބަންޑާރަ ނާއިބު ދެއްވި ލަފާގައި، އެ ގާނޫނުގައި ކޮންމެވެސް ވަރަކަށް މައްސަލަތަކެއް ހުރި ކަމަށް ފާހަގަ ކުރެއްވޭތީ އިސްލާހު ކުރަން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެގޮތަށް ބަންޑާރަ ނާއިބު ލަފާ ދެއްވި ނަމަވެސް ބިލްތައް ތަސްދީގު ކުރައްވަނީ އެ ބިލަކުން ލިބޭނެ ބޮޑު ފައިދާއަށް ބައްލަވާފައި ކަމަށެވެ.
ވަޒީފާގެ ގާނޫނުގައިވާ ގޮތުން ތަސްދީގުކުރާ ތާރީހުން ފެށިގެން 45 ދުވަހުގެ ތެރޭގައި ގާނޫނަށް އަމަލުކުރަންޖެހެ އެވެ.
ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް އިތުރަށް ވިދާޅުވީ ވަޒީފާގެ ގާނޫނަށް އަމަލުކުރުމުގެ ކުރިން ވެސް އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ސަރުކާރަށް ފާހަގަ ކުރެއްވޭ ނަމަ އެ އިސްލާހުތައް 45 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި ވިދާޅުވީ މަޓީ އާއި މަސީ އާއި ވިޔަފާރިވެރިންގެ ޖަމިއްޔާއިން ގާނޫނު ދިރާސާކުރުމަށް ފަހު އެ މުއްދަތުގެ ތެރޭގައި ނިންމައިފިނަމަ އެ ފަރާތްތަކުގެ ހުށަހެޅުންތައް އިސްލާހުތަކުގެ ތެރޭގައި ހިމަނުއްވާނެ ކަމަށެވެ.
ވަޒީފާގެ ގާނޫނު ތަސްދީގު ކުރުމުގެ ރަސްމިއްޔާތުގައި މަޓީގެ ޗެއާމަން މުހައްމަދު އުމަރު މަނިކު އެމްޔޫ. މަނިކު)، މަސީގެ ނާއިބު ރައީސް އަބްދުﷲ މުހައްމަދު އަދި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނާއިބު ރައީސް އިބްރާހިމް ރިޔާޒު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ގާތްގަނޑަކަށް ދެ އަހަރު ވަންދެން ރައްޔިތުންގެ މަޖިލީހުގެ އެކި މަރުހަލާތަކުގައި މަޝްވަރާ ކުރުމަށް ފަހު މިދިޔަ އޭޕްރީލް 23 ގައި މަޖިލީހުން ފާސްކުރި ގާނޫނުގައިވާ މުވައްޒަފުންނަށް ޗުއްޓީ ދޭނެ އުސޫލުތަކާއި މަސައްކަތު ގަޑީގައި ހުސް ވަގުތު ދޭންޖެހޭނެ ގޮތްތައް ބަޔާންކޮށްފައި ވެ އެވެ. އޭގެ އިތުރުން އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ އިހުތިޔާރު ބޯޑުގެ ލަފާގެ މަތިން މިނިސްޓަރަށް ދީފައިވެ އެވެ. އަދި ދުވާލަކު އެންމެ ގިނައިރު ވަންދެން މަސައްކަތް ކުރާނެ ވަގުތު ކަނޑައެޅުމުގެ ބާރު ވެސް ގަވާއިދެއްގެ ދަށުން މިނިސްޓަރަށް ލިބިދީފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ