ކަރަންޓުގެ އަގު އަތްފޯރާ ފަށަށް ވުރެ މައްޗަށް ދިއުމާ ގުޅިގެން އެކަމާ ހިތްހަމަނުޖެހިގެން އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި ބަޔަކު ދެކުނު ޕްރޮވިންސް އޮފީހަށް ގެއްލުންތަކެއް ދީފި އެވެ.
ސަދަން ޔުޓިލިޓީސް ކުންފުނިން ދެމުން އަންނަ ކަރަންޓުގެ ހިދުމަތުގެ އަގުން މި މަހުން ފެށިގެން ސާޗާޖް ނަގާ ގޮތަށް ހަމަޖެއްސުމާ ގުޅިގެން ނުރުހުންފާޅު ކުރުމަށް މި އަތޮޅުގެ ގުޅިފައިވާ ރަށްރަށުގެ ރައްޔިތުން އިއްޔެ އެންމެ ފުރަތަމަ މުޒާހަރާކޮށްފައި ވަނީ ލިންކް ރޯޑުގައި ސަރަހައްދުގައި ހުންނަ މަރުކަޒީ އިންޖީނު ގެ ކައިރި އަށެވެ. އިއްޔެ ހަވީރު 30: 3 އެހާކަށްހާ އިރު ފެށިގެން އެ ސަރަހައްދަށް ގިނަ ބަޔަކު އެއްވެ އިންޖީނު ގެއަށް ވެސް ވަންނަން މަސައްކަތްކޮށްފައިވެ އެވެ. އެހެންނަމަވެސް މިކަމަށް ފުލުހުން ވަނީ ހުރަސް އަޅައިފަ އެވެ.
މިކަމާ ހިތްހަމަނުޖެހިގެން މުޒާހަރާގައި ބައިވެރި ބަޔަކު ވަނީ އިންޖީނު ގޭގެ ފާރުގައި ހަރުކޮށްފައި ހުރި ނަން ބޯޑާއި އެތަނުގެ ގޭޓްގައި ހަރުކޮށްފައި ހުރި ނަން ބޯޓް ވެސް ހަލާކުކޮށްލައިފަ އެވެ. އަދި އިންޖީނު ގެ އަށް މުޒާހަރާ ކުރާ މީހުން ވަންނަން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ފުލުހުންގެ ގޭޓް ކުރިމަތީގައި އެތަނަށް ނުވަދެވޭ ގޮތަށް ހަރަކާތްތެރިވަމުން ދިޔަ އެވެ. އަދި އިތުރު ފުލުހުންތަކެއް އެ ސަރަހައްދަށް ދިއުމާ އެކު، ފުލުހުންނަށް ހުރަސް އަޅައި، އާންމުންނާއި ފުލުހުންނާ ދޭތެރޭ ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ވެސް ހިނގައިފައިވެ އެވެ. އަދި ފުލުހުންނާއި ބައެއް އާންމުންނަށް ވެސް އެކިވަރުގެ ގެއްލުން ލިބިފައިވެ އެވެ.
އިންޖީނު ގެ ކައިރި އަށް އެއްވެފައި ތިބި މީހުން ސަދަން ޔުޓިލިޓީސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ޝާހިދުގެ އިސްތިއުފާ އަށް ގޮވައި މިހާރުން މިހާރަށް އެ ކުންފުނި އުވާލުމަށް ގޮވާލައިފައިވެ އެވެ. އަދި ޝާހިދު ވަޑައިގެން ރައްޔިތުންނަށް ވާނުވާ އޮޅުން ފިލުވައި ދިނުމުން މުޒާހަރާ ހުއްޓާލާނެ ކަމަށް ބުނަމުން ދިޔަ އެވެ. އެގޮތުން ފުލުހުން ޝާހިދަށް ގުޅައިގެން އޭނާ ގެންނަން މަސައްކަތް ކުރި ނަމަވެސް، މުޒާހަރާ ކުރާ މީހުންނާ ބައްދަލު ކުރަން އޭނާ ބޭނުން ނުވާ ކަމަށާއި އެއްވެސް ވާހަކައެއް އެ މީހުންނާ ދައްކަން ބޭނުން ނުވާ ކަމަށް ފުލުހުން މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި ފަރާތާ ބައްދަލުކޮށް ބުނުމުން ދެން މުޒާހަރާގެ ބައިވެރިން މިސްރާބު ޖެހީ ހިތަދޫގައި ހުންނަ ދެކުނު ޕްރޮވިންސް އޮފީހަށެވެ. އެ ސަރަހައްދަށް ދިޔަ ބަޔަލު ވަނީ އެތަނުގެ ގޯތިތެރެއަށް ވަދެ އެ އޮފީހުގެ ނަން ބޯޑާއި އިމާރާތުގެ ބިއްލޫރިގަނޑެއް ތަޅާލުމުގެ އިތުރަށް ފާރުގައި ހަރުކޮށްފައި ހުރި ލައިޓްތަކަށް ވެސް ގެއްލުންތަކެއް ދީފަ އެވެ. އަދި ގޯތިތެރެއަށް ގަލާއި ވެއްޔާއި ފުޅި ފަދަ ތަކެތި މުޒާހަރާގެ ބައިވެރިން އުކަމުން ދިޔަ އެވެ.
ދެކުނު ޕްރޮވިންސުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނަސީރު މިއަދު ވިދާޅުވީ ދެކުނު ޕްރޮވިންސް އޮފީހަށް ގެއްލުން ދިން މައްސަލައަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް އިއްޔެ ހިންގި ހާދިސާ ފުލުހުން ތަހުގީގު ކުރިއަށް ގެންދާ ގޮތަކުން، އެ އޮފީހަށް ގެއްލުން ދިން މައްސަލަ ފުލުހުންނަށް ހުށަހަޅާނެ ކަމަށެވެ. އެހެންނަމަވެސް މިވަގުތު އެކަމާ ގުޅޭ ގޮތުން އެއްވެސް ކަމެއް ކުރިއަށް ނުދާ ކަމަށް ނަސީރު ވިދާޅުވި އެވެ.
އިއްޔެގެ މުޒާހަރާ އާ ބެހޭ ގޮތުން ފުލުހުންގެ ބަހެއް ހޯދުމަށް މިއަދު ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވި އެވެ.
އެ އޮފީހުގެ ގޯތި ތެރެއަށް ވަދެ ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރަން ފެށުމާ އެކު އެތަނުގައި ތިބި ފުލުހުން ވަނީ އާންމުން ބޭރުކޮށް، އެތަނުގެ ގޭޓް ވެސް ތަޅުލައިފަ އެވެ. އަދި މިތަނުގައި ވެސް އާންމުންނާ ފުލުހުންނާ ދެމެދު ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ހިނގައިފައިވެ އެވެ. އެގޮތުން ބައެއް އާންމުން ހެލްމެޓުން ފުލުހުންނަށް ހަމަލާ ދީން މަންޒަރު ފެނިފައިވެ އެވެ. އަދި އާންމުންގެ މީހެއްގެ ބޮލުގައި ފުލުހަކު މުގުރި ބުރިން ހަމަލާ ދިން ކަމަށް ބުނެ، ފުލުހުންނަށް އިންޒާރު ދެމުން ގޮސްފައިވެ އެވެ.
ކަރަންޓުގެ އަގަށް ގެނައި ބަދަލާ ގުޅިގެން އިއްޔެ އައްޑޫގައި ކުރި މުޒާހަރާ ހުއްޓާލައިފައި ވަނީ ރޭ ގާތްގަޑަކަށް 30: 7 އެހާކަށްހާ އިރު އެވެ. އެހެންނަމަވެސް ކުރިއަށް އޮތް ތަނުގައި ވެސް މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށް އެ މީހުން ބުނެފައިވެ އެވެ. އިއްޔެގެ މުޒާހަރާގައި ޑީއާރްޕީގެ އެއް ނާއިބް ޒައީމް އިބްރާހީމް ޝަރީފް (މަވޯޓާ) ގެ އިތުރުން އައިޑީޕީގެ ނައިބް ރައީސް ހަސަން މަނިކު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ކަރަންޓުގެ ބިލުން ސާޗާޖް ނަގަން ނިންމުމާ ގުޅިގެން، މިކަމާ އިހުތިޖާރު ކުރުމަށް ފުވައްމުލަކުގައި ވެސް ރޭ ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ. މިއީ މިކަމާ ގުޅިގެން އެރަށުގައި ބޭއްވި ދެވަނަ ބައްދަވުމެވެ.
ކަރަންޓުގެ އަގު ބޮޑުވެގެން ކުރި މުޒާހަރާގައި ދެކުނު ޕްރޮވިންސް އޮފީހަށް ގެއްލުންތަކެއް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ