ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ގާނޫންތަކާއި ޚިލާފަށް ދައުލަތުގެ އެންމެ ފައިސާފޮއްޗެއްގައި ޖެހިވަޑައިގެންފައިވާނެކަމަށް ގަބޫލުނުކުރައްވާކަމަށާ އެމަނިކުފާނާއިމެދު ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ މައުމޫންގެ ވެރިކަމުގައި ތީމުގޭގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅޭގޮތުން ކުރާ ތަހުގީގަކަށް ބައެއް ކަންކަން ސާފުކުރަން ބޭނުންވާކަމަށް އޭސީސީން ބުނުމާއި ގުޅިގެން ވާހަކަދައްކަވަމުންނެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މާފަންނު ކުނޫޒްގައި ބޭއްވި ތަރާވީހަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ރައީސް މައުމޫނާއި ގުޅުވައިގެން ތީމުގޭގެ ރިޕޯޓްގެ މައްސަލަ ބެލޭނެކަމަށް ގަބޫލުނުކުރައްވާކަމަށެވެ. ރައީސް މައުމޫން ރާއްޖޭގެ ވެރިކަން ކުރެއްވި ދުވަސްވަރު އޮތީ މިހާރު އޮތް ގާނޫން އަސާސީ ނޫންކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ އެ ގާނޫން އަސާސީން ރައީސްކަން ކުރައްވާ ބޭފުޅަކަށް ގިނަ ބާރުތަކެއް ލިބިވަޑައިގެންފައިވާކަމަށެވެ.
މީގެ އިތުރަށް ގާސިމް ވިދާޅުވީ ރައީސް މައުމޫން ގާނޫންތަކާއި ޚިލާފަށް ދައުލަތުގެ އެންމެ ފައިސާފޮއްޗެއްގައި ޖެހިވަޑައިގެންފައިވާނެކަމަށް ގަބޫލުނުކުރައްވާކަމަށާ އެމަނިކުފާނަކީ ގައުމަށް އިޚްލާސްތެރި ތެދުވެރި ބޭފުޅެއްކަމަށެވެ. އަދި އެކަމަށް ރައްޔިތުންވެސް ހެކިވާނެކަމަށް ގާސިމް ވިދާޅުވިއެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި ފިނޭސް މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރުވެސް ވަކިކަމެއް ވަކިގޮތަކަށް ކުރެއްވުމަށް ދުވަހަކުވެސް ރައީސް މައުމޫން އަންގަވާފައިނުވާކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ 2007 ވަނަ އަހަރާއި 2008 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގެ މައްސަލަ އޭސީސީން ބަލަމުންދާކަމަށް ބުނާއިރު، މައްސަލައިގެ ސައްހަކަމާއިމެދު ސުވާލު އުފެއްދުމުގެ ޖާގަ އެބައޮތްކަމަށެވެ.
ގާސިމް ވިދާޅުވީ އޮޑިޓް ރިޕޯޓް ނިކުތީ އިއްޔެ ނުވަތަ ކުރީދުވަހު ނޫންކަމަށާ އެހެންކަމުން އަހަރުތަކެއް ފަހުން މިމައްސަލަ ބަލަންޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާކަމަށެވެ. އަދި ނިމިގެންދިޔަ ސަރުކާރުތަކުންވެސް މިގޮތަށް އަމަލުކޮށްފައިނުވާކަމަށާ އެެހެންކަމުން މިކަމުގެ ނިޔަތާއިމެދު ސުވާލު އުފެދުމުގެ ފުރުސަތު ހުޅުވޭކަމަށް ގާސިމް ވިދާޅުވިއެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ ރައީސް މައުމޫން އޭސީސީއަށް ހާޒިރުވެވަޑައިގަތުމަށް އަމުރެއް ފޮނުވާފައި ނުވާނެ ކަމަށެވެ. އެކަމަކު އެމަނިކުފާނުގެ ވެރިކަމުގައި ތީމުގޭގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅޭގޮތުން ކުރާ ތަހުގީގަކަށް ބައެއް ކަންކަން ސާފުކުރަން ބޭނުންވާތީ، އޭސީސީން އެމަނިކުފާނުގެ އަރިހަށް ދިއުމަށް ބޭނުންވާތީ ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
މީގެ އިތުރަށް ގާސިމް ވަނީ ކުރީގެ ނާއިބް ރައީސް އަދީބަށް ސިއްހީ ފަރުވާ ލިބުމަށް އެޅިފައިވާ ހުރަސްތަކާއި ގުޅޭގޮތުން ނޫސްވެރިން ދެންނެވި ސުވާލުތަކަށްވެސް ޖަވާބު ދެއްވާފައެވެ. ގާސިމް ވިދާޅުވީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ކޮންމެ މީހަކަށްވެސް ސިއްހީ ފަރުވާގެ ފުރުސަތު ލިބެންޖެހޭނެކަމަށެވެ.
އަދި އަދީބަކީ ކުށެއް ކުރައްވާފައިވާ ބޭފުޅަކަށްވީނަމަވެސް ސިއްހީ ފަރުވާއިން މަހުރޫމް ނުކުރެވޭނެކަމަށާ އަދީބަށްވެސް ލިބެންޖެހޭ ސިއްހީ ފަރުވާ ފުރިހަމަގޮތުގައި ލިބެން ޖެހޭނެކަމަށެވެ.
ރައީސް މައުމޫނާއިމެދު ފުރިހަމަ ޔަގީންކަން އެބައޮތް: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ