އުމަރު ރައީސް ވަހީދާ ބައްދަލު ކުރައްވައިފި

ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވައި ބަލިވެވަޑައިގަތް، ޕީޕީއެމްގެ އިންތިގާލީ ނާއިބު ރައީސް އުމަރު ނަސީރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދާ ރޭ ބައްދަލުކުރައްވައިފި އެވެ.
ސަރުކާރުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ރޭ 11 ޖަހާކަންހާއިރު އެ ދެ ބޭފުޅުން ހިލާލީގޭގައި ބައްދަލުކުރެއްވި ކަމަށާއި އެ ބައްދަލުކުރެއްވުން ގަޑިއެއްހާ އިރަށް ދެމިގެން ދިޔަ ކަމަށެވެ.
ނަމަވެސް އެ ބައްދަލުވުމަކީ އެ ދެ ބޭފުޅުން ރައްޓެހިކަމުގައި ކުރެއްވި ބައްދަލުވުމެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އަދި އުމަރު ނަސީރުގެ މީޑިއާ ކޯޑިނޭޓަރު އަބްދުﷲ ޝިނާނު ވެސް ވަނީ އެ ދެބޭފުޅުން ރޭ ބައްދަލުކުރެއްވިކަން ސަން އަށް ޔަގީންކޮށްދެއްވައިފަ އެވެ.
އުމަރު ރައީސް ވަހީދާ ބައްދަލުކުރައްވާފައި މި ވަނީ އޭނާ ރާއްޖެ އިން ބޭރުގައި ހުންނެވުމަށް ފަހު ރާއްޖެ ވަޑައިގަންތާ 24 ގަޑި އިރު ވެސް ނުވަނީހެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ އިން ބަލިވެވަޑައިގަތުމަށް ފަހު، އުމަރު ނަސީރު އޭނާގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ޕީޕީއެމްގެ ޕްރައިމަރީ، އެ ޕާޓީގެ ޕާލަމެންޓް ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީން ކާމިޔާބު ކުރެއްވީ ވޯޓު އޮޅުވާލައިގެން ކަމަށެވެ.
"ވޯޓުލާން ހުރި ވޯޓު ފޮށިތަކަށް އެންމެ ފަހު ގަޑީގައި، ވޯޓު ނުލައި ބާކީ ހުރި ވޯޓު ކަރުދާސްކޮޅުތައް އަބްދުﷲ ޔާމީނުގެ ނަން ޖަހައިފައި ފޮއްޓަށް އަޅައިލުން." އުމަރު އޭނާގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވިދާޅުވި އެވެ.
ނަމަވެސް އުމަރުގެ އެ ތުހުމަތު ޕީޕީއެމް އިން ވަގުތުން ދޮގު ކުރި އެވެ. އަދި ބުނީ އޭނާ ދެއްކެވި ވާހަކަ އަށް އޭނާ ޕަބްލިކްގައި މައާފަށް އެދެން ޖެހޭނެ ކަމަށެވެ. ނޫނީ އޭނާއާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
އުމަރު ވިދާޅުވެފައި ވަނީ އޭނާ މައާފަށް އެދެން ޖެހޭ ވަރުގެ ކަމެއް ނުކުރައްވާ ކަމަށެވެ. އަދި މައާފަށް އެދެން ޖެހޭނީ ވޯޓު އޮޅުވާލި މީހުން ކަމަށެވެ.
އުމަރުގެ މައްސަލަ ޕީޕީއެމްގެ ސުލީކީ ކޮމެޓީން ގެންދަނީ ބަލަމުންނެވެ.
ރައީސް ޑރ. ވަހީދާ އެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އުމަރަށް ގޮވާލައްވާފައި ވަނީ އެބޭފުޅުން ހިންގަވާ ގައުމީ ހަރަކާތާ ގުޅިވަޑައިގަތުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ