ފުލުހުން މެދުވެރިކޮށް ވިޔަސް ގާސިމް ރާއްޖެ ގެންނާނެ- ކަރެކްޝަންސް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރާއްޖެ ގެނައުމަށް ފުލުހުން ކައިރީ އެދެން ޖެހިއްޖެ ނަމަ އެދޭނެ ކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެފި އެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލު ރާއްޖޭގެ ބައެއް މީޑިޔާތަކަށް ވިދާޅުވީ ގާސިމް ބޭސްފަރުވާގެ މުއްދަތު އިތުރު ކުރުމާމެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ. އަދި މުއްދަތު ހަމަވާއިރު ވެސް ގާސިމް ރާއްޖެ ނައިސް ފިލައިގެން އުޅޭ ނަމަ ފުލުހުންގެ އެހީތެރިކަން ހޯދާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އަދި ފުލުހުންގެ އެހީތެރިކަމަށް އެދިފައި ނުވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
ކަރެކްޝަންސް އިން މިހެން ބުނި އިރު ގާސިމްގެ ބޭސްފަރުވާގެ ކަރެކްޝަން އިން އެންމެ ފަހުން އިތުރުކޮށްދިން ހަތް ދުވަހުގެ މުއްދަތު މާދަމާއަށް ހަމަވާނެ އެވެ.
މީގެ ކުރިން ގާސިމް ރާއްޖެ ވަޑައިގަތުމަށް އެއާޕޯޓަށް ވަޑައިގަތުމުން އެމަނިކުފާނު ހާލަތު ދެރަކަމުން ސިންގަޕޫރު އެއާލައިންސް އިން ވަނީ ފްލައިޓަށް އަރުވަން ދެކޮޅު ހަދާފައެވެ.
ގާސިމްއަށް މި މަހުގެ 20 ވަނަ ދުވަހު ސިންގަޕޫރުގެ މައުންޓް އެލިޒަބަތް ނޮވީނާ ހޮސްޕިޓަލްގައި ކްރޮނެރީ އިންޓަރވެންޝަން ސާޖަރީ  ކޮށްފައިވާއިރު، އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ސިންގަޕޫރުގައި މަޑުކުރައްވަން ޑޮކްޓަރުން ވަނީ ލަފާދީފަ އެވެ. އެހެންކަމުން ގާސިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދޭން އާއިލާއިން ވަނީ އެދިފައެވެ.
ރިޝްވަތުގެ މައްސަލައެއްގައި ތިން އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައިވާ ގާސިމްގެ ސިންގަޕޫރަށް ފޮނުވާލާފައިވަނީ 10 ދުވަހަށެވެ.
ބޭސްފަރުވާއަށް ގާސިމް އިބްރާހިމަށް ޖުމްލަ 27 ދުވަސް ވަނީ ދީފަ އެވެ. އެއީ އެކި ފަހަރު މަތިން މުއްދަތު އިތުރުކޮށް ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ