ޑޮލަރު ހުރި މިންވަރު ދަށް، ބޭރުވާ މިންވަރު ހިފަހައްޓަން ޖެހޭ: ބީއެމްއެލް

ބީއެމްއެލްގެ ކާޑުތަކުން ބޭރުގައި މުއާމަލާތް ކުރެވޭ ލިމިޓު ކަނޑައެޅީ ބޭންކުގައި ޑޮލަރު ހުރި މިންވަރު ނިސްބަތުން ދަށްވުމާ އެކު، ބޭރަށްދާ ޑޮލަރު މަދު ކުރަން ޖެހޭތީ ކަމަށް ބީއެމްއެލުން ބުނެފި އެވެ.
ބޭންކުން ވަނީ ޑެބިޓް ކާޑާއި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ދިވެހި ރުފިޔާ އެކައުންޓުން ބޭރުގައި މުއާމަލާތް ކުރުމަށް ވަގުތީގޮތުން މިދިޔަ ބުދަދުވަހު ލިމިޓުތަކެއް ކަނޑައަޅައިފަ އެވެ. އެގޮތުން ރާއްޖެގައި ތިބެގެން ބޭރުގެ މުއާމަލަތް ކުރާ ކަސްޓަމަރުންނަށް މަހެއްގެ މައްޗަށް 250 ޑޮލަރު ކަނޑައަޅާފައިވާއިރު ބޭރު ގައުމުތަކުގައި ތިބި ދިވެހިންނަށް މަހަކު 750 ޑޮލަރު ވަނީ ކަނޑައަޅައިފަ އެވެ.
މިގޮތަށް ލިމިޓުތަކެއް ކަނޑައެޅި ނަމަވެސް ބޭސްފަރުވާއަށް ބޭރަށް ދާ މީހުންނަށާއި ދަރިވަރުންނަށް ލިމިޓު އިތުރުކޮށްދޭނެ ކަމަށް ބީއެމްއެލުން ވަނީ ބުނެފަ އެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު "މިހާރު"އަށް ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ދަށްވެ އިގްތިސާދު ދަށްވުމާ ގުޅިގެން ޑޮލަރު ލިބުން ދަތިވެފައިވާ ކަމަށެވެ. މިއާއެކު ބޭންކުގައި ހުރި ޑޮލަރު ވެސް ދަށްވެ ލިކުއިޑިޓީއަށް ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކާޑުތަކުން ބޭރުގައި ކުރެވޭ މުއާމަލާތް ލިމިޓު ކުރުމަކީ، ވަގުތީގޮތުން އަޅަން ޖެހުނު ޒަރޫރީ ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި މި ހާލަތުގައި އެ ބޭންކުން އެންމެ ބޮޑު އިސްކަމެއް ދޭން ޖެހެނީ ޒަރޫރީ ބޭނުންތަކަށް މުދާ އެތެރެ ކުރުމަށާއި ސިއްހީ އަދި ތައުލީމީ ކަންކަމަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމަށެވެ.
"މި ހާލަތުގައި ވެސް ޒަރޫރީ ބޭނުންތަކަށް މުދާ އެތެރެކުރުމަށާއި އަދި ހަމައެހެންމެ ރާއްޖޭން ބޭރުގައި ސިއްހީ ހިދުމަތާއި ތައުލީމް ހޯދުމަށް ދައްކަންޖެހޭ ބޭރު ފައިސާ ކަސްޓަމަރުންނަށް ހޯދައިދިނުމަށް އަޅުގަނޑުމެން އިސްކަންދޭން ޖެހޭ. އެހެންކަމުން ބޭންކަށް ވެސް އަދި ކަސްޓަމަރުންނަށް ވެސް އުނދަގޫ، އެހެނަސް ޑޮލަރު ލިކިއުޑިޓީ ދެމެހެއްޓުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތައް މިވަނީ އަޅަން މަޖުބޫރުވެފައި،" ސައީދު ވިދާޅުވި އެވެ.
މީހަކު ކޭޝް ކާޑު ބޭނުންކޮޮށްގެން އޮންލައިން ޕޭމަންޓު ހަދަނީ-- ފޮޓޯ: ބީއެމްއެލް
ކުރިއެކޭވެސް އެއްގޮތަށް ކްރެޑިޓް ކާޑާއި ޑެބިޓް ކާޑުގެ އިތުރުން ބޭންކުގެ އެހެން ހިދުމަތްތައް މެދުވެރިކޮށް ބޭރަށް ފައިސާ ފޮނުވޭނެ އެވެ. އެގޮތުން ރާއްޖޭން ބޭރަށް ދަތުރު ކުރާ ކޮންމެ މީހަކަށް ވެސް ކާޑުގައި އިންނަ ލިމިޓުގެ އިތުރަށް ޔޫއެސްޑީ ބުކިން ޕޯޓަލް މެދުވެރިކޮށް 500 ޑޮލަރު ނެގޭނެ އެވެ. އަދި ވިޔަފާރިވެރިންނާއި އަމިއްލަ ފަރާތްތަކުން ޓީޓީ މެދުވެރިކޮށް ބޭރަށް ފައިސާ ފޮނުވޭނެ ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.
ލިމިޓު ކަނޑައެޅުމުގައި ކަސްޓަމަރުން ތަފާތެއް ނުކުރޭ
ބީއެމްއެލުން ކާޑު ލިމިޓުތަކެއް ކަނޑައެޅުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އެ ބޭންކަށް އަމާޒުވެފަ އެވެ. ބައެއް މީހުން ބުނަނީ ބޭންކުން މި ބަދަލު ގެނައީ ބޮޑެތި ވިޔަފާރިވެރިންނަށް ޑޮލަރު ދޫކުރާ މިންވަރު ގިނަ ކުރުމުގެ ބޭނުމުގައި ކަމަށެވެ. ނަަމަވެސް ބޭންކުން ގެނައި މި ބަދަލަކީ އެ ބޭންކުން ހުރިހާ ކަސްޓަމަރުންނަށް ވެސް ގެނައި ބަދަލެކެވެ.
ސައީދު ވިދާޅުވީ ބޭންކުން މިގޮތަށް ނިންމީ ގިނަ ކަންތައްތަކަށް ރިއާޔަތް ކުރުމަށް ފަހު ކަމަށެވެ. އެހެންކަމުން ބިޒްނަސް އަދި ޕާސަނަލް ޑެބިޓް ކާޑާއި ކްރެޑިޓް ކާޑުތަކުން ވެސް ލިމިޓު ކަނޑައަޅާފައިވާނީ އެއްވަރަކަށް ކަމަށާއި މީގެ ތެރޭގައި ބޭންކުގެ މެނޭޖުމަންޓު ވެސް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވިޔަފާރިވެރިން ވެސް، މުވައްޒަފުން ވެސް، ބޭންކުގެ މެނޭޖްމަންޓު ވެސް ހިމެނޭ ގޮތަށް އެއްވެސް ފަރާތެއް އިސްތިސްނާ ނުކޮށް އަޅުގަނޑުމެން ނިންމި ނިންމުމެއް މިއީ،" ސައީދު ވިދާޅުވި އެވެ.
ބީއެމްއެލުން ވަނީ ބޮޑެތި ލިމިޓުތައް ކަނޑައަޅާފައިވާ ކްރެޑިޓް ކާޑުތަކުން ވެސް ބޭރުގައި މުއާމަލާތް ކުރެވޭ އަދަދު އެހެން ކަސްޓަމަރުންނާ އެއްވަރަށް ލިމިޓު ކޮށްފަ އެވެ. ނަމަވެސް ކްރެޑިޓް ކާޑުގެ ލިމިޓު އިތުރުކުރަން ބޭނުންވާ ނަމަ ޑޮލަރުން ކާޑަށް ފައިސާ ދެއްކުމަށްފަހު އިންޓަނެޓް ބޭންކިންގެ މެނޫގައި ހިމެނޭ "ޓެމްޕްރޮރީ ކާޑު ލިމިޓް" ހިޔާރުކުރުމުން 24 ގަޑިއިރު ތެރޭގައި އެ ލިމިޓެއް ކާޑަށް އިތުރުކޮށްދޭނެ އެވެ.
މީހަކު ބީއެމްއެލްގެ އިންޓަނެޓް ބޭންކިން ބޭނުން ކުރަނީ--
ރާއްޖެއިން ބޭރުގައި އުޅޭ ބައެއް މީހުންގެ ޝަކުވާއަކީ މަހެއްގެ މައްޗަށް 750 ޑޮލަރަކީ މަދު އަދަދަކަށް ވުމެވެ. ނަމަވެސް ބޭރުގައި ތިބި ކަސްޓަމަރުންނަށް ކަނޑައަޅައިފައިވާ ލިމިޓަކީ ރާއްޖޭގައި ތިބޭ ކަސްޓަމަރުންނަށް ކަނޑައަޅާފައިވާ ލިމިޓަށްވުރެ ބޮޑު އަދަދަކަށްވާއިރު އެ ލިމިޓު އިތުރު ނުކުރެވޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.
"މި ލިމިޓް ކަނޑައެޅިފައިވަނީ ވަރަށް ގިނަ ކަންކަމަށް ރިއާޔަތްކުރުމަށް ފަހު. އެހެންކަމުން ބޭރުގައި ދިރިއުޅޭ ދިވެހިންނަށްވެސް ކަނޑައެޅިފައިވާ ލިމިޓް އިތުރުކޮށް ދެވެން ނެތް. މިއީ ޒަރޫރީ ބޭނުންތަކަށް މުދާ އެތެރެކުރުމަށާއި އަދި ހަމަ އެހެންމެ ރާއްޖޭން ބޭރުގައި ސިއްހީ ހިދުމަތާއި ތައުލީމް ހޯދުމަށް ދައްކަންޖެހޭ ބޭރު ފައިސާ ނުހުއްޓި ފޯރުކޮށްދިނުމަށް ބޭންކުން އަޅަން އޮތް އެންމެ ރަނގަޅު އެއް ފިޔަވަޅުގެ ގޮތުގައި ދެކެން،" ސައީދު ވިދާޅުވި އެވެ.
މިއީ ވަގުތީ ފިޔަވަޅެއް
ޑޮލަރު ލިބުން ދަތުވުމުގެ ސަބަބުން ބޭންކުގެ ކާޑުތައް މެދުވެރިކޮށް ބޭރުގައި މުއާމަލާތް ކުރެވޭ ލިމިޓުތައް ބީއެމްއެލުން ކަނޑައެޅީ ކޮވިޑް-19ގެ ސަބަބުންނެވެ. އެހެންކަމުން މި ހާލަތުން ރާއްޖެ އަރައިގަނެ އިގްތިސާދު ރަނގަޅުވާން ފެށުމުން ކަނޑައަޅާފައިވާ ލިމިޓުތައް އުވާލާނެ ކަމަށް ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި ބޭންކުން އަޅާފައިވާ ފިޔަވަޅު ބަދަލު ކުރާނެ ތާރީހެއް މިހާރުގެ ހާލަތަށް ބަލައި ވިދާޅުވާން ދައްޗެވެ. ނަމަވެސް ބޭންކުން ކަސްޓަމަރުންނަށް އެހީވުމުގެ ގޮތުން އެ ވަގުތެއްގައި އޮތް ހާލަތަކަށް ބަލައި ބަދަލުތައް ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަހުމަދު އަވްޝަމް އިލިޔާސް/މިހާރު
"ވަރަށް ބޮޑަށް ބޭރު ފައިސާ ކޮންޓްރޯލް ކުރަންޖެހޭ ހާލަތެއްގައި އަޅުގަނޑުމެން މިތިބީ. ކާޑުތަކުން ބޭރުގެ މުއާމަލާތްކުރެވޭ އަދަދު ލިމިޓްކުރުމަކީ މި ހާލަތަށް ބަލައި ބޭންކުން ކޮންމެހެން އަޅަން ޖެހުނު ވަގުތީ ފިޔަވަޅެއް. ހާލަތު ބަދަލުވުމާއެކު ބޭންކުން މި ނިންމުން ރުޖޫއު ކުރާނެ،" ސައީދު ވިދާޅުވި އެވެ.
"ގައުމުގެ މުސްތަގުބަލް ރައްކާތެރި ގޮތެއްގައި ދެމެހެއްޓުމަށް ކުރިއަށް އޮތް ތާނގައި ކިތަންމެ ދަތި އުނދަގޫ ފިޔަވަޅުތަކެއް ވެސް ބޭންކުން އަޅަން ޖެހިދާނެ. މި ހާލަތުގައި ވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ އަޅުގަނޑުމެންނަށް ތަންދިން މިންވަރަކުން ކަސްޓަމަރުންގެ ބޭނުންތައް ފުއްދައިދިނުމަށް. ގައުމީ ބޭންކު ދެމި އޮންނާނީ ވެސް ދިވެހިރައްޔިތުންނާ އެކު." ސައީދު ވިދާޅުވި އެވެ.
ބީއެމްއެލުން ކަނޑައެޅި ލިމިޓުތަކަކީ ދިވެހި ރުފިޔާ އެކައުންޓުތައް މެދުވެރިކޮށް ކާޑުތަކުން ބޭރުގައި ކުރާ މުއާމަލާތްތަކަށް އެކަނި ކަނޑައަޅައިފައިވާ ލިމިޓުތަކެކެވެ. އެހެންކަމުން ޑޮލަރު އެކައުންޓުތަކުން މިހާރެކޭ އެއްގޮތަށް ދުވާލަކު 3000 ޑޮލަރާ ހަމައަށް މުއާމަލާތް ކުރެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ