ބަންދުގައި ހުއްޓާ ބަލި ހާލަތު ގޯސްވި ޔަމަންގެ ޔާސިރު ޔަހްޔާ މަރުވެއްޖެ

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ބަންދުގައި ހުއްޓާ ބަލިހާލަތު ގޯސްވި ޔަމަންގެ ޔާސިރު ޔަހްޔާ ޞާލިހް މިއަދު ހަވީރު މަރުވެއްޖެއެވެ.
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތް ޔާސިރު ޔަހްޔާ މަރުވި ޚަބަރު އޭނާގެ އާއިލާއަށް އެންގިކަން، ޔާސިރުގެ ގާނޫނީ ވަކީލުންގެ ޓީމްގެ ފަރާތުން ވަނީ މީޑިޔާތަކަށް ކަށަވަރުކޮށްދީފައެވެ.
ދިވެއްސަކާއި ކައިވެނިކޮށްގެން އުޅެ، ބައެއް ސްކޫލްތަކުގައި އަރަބި ބަސް ކިޔަވައިދިނުމުގެ މަސައްކަތް ކުރަމުންދިޔަ ޔާސިރު 2017 ވަނަ އަހަރުގެ ތެރޭގައި ހައްޔަރުކުރެވުނީ އޭނާގެ ފަރާތުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެއެވެ. އެ މައްސަލައިގައި އޭނާގެ ވިސާ ކެންސަލްކޮށް، އޭނާ ފުރުވާލުމަށްވެސް ސަރުކާރުން މަސައްކަތް ކުރިއެވެ. 
ނަމަވެސް އެކަން މިހާތަނަށް ވަނީ ނުކުރެވިއެވެ. އަދި ޔާސިރު ވަނީ ބަންދުގައި ހުރެ ބަނޑުހައި ހޫނުކަމުގެ ހަޅުތާލުތަކެއްވެސް ފަށާފައެވެ. މިކަމުގެ ސަބަބުން އޭނާގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވިއެވެ. އޭނާގެ މައްޗަށް މިހާތަނަށް އެއްވެސް މައްސަލައެއްގައި ދައުވާއެއްވެސް އުފުލިފައެއް ނުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ޔާސިރުގެ ބަލި ހާލަތު ގޯސްވެ، އޭނާ ވަނީ އެނދުމަތި ކުރެވިފައެވެ. މިކަމާއި ގުޅިގެން އޭނާ ގެއަށް ބަދަލުކޮށްދިނުމުގެ އަމުރަކަށް އާއިލާއިން އެދުނު ނަމަވެސް ސިވިލް ކޯޓުން ވަނީ އެފަދަ އަމުރެއް ކުރެވެން ނެތްކަމަށް ބުނެފައެވެ.
ޔާސިރު މަރުވިއިރު ދިވެހި އަންބަކާއި ކުޑަ އަންހެންކުއްޖަކު އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ