ވަގުތީ ހިޔާވަހިކަން ދޭންޖެހޭ މީހުނަށް ކަލާފާނު ސްކޫލް

މިރޭ މާލޭގެ ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ވަގުތީ ހިޔާވަހިކަން ދޭންޖެހޭ މީހުނަށް ކަލާފާނު ސްކޫލް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
އިންޑިއާ ބޭންކް އެސްބީއައި އާއި މުއާސަލާތީ ކުންފުނި އުރީދޫގެ އޮފީސް ފަދަ ގިނަ އޮފީސްތަކެއް ހުންނަ ގަދަގޭ މުހައްދުފުޅު ބިލްޑިންގާއި އިތުރު އެހެން ދެ ބުރި އިމާރާތެއްގައި މިރޭ ވަނީ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާއި އެ ދެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.
އަވަސްއާ ވާހަކަދައްކަވަމުން އެންޑީއެމްއޭގެ ޗީފް އެކްޒެކްޓިވް ހިސާން ހަސަން ވިދާޅުވީ މިރޭ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ވަގުތީ ހިޔާވަހިކަން ދޭންޖެހޭ މީހުނަށް ކަލާފާނު ސްކޫލް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާއެއް ގެއްލުމެއް ވެސް ލިބުނު ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށްވެސް ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ އަލިފާންގަނޑު ނިންވާލުމާއެކު ބޯހިޔާވަހިކަން ދޭންޖެހޭ މީހުން ދެނެގަތުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި މިވަގުތު ވެސް އެ ސެންޓަރުގެ މުވައްޒިފުން އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުން ގެންދާ ކަމަށެވެ.
"މިވަގުތުވެސް އަޅުގަނޑުމެންގެ ސްޓާފުން ސައިޓްގައި އެ ދަނީ ހަރަކާތްތެރިވަމުން. ވަގުތީ ގޮތުން ބޯހިޔާވަހިކަން ދޭންޖެހޭ މީހުންގެ އަދަދު ސާފުވާނީ އަދި ފަހުން،" ހިސާން ވިދާޅުވިއެވެ.
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ ވަޑައިގެންފައެވެ. އެ ސަރަހައްދުގައި ހުންނަވާ އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި އެކަމަނާ ވިދާޅުވީ އަލިފާނުގެ ހާދިސާއާއި ގުޅިގެން ހާލުގައި ޖެހޭ ފަރާތްތަކަށް އެހީވުމަށް ސަރުކާރު އޮތީ ތައްޔާރަށް ކަަމަށެވެ.
އަދި ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ އާއިލާތަކަށް ކަލާފާނު ސުކޫލު ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުމެން އުންމީދު ކުރަނީ ގެއްލުން ކުޑަކުރެވޭނެ ކަމަށް. ބޯހިޔާވަހިކަން އެއްވެސް އާއިލާއަކަށް ނުގެއްލި މި ހާދިސާއިން އަރައިގަނެވޭނެ ކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ