ޔަމަނުގެ ސްކޫލް ބަހަށް ހަމަލާ ދިނުމުގައި ގޯސް ހެދުނު ކަމަށް ސައުދީ ކޯލިޝަނުން އެއްބަސްވެއްޖެ

ރިޔާޒް (ސެޕްޓެމްބަރު 2) - ޔަމަނުގެ ސްކޫލް ބަހަކަށް ވައިގެ ހަމަލާ ދިނުމުގައި ގޯސް ހެދިފައިވާ ކަމަށް ސައުދީ ކޯލިޝަނުން އެއްބަސްވެއްޖެ އެވެ.
އޮގަސްޓް 9 ވަނަ ދުވަހު ދިން ހަމަލާގައި މަރުވި 51 މީހުންގެ ތެރޭގައި 40 ކިޔަވައި ކުދިން ހިމެނެ އެވެ. ކޯލިޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސްކޫލް ބަހަށް ހަމަލާ ދިނުމުގައި ޒިންމާވާ މީހުން ޖަވާބުދާރީ ކުރުވާނެ ކަމަށެވެ. ކޯލިޝަނުގެ ތަރުޖަމާނަކު ބުނެފައި ވަނީ ވައިގެ ހަމަލާ އަމާޒުކޮށްފައި ވަނީ ހޫތީ ލީޑަރުންނަށް ކަމަށެވެ.
ޖޮއިންޓް އިންސިޑެންޓްސް އެސެސްމެންޓް ޓީމްގެ އިސްވެރިޔާ ލެފްޓިނެންޓް ޖެނެރަލް މަންސޫރު އަލް މަންސޫރު ވިދާޅުވީ ބަހުގައި ހޫތީ ލީޑަރުން ތިބި ކަމަށް ކޯލިޝަނުން އަމިއްލަ އަށް ކުރި ތަހުގީގުން އެނގިފައިވާ ކަމަށެވެ. ޖޮއިންޓް ފޯފަސްގެ ކޮމާންޑުން ވަނީ ބަހަށް ހަމަލާ ދިނުމުގައި ހެދުނު ގޯސްތަކަށް މައާފަށް އެދިފަ އެވެ. އަދި މަރުވި މީހުންގެ އާއިލާތަކަށް ބަދަލު ދިނުމާ ގުޅޭ ގޮތުން ޔަމަން ސަރުކާރާ މަޝްވަރާ ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.
ސައުދީ ކޯލިޝަނުން ޔަމަނަށް ހަމަލާ ދިނުމުގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާ ކަމަށް އދ.ގެ ރިޕޯޓެއްގައި މިދިޔަ ހަފުތާގައި ވަނީ ބުނެފަ އެވެ. ނަމަވެސް ކޯލިޝަނުން ވަނީ އެ ރިޕޯޓް ދޮގުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ