އުރީދޫ އެމް-ފައިސާ ބޭނުންކޮށްގެން މޯލްޑިވް ގޭސްގެ ޚިދުމަތް
އުރީދޫ އެމް-ފައިސާ މެދުވެރިކޮށް މޯލްޑިވް ގޭސްގެ ގޭސްފުޅިއަށް އޯޑަރު ކުރެވޭ ޙިދުމަތް ތަޢާރަފުކޮށްފިއެވެ.ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތް ފޯރުކޮށްދޭ އުރީދޫއިން އެ ކުންފުނީގެ އެޕްލިިކޭޝަން އުރީދޫ އެމްފައިސާ މެދުވެރިކޮށް މޯލްޑިވް ގޭސްގެ ގޭސްފުޅިއަށް އޯޑަރުކުރެވޭ ޚިދުމަތް ތަޢާރަފުކޮށްފައިވަނީ އެކަމަށް ޚާއްސަކޮށްގެން މާފަންނު ޒުވާނުންގެ މަރުކަޒުގައި މިރޭ ކުރިއަށްގެންދިޔަ ޚާއްސަ ހަރަކާތެއްގައެވެ. އެމްފައިސާ ބޭނުންކޮށްގެން ގޭސްފުޅި އޯޑަރު ކުރާނެ ގޮތް ދައްކުވައިދިނުމުގެ ގޮތުން އެންމެ ފުރަތަމަ ގޭސްފުޅިއެއް އޯޑަރު ކޮށްފައިވަނީ އުރީދޫގެ ސީއީއޯ ނަޖީބް ޚާން އާއި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ މައުމޫން އެވެ. ގޭސްފުޅި އޯޑަރު ކުރުމުގެ ޚިދުމަތް ތަޢާރަފް ކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން މޯލްޑިވް ގޭސްގެ އެމްޑީ އަބްދުﷲ މައުމޫން ވިދާޅުވީ ޒަމާން ޑިޖިޓަލް ވާވަރަކަށް ގިނަ ކަންތައްތައްވެސް ޑިޖިޓަލްވާން ޖެހޭނެކަމަށެވެ. އަދި މިހާރު މޯލްޑިވް ގޭސްގެ ގޭސްފުޅިއަށް އޯޑަރު ކުރުމަށް ފޯނުގައި މަޑުކުރަން ނުޖެހޭނެކަމަށާއި އުރީދޫ އެމްފައިސާ ބޭނުންކޮށްގެން ފަސޭހަކަމާއެކު އެކަން ކުރެވޭނެކަމަށެވެ. އަދި މިއީ މިފަދަ ފަސޭހަތަކުގެ ފެށުމެއް ކަމަށްވެސް މައުމޫން ފާހަގަކުރެއްވިއެވެ. މި ޚިދުމަތް އިފްތިތާޙް ކޮށްދެއްވުމަށްފަހު ވާހަކަ ދައްކަވަމުން އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ ފޯނަކީ ކޮންމެ މީހެއްގެވެސް އެންމެގާތް އެކުވެރިޔާކަމަށާއި އެ ފޯނުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފޭނެގޮތް ހަދައިދިނުމަށް އުރީދޫއިން އަބަދުވެސް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ހެޔޮ އަގުގައި އެންމެ ފަހުގެ ޓެކްނޮލޮޖީ ރާއްޖެއަށް ގެނައުމުގެ މަސައްކަތް އުރީދުއިން ކުރަމުން ގެންދާކަމަށްވެސް ނަޖީބް ޚާން ވިދާޅުވިއެވެ. އުރީދޫ އެމް ފައިސާއިން ލިބޭ އިތުރު ޚިދުމަތްތަކުގެ ތެރޭގައި އުރީދޫ ފޯނު ބިލް ދެއްކުމާއި، ސުޕަރނެޓްގެ ޚިދުމަތާއި ފަސޭހަ ބްރޯޑް ބޭންޑް، މީޑއާނެޓް އަދި ސްޓެލްކޯ ކަރަންޓް ބިލް ދެއްކުމުގެ ޚިދުމަތް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ