މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވުމަށް ނިންމަވާފައިވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ރިޔާސީ އިންތިޚާބަށް ކުރިމަތި ލުމަށް ބޭނުންވާ މީހުންގެ ސޮއި ހޯއްދަވައިފިއެވެ.
މިއަދު އުމަރުގެ ރަސްމީ ފޭސްބުކް ޕޭޖްއިން ކޮށްފައިވާ ޕޯސްޓްއެއްގައި ބުނެފައިވަނީ މިއަހަރު ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމަށް ބޭނުންވާ ސޮއި ހޯއްދަވާފައިވާ ކަމަށާއި އަދި މި ސޮއި ހޯދުމަށް ހިލޭސާބަހަށް ހަރަކާތްތެރިވި ފަރާތްތަކަށާއި ސޮއި ކުރެއްވި ހުރިހާ ބޭފުޅުންނަށް އިޚްލާސްތެރި ކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ. 2022 މީހުންނަށްވުރެ ގިނަ މީހުންގެ ސޮއި ހޯއްދަވާފައިވާއިރު އުމަރު ކުރެއްވި ޕޯސްޓްގައި ބުނެފައިވަނީ "މިހަފްތާގައި އަޅުގަނޑު ގޮތެއް ނިންމަވާނެ" ކަމަށެވެ.
ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް 4 ބޭފުޅަކު މިހާތަނަށް ޝަޢުޤުވެރިކަން ފާޅު ކޮށްފައިވާ އިރު، މިހާތަނަށް އިންތިޚާބުގައި ވާދަ ކުރެއްވުމަށް ނިންމަވާފައިވާ ފަރާތްތަކުގެ ތެރެއިން އިލެކްޝަންސްއަށް ނަން ހުށަހަޅާފައިވަނީ އިދިކޮޅު ކެންޑިޑޭޓް އިބްރާޙިމް މުޙައްމަދު ޞާލިޙްއެވެ. އުމަރު މީގެ ކުރިން "ވަގުތު" އަށް ދެއްވާފައިވާ އިންޓަރވިއުއެއްގައި ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބަށް ކުރި މަތި ލައްވާނީ އެންމެ ފަހު ވަގުތުގައި ކަމަށެވެ.
އިދިކޮޅު ފަރާތްތަކުންނާއި ސަރުކާރުން ރިޔާސީ އިންތިޚާބަށް ކެންޕެއިން ކުރެއްވި ކަމުގައި ވީނަމަވެސް، އަމިއްލަ ގޮތުން ކުރިމަތި ލައްވާ ދެބޭފުޅުންގެ ފަރާތުން ކެންޕެއިން ނުކުރައްވާކަން ފާހަގަ ކުރެވެއެވެ. މިގޮތުން އުމަރު ނަސީރުވެސް އޭނާގެ މެނިފެސްޓޯ ފޭސްބުކް ވީޑިއޯއެއް މެދުވެރިކޮށް އާއްމު ކުރައްވާފައިވާއިރު، މީގެ އިތުރުން އެއްވެސް ހަރަކާތެއް ކުރިޔަށް ދާ ކަމަށް އެނގިފައެއް ނުވެއެވެ.
އިންތިޚާބަށް ބޭނުންވާ ސޮއި އުމަރު ހޯއްދަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ