ރާއްޖޭގެ އެކި ހިސާބުތަކުގައި ޚިދުމަތްތަކުން މަހުރޫމްވެފައިވާ އެތައް ރައްޔިތުންނެއް އެބަތިބި ކަމަށާއި އެރައްޔިތުން އެހާލުގައި ތިބެން ޖެހުނީ ސަރުކާރުން ރައްޔިތުންގެ ހާލަތު ނުބެލުމުން ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ވ.އަތޮޅާއި މ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މ.ދިއްގަރު ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ފައިސަލް ވިދާޅުވީ ރަށްރަށަށް އެބޭފުޅުން ޒިޔާރަތް ކުރެއްވުމުން ރައްޔިތުންގެ އޯގާތެރިކަން ވަރަށް ބޮޑަށް ފެނިގެންގޮސްފައިވާ ކަމަށާއި އެއިން ދައްކުވައިދެނީ ވެރިކަމަށް އަންނަ ބަޔަކު ރައްޔިތުންނަށް އެތައް ގުނައެއް އިތުރަށް އޯގާތެރިވާން ޖެހޭކަން ކަމަށެވެ. ފައިސަލް ވިދާޅުވީ ރައްޔިތުންގެ އަޑުއަހައި ބޭނުންތައް ފުއްދައިދޭން ޖެހޭ ކަމަށެވެ. ރައްޔިތުންގެ ތަރައްގީއަށާއި އަސާސީ ބޭނުންތަކަށް ޚަރަދުކުރަނީ ވަކި މީހެއްގެ ފައިސާއިން ނޫން ކަމަށާއި އެއީ ރައްޔިތުންގެ ފައިސާއިން ކުރާ ކަމެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.
"ރައްޔިތުން އެދެނީ ޓެކްސްގެ ގޮތުގައާއި އެނޫން ގޮތުގައި ދައްކާ ފައިސާއިން ތިމަންނާމެނަށް ކަންތައްތައް ކޮށްދޭށޭ. އެއްވެސް ހާލެއްގައި ވަކި މީހެއްގެ ޖީބުން ވަކި މީހެއްގެ ފައިސާއިން ކަންތައްތައް ކޮށްދޭކަށް ނޫން. އަޅުގަނޑުމެންގެ ސަރުކާރެއްގައި މަސައްކަތް ކުރާނީ އެގޮތަށް. ރައްޔިތުންގެ އިހުސާސްތަކާއި ރައްޔިތުންގެ ވިންދު ދެނެވަޑައިގެން ހުންނެވި ބޭފުޅެއް އަޅުގަނޑުމެންގެ ކެންޑިޑޭޓަކީ" ފައިސަލް ވިދާޅުވިއެވެ.
ދިއްގަރަށްފަހު ފައިސަލް ވަޑައިގަތީ އެއަތޮޅު ރަތްމަންދޫއަށެވެ. ރަތްމަންދޫއަށް ވަޑައިގެން ފައިސަލް ވިދާޅުވީ ރަށްގިރުމުގެ މައްސަލައާއި ސިއްހީ ޚިދުމަތް ނުލިބުން ފަދަ ކަންކަން އެރަށުން ފާހަގަވާ ކަމަށެވެ. ރަށް ކުޑަވުމަކީ އަދި އާބާދީ ކުޑަވުމަކީ އަސާސީ ޚިދުމަތްތަކުން ރައްޔިތުން މަހުރޫމްވާންޖެހޭ ކަމެއް ނޫން ކަމަށާއި ކިތަންމެ މަދު ބަޔަކު އުޅުނަސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދޭން ޖެހޭ ކަމަށެވެ. ޚިދުމަތްތަކުން މަހުރޫމްވެފައި ރާއްޖޭގެ އެކި ހިސާބުތަކުގައި ރައްޔިތުންތަކެއް ތިބީ އެރައްޔިތުންގެ ހާލަތު ސަރުކާރުން ނުބެލުމުން ކަމަށާއި އެހެންނޫންނަމަ އެހާލަތުގައި އެރައްޔިތުން ތިބެން މިއަދު ނުޖެހުނީސް ކަމަށް ފައިސަލް ވިދާޅުވިއެވެ.
"މިކަންތައްތައް ކުރުމުގައި އެންމެ އެކަށީގެންވާ ގޮތަށް އޭގެ ތެރެއިން އިސްރާފު ނުވާ ގޮތަށް ޕްރޮޖެކްޓްތައް ހިންގާނަމަ ވެސް މިރަށްރަށުގެ ކަންކަން އޮންނާނީ ކުރެވިފައި. އަޅުގަނޑުމެންގެ ސަރުކާރެއްގައި އިސްރާފު ކުޑަކޮށް، ރައްޔިތުން އެންމެ އެދޭގޮތަށް ނަތީޖާ ނެރުމަށް މަސައްކަތް ކުރާނަން" ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ އެބޭފުޅުންގެ ވެރިކަމެއްގައި ރައްޔިތުންގެ އަޑު އަބަދުވެސް އަހާނެ ކަމަށެވެ. ސިޔާސީ އެތައް ބޭފުޅަކު ޖަަލަށްލާފައިވާއިރު އެކަންކަން ރައްޔިތުން ބަލައިނުގަންނަ ކަމަށާއި ސަރުކާރުގެ އަނިޔާވެރިކަމާމެދު ރައްޔިތުން ތިބީ ވަރަށް ބޮޑަށް ނުރުހިފައި ކަމަށެވެ. ރާއްޖެ އަމާން ތަނަކަށް ވެގެންދާނީ އަދުލުވެރިކަމާއި އިންސާފު ގާއިމުކުރެވިގެން ކަަމަށާއި ގުޅިފައިވާ ޕާޓީތަކުން އެކަން ކުރާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.
ގުޅިފައިވާ ޕާޓީތަކުގެ ރަނިންމޭޓް ފައިސަލް ނަސީމް ވ.އަތޮޅާއި މ.އަތޮޅަށް ކުރައްވާ މިދަތުރުފުޅުގައި އިއްޔެ ވ.އަތޮޅުގެ ރަށްތަކަށް ވަޑައިގެންފައިވާއިރު މިއަދު ޒިޔާރަތް ކުރައްވަމުން ގެންދަވަނީ މ.އަތޮޅުގެ ރަށްތަކަށެވެ.
ރައްޔިތުން ޚިދުމަތްތަކުން މަހުރޫމްވެފައި ތިބީ ހާލަތު ނުބެލުމުން: ފައިސަލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ