މައުމޫން ނަޝީދަށް ފާޑު ވިދާޅުވެއްޖެ

އެމްޑީޕީގެ ތިން އަހަރުގެ ވެރިކަމުގައި ފެނިގެން ގޮސްފައި ވަނީ ރައްޔިތުން ދެކެން ބޭނުންވި މަންޒަރެއް ނޫން ކަމަށާއި އެ ތިން އަހަރުގައި ރާއްޖެ އަށް ގިނަ ދަތިތަކަކާއި ކުރިމަތިލާންޖެހުނު ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފާޑުވިދާޅު ވެއްޖެ އެވެ.
ކުރީގެ ރައީސް މައުމޫން ނަޝީދަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކެވީ "ގުޅިގެން މަޖިލިސް ވެސް ޔަގީން" މި ނަމުގައި ޕީޕީއެމް ކޯލިޝަނުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ތިން އަހަރުގެ ވެރިކަމުގައި ރާއްޖޭން އިސްލާމްދީނާއި ދިވެހި ރައްޔިތުންގެ މިނިވަންކަން ގެއްލިގެން ދިއުމުގެ ބިރު ހީވި އިރު، ފެނިގެންގޮސްފައި ވަނީ ޑިމޮކްރަސީ "ކަތިލި" މަންޒަރު ކަމަށެވެ. އަދި އެއީ ދެން ދިވެހި ރައްޔިތުން ދެކެން ބޭނުންވާ މަންޒަރެއް ނޫން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"އެ ތިން އަހަރާއި ބައިގެ ތެރޭގައި ރާއްޖޭގައި އިސްލާމްދީން ނެތިގެން ދިއުމުގެ ބިރު ހީވާ ދަރަޖައަށް ކަންތައްތައް ދިޔަ. މިނިވަންކަން ގެއްލިގެން ދިއުމުގެ ބިރު ހީވާ ދަރަޖައަށް ކަންތައްތައް ދިޔަ. އިގްތިސާދު 'ވީރާނާވެ' ހަލާކުވެ ފުން ވަޅުގަނޑަކަށް ވެއްޓިގެން ދިޔަ މަންޒަރު އޮތީ ފެނިފައި. ޑިމޮކްރަސީ ކަތިލެވުނު މަންޒަރު ވެސް ވަނީ ފެނިފައި،" ރައީސް މައުމޫން ވިދާޅުވި އެވެ.
މީގެ އިތުރުން ޑިމޮކްރަސީގެ ނަމުގައި ލާއިންސާނީ އަދި ޑިމޮކްރަސީ އާ ހިލާފު އަމަލުތަކެއް ވެސް އެމްޑީޕީ ސަރުކާރުގައި ފެނިގެންގޮސްފައިވާ ކަމަށް މައުމޫން ތުހުމަތު ކުރެއްވި އެވެ.
"ޑިމޮކްރަސީގެ ނަމުގައި ރައްޔިތުންގެ މަޖިލިސް ހިސާރުކުރުމާއި ސުޕްރީމް ކޯޓުގައި ތަޅު އެޅުވުމާއި ގާޒީން ހައްޔަރުކުރުމާއި އަދި އެއްވެސް ކުށެއް ނެތް ސިޔާސީ ލީޑަރުން ހައްޔަރުކުރުމާއި މިކަހަލަ ކިތަންމެ ލާއިންސާނީ އަދި ޑިމޮކްރަސީ އާއި ހިލާފު އަމަލުތަކެއް ވަނީ ފެނިފައި،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް ކަމަށް ވަޑައިގަންނަވާ ބޭފުޅުންނަކީ ފަސް އަހަރު ރައްޔިތުންގެ ހިދުމަތުގައި ހުންނަން ޖެހޭނެ މީހެއް ކަމަށް ފާހަގަ ކުރައްވައި މައުމޫން ވިދާޅުވީ ނަޝީދަށް "ފަސް އަހަރު ފުރިހަމަ ކުރައްވަން ކެރިވަޑައި ގުނެންނެވި" ކަމަށެވެ.
ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށް ކުރިމަތިވި ކަންތައްތަކަށް ވުރެ މާ ބޮޑެތި ކަންތައްތަކެއް ރާއްޖޭގެ ކުރީގެ ތާރީހުގައި ހިނގާފައިވާ ކަމަށާއި ނަމަވެސް އެކަންތައްތަކުގެ ތެރޭގައި ވެސް ދިވެހި ގައުމާއި ދީނަށް ޓަކައި އޭރުގެ ސަރުކާރުގެ އެއްވެސް އިސް ބޭފުޅަކު އިސްތިއުފާ ދީފައިނުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ރައީސް ނަޝީދު އިސްތިއުފާދެއްވުމަށް ދިމާވި ކަންތައްތަކަށް ވުރެ މާ އުދަނގޫ ބުރަ ހިތްދަތި އަދި ހިތާމަވެރި ކަންތައްތަކެއް ކުރިން ދިމާވެފައިވާ އޮތް. މިސާލަކަށް ތިނެއް ނޮވެމްބަރު ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި ވެސް ސަރުކާރުގެ އިސްވެރިންގެ ފުރާނަ ގެއްލިގެން ގޮސްފައިވާނެ ކަމުގެ ބިރު އޮތް ނަމަވެސް އެ ދުވަހު އެއްވެސް ވެރިއަކު އިސްތިއުފާއެއް ނުދެއްވާ. ގެއަކަށް ވަޑައެއް ނުގަންނަވާ، ސާބިތު ކަމުގައި ތިއްބެވީ،" ރައީސް މައުމޫން ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު ވިދާޅުވީ މިހާރުގެ ރައީސް އަބްދުﷲ ޔާމީންއަކީ އެގޮތަށް އިސްތިއުފާ ދެއްވާފައި ވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށާއި އެމަނިކުފާނު ސާބިތު ކަމާއި އެކުގައި ރައްޔިތުންދީފައިވާ މުއްދަތު ކާމިޔާބު ކަމާއި އެކީގައި ފުރިހަމަކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން މި ސަރުކާރަކީ ވައުދު ފުއްދާ ސަރުކާރެއްކަން އެންމެންނަށް އެނގިގެން ގޮސްފައިވާ ކަމަށް ފާހަގަ ކުރައްވައި ރައީސް މައުމޫން ވިދާޅުވީ އެފަދަ ސަރުކާރަކަށް ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން ފުރިހަމަ ގޮތުގައި ލިބިގެންދާނީ ރައްޔިތުންގެ މަޖިލީހުގެ އަގްލަބިއްޔަތު ވެސް ލިބިގެން ކަމަށެވެ.
"ވަރަށް ގިނަ ކަންތައްތަކަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިގެން ކުރެވެން ހުންނަ ކަންތައްތައް. ސަރުކާރުން ކިތަންމެ މުހިއްމު ކަމެއް ބޭނުންފުޅު ވިޔަސް، ކިތަންމެ ފައިދާ ހުރި ޕްރޮޖެކްޓެއް ނުވަތަ މަޝްރޫއެއް ތަންފީޒުކުރަން ބޭނުންފުޅު ވިޔަސް، އެކަމަށް ބޭނުންވާ ފަސޭހަތަށް ލިބިގެންނުދާ ނަމަ އެކަމެއް ކާމިޔާބެއް ނުވާނެ. މިކަން ކުރިއަށް ގެންދެވޭނީ ރައްޔިތުންގެ އެއްބާރުލުމާއި އެކީގައި. ރައްޔިތުންގެ މަޖިލީހުގެ އެއްބާލުމެއް ޔަގީން ކުރެވޭނީ ޕްރޮގްރެސިވް ކޯލިޝަނަށް ލިބިގެން،" ރައީސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ