ފާރިސް މައުމޫން ވެރިކަމަށް ކުރިމަތިލާން ގޮވާލައި ކެމްޕޭނެއް

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ކުރީގެ މަޖިލިސް މެންބަރު އަދި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ދޮށީ ފިރިހެން ދަރިކަލުން ފާރިސް މައުމޫނު ވާދަކުރައްވަން ގޮވާލައި ސޯޝަލް މީޑިއާގައި ކެމްޕޭނެއް ފަށައިފި އެވެ.
ވީ ކިހިނެއް؟ - ސަރުކާރު ހިންގާ ކޯލިޝަންގައި ވެސް ހިމެނޭ އެމްއާރުއެމްގެ ރައީސްކަން ކުރައްވާ ފާރިސް ފަދަ "ޒުވާން، 'އިހުލާސްތެރި" ވެރިޔަކު ރާއްޖޭގެ ވެރިކަމަށް ގެންނަން ޖެހޭ ކަމަށް ބުނެ ކެމްޕޭނު ކުރާ އަޑު މި ދެތިން ހަފްތާގެ ތެރޭގައި ގަދަ ވެފައި ވާއިރު، ފާރިސްއަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓުތައް ކުރާ ޕޭޖުތަކާއި އެކައުންޓުތައް ވެސް ވަނީ ހަދައިފަ އެވެ.
ތަފްސީލް - 'ފާރިސް ފޯ ޕްރެޒިޑެންޓު' އަދި 'ފާރިސް2023' ގެ ނަމުގައި ޓުވިޓާގައި #ފާރިސް2023 ހޭޝްޓެގާ އެކު ކުރާ ޕޯސްޓުތައް ވެސް ފެންނަ މިންވަރު ވަނީ އިތުރުވެފަ އެވެ.
އެމްއާރުއެމްގެ ބަސް - ފާރިސް ވެރިކަމަށް ކުރިމަތިލައްވަން ތާއީދުކޮށް ސޯޝަލް މީޑިއާގައި ކުރާ ކެމްޕޭނާ ގުޅޭ ގޮތުން ސުވާލުކުރުމުން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް މިއަދު 'ދައުރު'އަށް ވިދާޅުވީ އެ ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަކުރުމާ ގުޅޭ ގޮތުން އަދި ގޮތެއް ނުނިންމާ ކަމަށެވެ.
"މަޝްވަރާތައް ކުރިއަށް ދަނީ. އަދި ރަސްމީކޮށް ވަކި ގޮތެއް ނުނިންމާ. މި މަސް ނިމޭއިރަށް ޑެސިޝަންއެއް ނެގޭނެ ކަމަށް ބަލަނީ،" އޭނާ ވިދާޅުވި އެވެ.
އެނގުން މުހިންމު - މައުމޫންގެ އެއްބަފާ ކޮއްކޯފުޅު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަކި ހިސާބަކުން ޔާމީނާ ދެކޮޅަށް މައުމޫން ނުކުންނަވައި އެ ސަރުކާރާ ދެކޮޅަށް މިހާރުގެ ވެރިކަންކުރާ ކޯލިޝަނާ ގުޅިގެން ކުރި މަސައްކަތުގައި ފާރިސް އިސް ދައުރެއް އަދާކުރެއްވި އެވެ.
އޭގެ ފަހުން، 2019ގައި ބޭއްވި މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން މައްޗަންގޮޅި އުތުރު ދާއިރާއަށް ފާރިސް ކުރިމަތިލެއްވި އެވެ. ނަމަވެސް، އެ އިންތިހާބުން ބަލިވުމާ އެކު، އޭނާ ވަނީ ސިޔާސީ މައިދާނުން އެކީހެން ގެއްލިފަ އެވެ.
ގުޅުން ހުރި ކަމެއް - އަންނަ ސެޕްޓެމްބަރު 9ގައި ބާއްވާ އިންތިހާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާނުކުރައްވާފައިވަނީ:
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް 
މިހާރު 11 އަހަރުގެ ޖަލު ހުކުުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެެ ރައީސް ޔާމީން
ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް 
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
އިންތިހާބުގައި ވާދަކުރުމާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީން ވަކި ގޮތެއް އަދި ނުނިންމަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ