އައްޑޫ ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރައްވަނީ ސޯބެ އާއި ޞާދިޤް އެކަނި

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމުގެ މުއްދަތު ހަމަވީއިރު، އެ ގޮނޑިއަށް ކުރިމަތިލީ އެންމެ ދެ ކެނޑިޑޭޓުންކަން އިލެކްޝަންސް ކޮމިޝަނުން މިއަދު ހާމަކޮށްފިއެވެ. ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ގޮނޑި ފުރުއްވަމުން ގެންދެވި ކުރީގެ މެންބަރު މުޙައްމަދު ސިނާން (ސިނާ) އާއި އިތުރު ބަޔަކު އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދެއްކުމުގެ ސަބަބުން، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އޭޕްރިލް މަހުގެ 12ވަނަ ދުވަހު ކަނޑައެޅުމާ ގުޅިގެންނެވެ. އެހެންވެ، އިލެކްޝަންސް ކޮމިޝަނުން ވަނީ، އޭޕްރިލް މަހުގެ 14ވަނަ ދުވަހުން ފެށިގެން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް، ބައި-އިލެކްޝަނަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފައެވެ. އޭގެ ފަހުން އެ މުއްދަތު މިއަދު މެންދުރުފަހު ތިނެއް ޖަހަންދެން އިތުރުކުރިއެވެ. މިއަދު އެ ކޮމިޝަނުން ބުނީ، އެ މުއްދަތުގައި ހިތަދޫ އުތުރު ދާއިރާއަށް ކުރިމަތިލެއްވީ ދެ ކެނޑިޑޭޓުން ކަމަށެވެ. އެއީ ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަޙްމަދު ސަޢީދު (ސޮޑާ) އާއި، އިދިކޮޅު އެމްޑީޕީގެ ފަރާތުން އައްޑޫގެ ކުރީގެ މޭޔަރު ޢަބްދުالله ޞާދިޤް (ސޯބެ)އެވެ. އެ ދެ ބޭފުޅުންގެ ތެރެއިން ސޯބެއަށް އެމްޑީޕީގެ ޓިކެޓު ލިބުނީ، އެމްޑީޕީން ހުޅުވާލި ފުރުސަތުގައި އިތުރު މެންބަރަކު އެ ޕާޓީގެ ޓިކެޓަށް ވާދަކުރައްވައިފައިނުވާތީއެވެ. އަދި ސަޢީދަށް ޕީއެންސީގެ ޓިކެޓު ލިބުނީ، ސިނާނަށް ޓިކެޓު ލިބިވަޑައިގެންފައިވަނިކޮށް، އޭނާގެ ނަން ނެންގެވުމާ ގުޅިގެންނެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ، ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އޮންނާނީ އަންނަ ޖޫން މަހުގެ ހަވަނަ ދުވަހު ކަމަށް އިއުލާންކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ